އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި، އިންތިޚާބު ފެބްރުއަރީގައި

އަލީ ވަހީދާއި އިބްރާހިމް މުހައްމަދު ސާލިހު: އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި-- ސަން ފައިލް ފޮޓޯ

އިދިކޮޅު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައި ވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، އެ މަގާމަށް މީހަކު އިންތިހާބު ކުރުން އަންނަ ފެބްރުއަރީ މަހުގައި ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކަމަށާއި، އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ހުޅުވާފައިވާ ކަމަށެވެ.

އެ ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމު ހުސްވެފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، ޕާޓީ އާއި ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބަލައި ޖަމާއަތުގެ ފައިދާއަށްޓަކައި އެ މަގާމު ރާއްޖޭގައި ގާއިމުވެ ހުރި ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ވަކި ވުމުގެ އިތުރުން އޭނާ ވަނީ އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ)ގެ ނައިބު ލީޑަރު ކަމުންވެސް އިސްތިއުފާ ދެއްވައިފައެވެ. އެ މަގާމުތަކުން އިސްތިއުފާ ދެއްވައި، އެމްޑީޕީއަށް އޭނާ ފޮނުވި ސިޓީގައި ވިދާޅުވީ ޗެއާޕާސަން ކަމުގެ މަގާމުގައި ޕާޓީގެ މެމްބަރުންނަށް ހިދުމަތްކުރަން ލިބުނު ފުރުސަތަކީ ސިޔާސީ ހަޔާތުގައި އެންމެ އުފާވެރި އެއް ވަގުތު ކޮޅުކަމުގައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ކެންސަލްކޮށްފައިވާއިރު، އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

އިނގިރޭސި ވިލާތުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދު، އެގައުމަށް ވަޑައިގަތީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއަށް ފަހު، ފުލުހުން އޭނާ ހައްޔަރުކޮށް، ދޫކޮށްލުމާ އެކުއެވެ.

comment ކޮމެންޓް