އެމެރިކާގެ މަނަވަރު އެކްސިޑެންޓުވި ހާދިސާގައި ގެއްލުނު ފަޅުވެރިން ފެނިއްޖެ

އިއްޔެ ހިނގި އެކްސިޑެންޓުގައި ޔޫއެސްއެސް ފިޓްޒްޖެރަލްޑަށް ގެއްލުން ލިބިފައި -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖޫން 18): ޖަޕާން ކައިރިން އެމެރިކާގެ މަނަވަރަކާއި ފިލިޕީންސްގެ އާގުބޯޓެއް އެކްސިޑެންޓުވުމުގެ ސަބަބުން ގެއްލުނު ހަތް ފަޅުވެރިން މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށް އެމެރިކާގެ ނޭވީން ބުނެފި އެވެ.

ނޭވީން ބުނި ގޮތުގައި އެ ހަތް މީހުންގެ ހަށިގަނޑު ފެނުނީ އެކްސިޑެންޓުގެ ސަބަބުން މަނަވަރަށް ގެއްލުން ލިބުުނު ސަރަހައްދުންނެވެ. އަދި އެ ހަތް މީހުންނަކީ ކޮން ބައެއް ކަން ޔަގީން ކުރުމަށް ޖަޕާނުގެ ހޮސްޕިޓަލަށް ގެންދާނެ ކަމަށް ނޭވީން ބުންޏެވެ.

އެމެރިކާގެ މަނަވަރު ޔޫއެސްއެސް ފިޓްޒްޖެރަލްޑާއި އޭސީއެކްސް ކްރިސްޓަލް ކިޔާ އާގުބޯޓު އިއްޔެ އެކްސިޑެންޓުވީ އެބޯޓު ކުއްލިއަކަށް އަނބުރާލި ފަހުން ކަމަށް މެރިން ޓްރެފިކް ރެކޯޑްސް އިން ދައްކައެވެ. އަދި ދިގު މިނުގައި 222 މީޓަރު ހުންނަ އެ އާގުބޯޓު ދުއްވަމުން ދިޔައީ ގަޑިއަކު 27 ކިލޯމީޓަރު ބާރުމިނުގައި ކަމަށްވެސް ރެކޯޑުތަކުން ދައްކައެވެ.

އެހާދިސާގައި ޔޫއެސްއެސް ފިޓްޒްޖެރަލްޑަށް ބޮޑެތި ގެއްލުންތައް ލިބުނު ނަމަވެސް އޭސީއެކްސް ކްރިސްޓަލް އަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ. އަދި އެބޯޓުގައި ތިިބި 20 ފަޅުވެރިންގެ ތެރެއިން އެއްވެސް ފަޅުވެރިއަކަށް އަނިޔާވެފައި ނުވި ނަމަވެސް ޔޫއެސްއެސް ފިޓްޒްޖެރަލްޑްގެ ޗީފް ކޮމާންޑިން އޮފިސަރަށާއި އިތުރު ދެ ފަޅުވެރިންނަށް އަނިޔާވި އެވެ. އެ ތިން މީހުންނަށް މިހާރު ދަނީ ފަރުވާދެމުންނެވެ. (ބީބީސީ)

comment ކޮމެންޓް