މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ ކުރަނީ ރަނގަޅަށް ކަމަށް ޓްރަމްޕް ވިދާޅުވި: ޑުޓާޓޭ

ޗައިނާގައި އޮތް ޕްރެސް ކޮންފަރެންސެއްގައި ފިލިޕީންސުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ -- ފޮޓޯ: އޭޕީ

މެނީލާ (ޑިސެމްބަރު 4): ފިލިޕީންސުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނީ ރަނގަޅަށް ކަމަށް އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ކަމަށް ފިލިޕީންސުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.

ފިލިޕީންސުގެ ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ޓްރަމްޕާއި ޑުޓާޓޭގެ ހަތް މިނިޓުގެ ފޯނު ކޯލުގައި ޓްރަމްޕް ވަނީ ފިލިޕީންސުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައަށް ތާއިދު ކުރައްވާ ކަމަށާއި، ޑުޓާޓޭ އަމަލު ކުރައްވަނީ ރަނގަޅަށް ކަމަށް ވިދާޅުވެފަ އެވެ.

"ޓްރަމްޕް ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އަޅުގަނޑު ހިންގާ ކެމްޕެއިން ކާމިޔާބު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައި. އަދި އަޅުގަނޑުމެން އަމަލު ކުރަނީ މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރަނގަޅަށް ކަމަށް ވިދާޅުވެފައި،" ޑުޓާޓޭގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޑުޓާޓޭގެ އަރިސް ފަރާތަކުން ވިދާޅުވި ގޮތުގައި ދެ ބޭފުޅުންގެ ފޯނު ކޯލުގައި ޓްރަމްޕް ވަނީ ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޑުޓާޓޭއަށް ދައުވަތު ދެއްވައިފަ އެވެ.

ފިލިޕީންސުގެ ވެރިކަމަށް ޑުޓާޓޭ ވަޑައިގެންނެވި ފަހުން މަސްތުވާތަކެއްޗާ ދެކޮޅަށް އޭނާ ފެއްޓެވި ހަނގުރާމާގައި ފާއިތުވި ފަސް މަސް ތެރޭގައި 4،500 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ.

އެހަނގުރާމައަށް ޓްރަމްޕް ތާއިދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި ކަމަށް ޓްރަމްޕްގެ ޓީމުން ބުނެފައެއް ނުވެ އެވެ. ނަމަވެސް އެޓީމުން ނެރުނު ބަޔާނެއްގައިވާ ޓްރަމްޕަށް މަރުހަބާ ވިދާޅުވުމަށް ޑުޓާޓޭ ކުރެއްވި ފޯނު ކޯލުގައި ދެބޭފުޅުން ވަނީ ފިލިޕީންސް އާއި އެމެރިކާގެ މެދުގައި އޮތް "ތާރީހީ އެކުވެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައި ވެސް ދެސަރުކާރުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައި" އެވެ. (ސީއެންއެން)

comment ކޮމެންޓް