ނިޔާޒު ހައްޔަރު ކުރުމުން އިންތިހާބަށް ވަމުންދާ ތައްޔާރީތަކަށް ހުރަސް އެޅޭނެ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ހައްޔަރު ކުރުމުން އެޕާޓީގެ ހިންގުމަށާއި، ކައުންސިލް އިންތިހާބަށް ވަމުންދާ ތައްޔާރީތަކަށް ހުރަސް އެޅިގެންދާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ނިޔާޒު ހައްޔަރު ކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގައި ޗެއާޕާސަނެއް ނެތް ދަނޑިވަޅެއްގައި ނިޔާޒު ހައްޔަރު ކޮށްފައިވަނީ ސިޔާސީ ނުފޫޒެއްގެ ދަށުން ލޯކަލް ކައުންސިލް އިންތިހާބަށް އެ ޕާޓީން ވަމުންދާ ތައްޔާރީތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.

"މި ޕާޓީން ދެކޭ ގޮތުގައި، މިފަދަ ޚައްސާސީ ދަނޑިވަޅެއްގައި ޢަލީ ނިޔާޒު ހައްޔަރުކުރެއްވީ ސިޔާސީ ނުފޫޒެއްގެ ދަށުން ސީދާ ލޯކަލް ކައުންސިލް އިންތިޚާބަށް މި ޕާޓީން ވަމުންދާ ތައްޔާރީތައް ހުއްޓުވައި، މި ޕާޓީގައި ޗެއާޕާސަނަކު ނެތް ދަނޑިވަޅެއްގައި ޕާޓީ ހިންގުމަށް ހުރަސް އެޅުމުގެ ބޭނުމުގައެވެ..،" އެމްޑީޕީން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ ނިޔާޒަކީ އެ ޕާޓީގެ މާލީ ކަންތައްތައް ބަލަހައްޓަވާ ފަރާތުގެ އިތުރުން އޭނާ އަކީ ލޯކަލް ކައުންސިލް އިންތިހާބަށް ލަފާދޭން އިލެކްޝަންސް ކޮމިޝަނުން އުފައްދަވާފައިވާ ކޮމިޓީގައި އެމްޑީޕީ ތަމްސީލުކުރައްވާ މެމްބަރު ކަމަށާއި، އެކަމުގެ ސަބަބުން އެ ޕާޓީން ކައުންސިލް އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.

އެ ބަޔާނުގައި ނިޔާޒު ހައްޔަރުކުރި ކުރުމަކީ ގާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އަރައިގަތުން ކަމުގައި އެމްޑީޕީން ދެކޭ ކަމަށާއި، ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތުދީ ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ވުމަށް ފުލުހުންނަށް ގޮވާލައްވާފައިވެ އެވެ.

ފުލުހުން އަލީ ނިޔާޒު ހައްޔަރުކުރީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސްކުރުމަށް ގޮވާލައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން އިއްޔެ ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި މުޒާހަރާގައި ހުންނަވަނިކޮށެވެ.

އަލީ ނިޔާޒުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ އޭނާ ހަތް ދުވަހަށް ގޭބަންދަށް ބަދަލު ކުރައްވައިފަ އެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ އެއްވުން މަނާތަނަކަށް އެއްވުމަށް ގޮވާލައި އަމަން ނަގާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައިވާގޮތުން ސަރުކާރުގެ ހުއްދަ ނެތި މާލޭގައި މުޒާހަރާ ކުރުމަކީ މަނާ ކަމެކެވެ.

comment ކޮމެންޓް