ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރި މައްސަލަ އިލެކްޝަނުން އިސްތިއުނާފު ކޮށްފި

އީސީގެ މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ޖެނުއަރީ 14 ގައި ބާއްވަން މީގެކުރިން ތާވަލުކޮށްފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިލްކްޝަންސް ކޮމިޝަނުން ިއިސްތިއުނާފަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، އިންތިހާބު ފަސްކުރަން ކުރި ހުކުމް އިއްޔެ އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އަދި މައްސަލަ ބަލައިގެންކަން ޔަގީން ނުވާ ކަމަށެވެ.

ޕީޕީއެމްގެ ބައެއް ލިޔެކިޔުންތައް ގެއްލިގެން، ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމެރީ ނުބޭވޭތީ، "ހާލަތުއް ޒަރޫރާގެ"ގެ ދަށުން އެ ޕާޓީން ކޯޓުގައި ދައުވާ ކުރި މައްސަލައަށް ރިޔާއަތްކޮށް، ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އިންތިހާބު ފަސްކުރުމުން އިލެކްޝަން ކޮމިޝަނަށް ވާ ގެއްލުމަށްވުރެ، ޕީޕީއެމަށްވާ ގެއްލުން ބޮޑު ކަމަށެވެ.

ގެއްލުންތަކެއް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އެއީ ކިހާވަރެއްގެ ގެއްލުމެއްކަން އިލެކްޝަންސްއަށް ބުނެދެވިފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ބޭއްވުމުން ވާނެ ގެއްލުމާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ވާނެ ގެއްލުން ވަޒަން ކުރި އިރު އިލެކްޝަންސް ކޮމިޝަނަށްވުރެ ގެއްލުން ބޮޑު ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނަށް ވާ ގެއްލުމަށް އަރައިގަނެގެން ވިޔަށް ބޮޑު ގެއްލުމެއް ސަލާމަތް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް