ވައިޓް ހައުސްއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް ޑުޓާޓޭ ވިދާޅުވެއްޖެ

ރައީސް ޑުޓާޓޭ އާއި ރައީސް ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު ފޯނުން ވާހަކަ ދައްކަވާފަ -- ފޮޓޯ: އީޕީއޭ

މެނީލާ (މެއި 2): ފިލިޕީންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓޭގެ ޝެޑިއުލް އޮތް ގޮތުން އެމެރިކާއަށް ވަޑައިގެންނެވޭނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް ރައީސް ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޑުޓާޓޭ އެމެރިކާއަށް ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު އެރުވީ ހޮނިހިރު ދުވަހު ދެ ބޭފުޅުން ފޯނުން ވާހަކަ ދައްކަވަމުންނެވެ.

އެ ފޯނު ކޯލުގައި ޑުޓާޓޭ އެ ގައުމަށް ވަޑައިގަންނަވާނެ ދުވަހެއް ކަނޑަނޭޅި ނަމަވެސް ޑުޓާޓޭ ވަނީ އޭނާގެ ޝެޑިއުލް ފުރިފައި ވުމުން އެމެރިކާއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުގެ ޝެޑިއުލް ވަނީ ފުރިފައި އެހެންކަމުން [އެމެރިކާއަށް ދެވޭނެ ކަމުގެ] ޔަގީންކަން ދެވޭކަށް ނެތް. އަޅުގަނޑު ރަޝިއާއަށް ދާންޖެހޭ. އަދި އިސްރާއީލަށް ވެސް ދާން ޖެހޭ،" ޑުޓާޓޭ ވިދާޅުވި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާ ބެހޭ ގޮތުން ބޭއަދަބީ ބަސްތަކުން ވާހަކަދައްކަވާފައިވާ ޑުޓާޓޭ ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމުގެ ފިލިޕީންސާ އެމެރިކާއާ ދުރުވެފައި ވަނީ އޭރު އޮތް ސަރުކާރާއި ރައީސް އޮބާމާގެ ސަބަބުންނެވެ. ނަމަވެސް މިހާރު އެމެރިކާއަށް އާ ވެރިކަމެއް އައުމުން އެކަން ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިލިޕީންސްގައި ތިބި އެތައް މިލިއަން މަސްތުވާތަކެތި ބޭނުން ކުރާ މީހުން މަރާލާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ޑުޓާޓޭ ވައިޓް ހައުސްއަށް ވަޑައިގަތުމަށް ދައުވަތު އެރުވުމުން ރައީސް ޓްރަމްޕަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް