އަބުރުގެ މައްސަލައަކާ ގުޅިގެން ޝިފާޒް ފުލުހަށް ހާޒިރުވާން އަންގައިފި

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް --- ސަންފައިލް ފޮޓޯ

ފުލުސް އޮފީހަށް ހުށަހަޅާފައިވާ އަބުރާ ބެހުމުގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އެނގިފައިވާ ގޮތުން ޝިފާޒް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ހުށަހެޅުއްވި އަބުރުގެ މައްސަލައަކާ ގުޅިގެންނެވެ. "އެއީ އެމްޑީޕީގެ މެމްބަރުންނެއް ނޫން، އެޖެންޑާއަކީ ޕާޓީ ހަލާކުކޮށްލުން: ޝިފާޒް" މި ސުރުހީގެ ދަށުން މިހާރު ނޫހުގައި ލިޔެފައިވާ ހަބަރަކާ ގުޅިގެންކަން ވެސް ވަނީ އެނގިފަ އެވެ.

ޝިފާޒް ފުލުސް އޮފީހަށް ހާޒިރުވާން އެންގުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ފާސްކޮށް މިހާރު ޢަމަލުކުރަމުންދާ ގާނޫނުގެ ހަގީގީ ބޭނުކަމީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުންކަން ހާމަވަމުން އަންނަ ކަމަށެވެ.

ސެޕްޓެމްބަރު 20 ވަނަ ދުވަހު "މިހާރު" ނޫހުގައި ޝާއިއުކުރި ޚަބަރުގައި އެއްވެސް ފަރާތެއްގެ އަބުރު ގެއްލޭ ފަދަ ވާހަކައެއް ނެތް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

"މިފަދަ ކަންކަމަކީ ގާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ސީދާ ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން. އަދި ނޫސްވެރިކަކުގެ މިނިވަންކަމަށް އަރައިގަނެ، މިނިވަން ނޫސްވެރިކަން ނެތިކޮށްލައި ނޫސްވެރިނަށާއި ނޫސްތަކަށް ބިރު ދެއްކުން ކަމުގައި ދެކެން." އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިހާރު ނޫހުގައި ލިޔުނު އެ ހަބަރާ ގުޅިގެން ހަބަރު ލިޔުނު ނޫސްވެރިޔާ ފަޒީނާ އަހުމަދު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ބަޔާން ނަގާފަ އެވެ.

comment ކޮމެންޓް