ރީނދޫ: އާދަޔާ ޚިލާފު ސިއްޙީ ފައިދާތަކެއް ލިބިދޭ އެއްޗެއް

ހަވާދުގެ ބާވަތެއް ކަމަށްވާ ރީދޫއަކީ އާދަޔާ ޚިލާފު ބޮޑެތި ސިއްޙީ ފައިދާތަކެއް ހިމެނޭ އެއްޗެކެވެ. ރީނދުލުގައި ވިޓަމިން އޭ، ބީ، އީ އަދި ކޭ، ވަރަށް ގިނައެވެ. އަދި މެގްނަސިޔަމް، ދަގަނޑު، ކެލްސިޔަމް، އަދި ފައިބަރގެ އިތުރުން އެންޓި އޮކްސިޑެންޓްސްގެ މާއްދާތައްވެސް އޭގައި ވަރަށް ގިނައެވެ. އެންޓި އޮކްސިޑެންޓްސް އަކީ ނުބައި ކޮލެސްޓްރޯލް ދަށްކޮށް ދިނުމުގެ އިތުރުން ހިތާއި ނާރުތަކުގެ ބައްޔާއި ކެންސަރާއި ސްޓްރޯކް ފަދަ ބަލިތަކުން ސަލާމަތްކޮށްދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ މާއްދާތަކެކެވެ.

މީގެއިތުރުން ރީނދުލަކީ ހަށިގަނޑުގައިވާ ވިހަތައް ބޭރުކޮށްދީ ގޮހޮރާއި ހަޖަމު ކުރުމުގެ ނިޒާމުގައި ހިމެނޭ އެހެން ގުނަވަންތައް ސާފުކޮށްދީ ޑިޓޮކްސް ކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެއް ވެސް މެއެވެ.

ތިރީގައި މިވަނީ ރީނދޫ ބޭނުންކުރުމުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ތެރެއިން ބައެއް ފައިދާތަކެވެ.

ހަޖަމު ރަނގަނޅުކޮށްދިނުން: ކާއިރު ރީނދޫ ބޭނުންކުރުމުން ހަޖަމު ކުރުމަށް ބޭނުންވާ ގެސްޓްރިކް ޖޫސްތައް އުފައްދާ މިންވަރު އިތުރުކޮށްދީ ހަމަޖަމު ރަނގަނޅުކޮށްދެއެވެ. އަދި ގޮހޮރުގައި އުފެދޭ ނުބައި ބެކްޓީރިޔާ ނައްތާލުމާއި ގޮހޮރުގެ ފާރުތައް ފަސޭހަ ކޮށްދިނުމުގައިވެސް ރީނދޫ މުހިއްމު ދައުރެއް އަދާކުރެއެވެ.

ކެންސަރު އުފެދުން ހުއްޓުވުން: ރީނދޫ ބޭނުންކުރުމަކީ ކެންސަރު ޖެހުމުގެ ފުރްސަތު ކުޑަކޮށްދޭ ކަމެކެވެ. ކެންސަރު ސެލްތަކަކީ އެކިއެކި ސަބަބުތަކާ ގުޅިގެން ހަށިގަނޑުގައި އުފެދޭ އެއްޗެކެވެ. ކެންސަރު ސެލްތައް އުފެދުމާއި ޓިއުމަރުފަދަ ތަކެތި އުފެދުން މަނާކުރާ އެންޓި އޮކްސިޑެންޓްސްގެ އެތަށް ކޮންޕައުންޑްތަކެއް ރީނދޫގައި ހުންނަކަމަށް ވެއެވެ. ކާއިރު އާންމުކޮށް ރީނދޫ ބޭނުންކުރާނަމަ ޕްރޮސްޓޭޓް ކެންސަރާއި އުރަމަތީ ކެންސަރާއި ގޮހޮރުގެ ކެންސަރާއި ގޯލްޑް ބްލެޑާގެ ކެންސަރު ޖެހުމުގެ ފުރްސަތު ކުޑަކޮށްދެއެވެ.

