ޗައިނާއާ ހަނގުރާމަކުރަން ބޭނުން ނަމަ އިސްނަގަން ޖެހޭނީ އެމެރިކާއިން: ޑުއާޓޭ

ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުއާޓޭ---

އެމެރިކާ އިން ޗައިނާއާ ދެކޮޅަށް ހަނގުރާމައަށް ދާން ބޭނުން ނަމަ އެކަމަށް ފުރަތަމަ އިސްނަގަން ޖެހޭނީ އެމެރިކާ އިން ކަމަށް ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުއާޓޭ ވިދާޅުވެއްޖެ އެވެ.

ޑުއާޓޭ ވިދާޅުވީ އެމެރިކާ އިން އަބަދު ވެސް ބޭނުން ވަނީ ފިލިޕިންސް ލައްވައި ޗައިނާއާ ހަނގުރާމަކުރުވަން ކަަމަށެވެ.

"އެމެރިކާ އިން ފިލިޕީންސްއާ މެދު މިދެކެނީ ކިހިނެއްތަ؟ އަޅުގަނޑުމެންނަކީ ކިލާފަނިތަކެއްތަ؟"

"އަޅުގަނޑު މިދަންނަވަނީ. އެމެރިކާގެ މަނަވަރުތަކާއި ހަނގުރާމަ މަތީ މިސައިލްތަކާ އެއްޗެތި ދެކުނު ޗައިނާ ކަނޑަށް ޖަމާކުރައްވާށޭ. އެންމެ ފުރަތަމަ އެމެރިކާ އިން އިސްނަގައި ހަމަލާދޭށޭ. އަޅުގަނޑުމެން ދެން އެމެރިކާ އިން ބައިވެރިވާނަމޭ. ހިނގާ ހަނގުރާމައަކަށް ދާން. ބޮޑު ހަމަނުޖެހުމަކަށް ދާން ބޭނުން؟ ހިންގާ އެކަން ކުރަން،" ޑުއާޓޭ ވިދާޅުވި އެވެ.

ޑުއާޓޭ އެފަދައިން ވިދާޅުވި އިރު ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ބިނާކުރުމުންދާ ރަށްތަކުގެ މިލްކުވެރިކަމުގައި ފިލިޕިންސްއާއި ޗައިނާއާ ވަނީ އަރާރުން އުފެދިފަ އެވެ.

ޑުއާޓޭ ވިދާޅުވީ ޗައިނާ އިން އެ ރަށްތައް ބިނާކުރި އިރު އެމެރިކާއިން އޮތީ ބަލަހައްޓައިގެން ކަމަށާއި ނަމަވެސް އެކަން ހުއްޓުވުމަށް މަަސައްކަތް ނުކުރާ ކަމަށެވެ.

ޑުއާޓޭ ވިދާޅުވީ ޗައިނާއާ ހަނގުރާމަ ކުރުމަކީ ބޭކާރު ކަމެއް ކަަމަށާއި އެ ހަނގުރާމައިގައި ފިލިޕިންސްއަށް ކާމިޔާބު ނުލިބޭނެ ކަމަށެވެ. އެހެން ކަމުން އެ ގައުމުގެ ސިފައިން ހަނގުރާމައަށް ދާން ނާންގާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީދިޔަ މަހު ޗައިނާގެ އުޅަނދަކުން ވަނީ ފިލިޕިންސްގެ ބޯޓެއް ވެސް ފައްތާލައިފަ އެވެ. އެ ބޯޓުގައި ތިބި 22 ފަޅުވެރިން ސަލާމަތްކުރީ ވެސް ވިއެޓްނާމްގެ ބޯޓަކުންނެވެ. ޑުއާޓޭ ވިދާޅުވީ އެ ހާދިސާއަކީ އާދައިގެ ހާދިސާއެއް ނޫން ކަަމަށާއި އަދި ޗައިނާއިން މައިތިރިވުމަށް ވެސް ޑުއާޓޭ ގޮވާލެއްވި އެވެ.

comment ކޮމެންޓް