މެލޭޝިއާގައި ބާއްވާ ދެ މުބާރާތެއްގައި ވާދަކުރަން ރާއްޖޭގެ ބޮޑީބޯޑަރުން ތައްޔާރު!

ރާއްޖޭގެ ބައެއް ބޮޑީބޯޑަރުން މެލޭޝިއާގައި: ގައުމީ ޓީމުގެ ހަތަރު ބޮޑީބޯޑަރުންނާއި އެމްބީބީއޭގެ ހަރަދުގައި ބޮޑީބޯޑަރަކާއި އަމިއްލަ ގޮތުން ތިން ބޮޑީބޯޑަރަކު ވާދަކުރާނެ މެލޭޝިއާގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރާނެ --- ފޮޓޯ/ އެމްބީބީއޭ

މެލޭޝިއާގައި ބާއްވާ ދެ މުބާރާތެއްގައި ވާދަކުރުމަށް ރާއްޖޭގެ ބޮޑީބޯޑަރުން ތައްޔާރުވެއްޖެ އެވެ.

މެލޭޝިއާގައި ކުރިއަށްގެންދާ އެ ދެ މުބާރާތުގައި ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ޓީމުގައި ހިމެނޭ ހަތަރު ބޮޑީބޯޑަރުންގެ އިތުރުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ހަރަދުގައި ބޮޑީބޯޑަރަކާއި އަމިއްލަ ގޮތުން ތިން ބޮޑީބޯޑަރަކު ވާދަކުރާނެ އެވެ.

ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ހަތަރު ބޮޑީބޯޑަރުންނަކީ ރާއްޖޭގެ ރޭންކިންގެ ގަދަ ހަތަރެއްގައި ހިމެނޭ ބޮޑީބޯޑަރުންނެވެ. އެއީ އެއްވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން (ކުޑަ އައްޔަ) އާއި، ދެ ވަަނަ މުހައްމަދު އިހުސާން (ޗިއްކޮ) އާއި، ތިން ވަނަ އަލީ ޖާވިދު (ޖާއްޓޭ) އަދި ހަތަރު ވަނަ އަލީ ޝާމް ރާފިއު އެވެ. އެމްބީބީއޭ ހަރަދުގައި ވާދަކުރާނީ ނަބީލް މުހައްމަދެވެ.

އަމިއްލަ ގޮތުން އެ މުބާރާތްތަކުގައި ވާދަކުރާ ބޮޑީބޯޑަރުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި އަރަމުން އަންނަ ޒުވާން ބޮޑީބޯޑަރުންތަކެކެވެ. އެއީ މޯލްޑިވްސް އޯޕަން 2015ގެ އެންމެ އުންމީދީ ބޮޑީބޯޑަރުގެ މަގާމަށް ހޮވުނު އަސްވާން މުހައްމަދު (ދޫނި) އާއި، އަހްމަދު ފައުޒާންގެ އިތުރުން މުހައްމަދު ހައިލަމް އެވެ.

ރާއްޖޭގެ ބައެއް ބޮޑީބޯޑަރުން މެލޭޝިއާގައި: ގައުމީ ޓީމުގެ ހަތަރު ބޮޑީބޯޑަރުންނާއި އެމްބީބީއޭގެ ހަރަދުގައި ބޮޑީބޯޑަރަކާއި އަމިއްލަ ގޮތުން ތިން ބޮޑީބޯޑަރަކު ވާދަކުރާނެ މެލޭޝިއާގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރާނެ --- ފޮޓޯ/ އެމްބީބީއޭ

މެލޭޝިއާގައި މި މަހުގެ 9 އިން 11 އަށް ކުރިއަށްގެންދާ 'ޗެރަޓިންގް އިންޓަނޭޝަނަލް ސާފް ޗެލެންޖް 2016'ގައި ވާދަކުރާނީ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ކުޑަ އައްޔަ އާއި، ޗިއްކޮ އާއި، ޖާއްޓޭ އާއި، ޝާމްގެ އިތުރުން އަމިއްލަ ގޮތުން ބައިވެރިވެފައިވާ ފައުޒާން އާއި ދޫނި އެވެ. އެ މުބާރާތް ކުރިއަށްދާނީ މެލޭޝިއާގެ ޗެރަޓިންގް ބީޗްގައެވެ.

މެލޭޝިއާގައި މި މަހުގެ 17 އިން 18 އަށް ކުރިއަށްގެންދާ 'ބޮޑީބޯޑިން އެޓޭކް 2016'ގައި ވާދަކުރާނީ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ ކުޑަ އައްޔަ އާއި، ޗިއްކޮ އާއި، ޝާމްގެ އިތުރުން އެމްބީބީއޭގެ ހަރަދުގައި ވާދަކުރާ ނަބީލް އާއި، އަމިއްލަ ގޮތުން ބައިވެރިވެފައިވާ ފައުޒާން އާއި، ދޫނި އަދި ހައިލަމް އެވެ. އެ މުބާރާތް ކުރިއަށްދާނީ މެލޭޝިއާގެ ކުއަންޓަންގައެވެ.

އެ މުބާރާތްތަކުގައި ވާދަކުރާ ބޮޑީބޯޑަރުންގެ ތެރެއިން ހަ ބޮޑީބޯޑަރެއް މިހާރު ހުރީ މެލޭޝިއާގައެވެ. އެއީ ކުޑަ އައްޔަ އާއި، ފައުޒާން އާއި، ދޫނި އާއި، ޗިއްކޮ އާއި، ޝާމް އަދި ޖާއްޓޭ އެވެ. މި މަހުގެ ދިހަ ވަނަ ދުވަހު ނަބީލް ފުރުމަށް ހަމަޖެހިފައިވާ އިރު، ހައިލަމް ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ދަތުރުގައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ފަރާތުން ބައިވެރިވެފައި ވަނީ އެ އެސޯސިއޭޝަންގެ މީޑިއާ ކޯޑިނޭޓަރު ހަސަން ރަޝީދު (ރަޝް) އެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ބޮޑީބޯޑިން އިން ރާއްޖޭން ވަނީ ގިނަ ކުރިއެރުންތަކާއި ކާމިޔާބީތަކެއް ހޯދައިފައެވެ. ނަމަވެސް މާލެ-ހުޅުމާލެ ބްރިޖްގެ މަސައްކަތް ކުރުމަށް ރާޅުގަނޑު ސަރަހައްދު ބަންދުކުރުމާ ގުޅިގެން ބޮޑީބޯޑަރުން ފަރިތަކުރުމަށް މާލޭގައި އެކަން ކުރެވޭނެ ގޮތެއް ހަމަޖެހިފައި ނެތުމުން ބޮޑީބޯޑަރުން ދަނީ އެކަމުގެ ދަތިތަކާ ކުރިމަތިލަމުންނެވެ.

comment ކޮމެންޓް