ހަކުރުބަލިން ސަލާމަތްކޮށްދިނުން: ކަރކެމިން ނަމަކަށްކިޔާ ކޮންޕައުޑެއް ރީނދުލުގައި ވެއެވެ. މިއީ އިންސިއުލިން އުފައްދައި ދިނުމާއި ހަކުރުބަލިން ދިފާއުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާއެކެވެ. އެހެންކަމުން ހަރުބަލީގެ މީހުންނަށް ރީނދުލަކީ ވަރަށް ރަނަގަނޅު އެއްޗެކެވެ. އެއީ ހަށިގަނޑުގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމުގެ ގާބިލްކަން އޭގައި ވާތީއެވެ. ކެއުމަށްޓަކައި ރިހަ ނޫނީ ތަރުކާރީއާއި މަސްފަދަ ތަކެތި ތައްޔާރުކުރާއިރު ރީނދޫ އަޅައިގެން އެތަކެތި ތައްޔާރު ކުރުމަކީ ރީނދުލުން ލިބޭ ފައިދާ ހާސިލްކުރެވޭނެ ކަމެކެވެ. ރީނދުލުގައި ކަރކެމިން އެކުލެވޭތީ އެއީ އެންސިއުލިން އުފައްދާ ގުނަވަންކަމަށްވާ ޕެންކްރިޔަސްގެ ސިއްހަތު ސަލާމަތްކޮށްދޭ އެއްޗެކަށްވަނީ ވެފައެވެ.

ފާރުވާތަންތަން އަވަހަށް ފަސޭހަކޮށްދިނުން: ރީނދުލުގައި ބެކްޓީރިޔާ ނައްތާލުމުގެ ގާބިލްކަން ވެއެވެ. އަދި އެއީ ހަށިގަނޑުގައި ބެކްޓީރިޔާގެ އިންފެކްޝަން ފެތުރިގެން ދިޔުން ހުއްޓުވުމުގައިވެސް މުހިއްމު ދައުރެއް އަދާކުރާއެއްޗެކެވެ. އަދި ފާރުވެފައިވާ ތަންތަން ސާފުކުރުމުގައިވެސް ރިނދޫ އަޅާފައިވާ ފެން ބޭނުންކުރުމަށް ސިއްޙަތާބެހޭ ތަޖްރިބާކާރުން ލަފާދެއްވާފައިވެއެވެ. އެއީ އޭގައި ސާފުކޮށްދިނުމާއި ބެކްޓީރިޔާ ނައްތާލުމުގެ ގާބިލްކަން ވާތީއެވެ.

ހުޅުތަކުގެ ރިއްސުމަށް ލުއި ލިބުން: ކާއިރު ރީނދޫ ބޭނުންކުރުމަކީ ހުޅުތަކުގެ ރިއްސުމަށް ލުއިލިބޭނެ ކަމެކެވެ. ނަމަވެސް މިލުއި ލިބޭނީ މަހެއްހާ ދުވަސްވަންދެން ކޮންމެ ދުވަހަކު ކޮންމެވެސް އެއްފަހަރަކު ރީނދޫ އަޅާފައިވާ ކާނާއެއް ކަމުން ގެންދިޔުމުންނެވެ. ނުވަތަ އާންމުކޮށް މިފަދަ ކެއުންތައް ބޭނުން ކުރަމުންގެންދިޔުމުންނެވެ. ހަށިގަނޑުގެ ހުޅުތަކުގެ ސިއްހަތު ރައްކާތެރިކޮށްދޭ އެތަށް މާއްދާއެއް ރީނދުލުގައި ވެއެވެ.

މީގެއިތުރުންވެސް ސިއްޙީ އެތަށް ފައިދާއެއް ރީނދުލުގައި ހިމެނެއެވެ. މީގެތެރޭގައި ލޭ ސާފުކޮށްދިނުމާއި ހަށިގަނޑުގައިވާ ފެޓް ވިރުވައިދިނުމާއި ނުބައި ކޮލެސްޓްރޯލް ދަށްކޮށްދިނުންފަދަ ކަންކަން ހިމެނެއެވެ. ރީނދޫ ބޭނުން ކުރެވިދާނެ ގޮތްތަކުގެ ތެރޭގައި މުގުރާފައިވާ ރީނދޫ ފެނަށް އަޅައިގެން ބުއިމާއި ކެއުމުގެ ބާވަތްތައް ތައްޔާރުކުރާއިރު ރީނދޫ އެޅުން ހިމެނެެއެވެ.

comment ކޮމެންޓް