ބައިނަލްއަގްވާމީ ދަތުރުތަކާ އެކު އައްޑުއަށް ތާޒާ މޭވާ!

ފޭދޫގައި ހުޅުވި މޭވާ އަދި ތަރުކާރީ ފިހާރަ --

އައްޑޫ ސިޓީގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ބައިނަލްއަގުވާމީ ފްލައިޓުތައް އިއްޔެ އަލަށް ފަށާފައިވާ އިރު، އެކަމުގެ ފައިދާ އެކި ގޮތްގޮތުން އެ ސިޓީގެ ރައްޔިތުން ދަނީ ހޯދަމުންނެވެ.

މީގެ ކުރިން އައްޑޫ ސިޓީގައި ލިބެން ހުންނަނީ އެ ސިޓީގެ ރަށްތަކުގައި ހެއްދި މޭވާއާއި ތަރުކާރީއެކެވެ. ދެން ލިބެނީ ރާއްޖޭން ބޭރުން މާލެ ގެނެސް، އެތައް ދުވަހަކަށް ފަހު، އެތައް ޚަރަދެއް ކޮށްގެން އައްޑޫއާ ހަމައަށް ފޯރާ މޭވާއާ ތަރުކާރީ އެވެ.

އެހެން ނަމަވެސް މިއަދު ހާލަތު މިވަނީ ބަދަލުވެފަ އެވެ. ސްރީލަންކަން އެއާލައިންސްއިން އައްޑޫގެ ގަމަށް ސީދާ ދަތުރުތައް ފެއްޓުމާ އެކު، އައްޑޫ ރައްޔިތުންނަށް ތާޒާ މޭވާއާއި ތަރުކާރީ ވެސް ލިބެން ފަށައިފި އެވެ.

ފޭދޫގައި ހުޅުވި ފިހާރައަށް ޔޫއެލްގައި ކޮލޮމްބޯއިން ގެނައި މޭވާއާއި ތަރުކާރީގެ ފުރަތަމަ ސްޓޮކު --

ޑިސެމްބަރު އެއްވަނަ ދުވަހު ގަމަށް ޖެއްސި ޔޫއެލް ފްލައިޓުގައި ގެނައި ބައި ޓަނަށް ވުރެ ބަރު، މޭވާއާއި ތަރުކާރީގެ ކާގޯއާ އެކު އައްޑޫ ސިޓީ ފޭދޫގައި ބުރާސްފަތި ދުވަހުގެ ރޭ ވަނީ، "ފްރެޝް ސިޓީ" ކިޔާ ފިހާރައެއް ހުޅުވައިފަ އެވެ. މި ފިހާރަ ހުންނަނީ އައްޑޫ ސިޓީގެ ފޭދޫ އަވަށުގެ އޯކިޑު މަގުގައި، ފޭދޫ ސްކޫލާ ޖެހިގެންނެވެ.

ފިހާރައިގެ ވެރިޔާ އަބްދުﷲ ޝަމީލް "ސަން" އަށް ވިދާޅުވި ގޮތުގައި، ފްރެޝް ސިޓީއަކީ މިވަގުތު އައްޑޫ ސިޓީގައި ހުރި، ތާޒާ މޭވާއާއި ތަރުކާރީގެ ވިޔަފާރިއަށް ޚާއްސަކޮށްގެން ހިންގާ ހަމައެކަނި ފިހާރަ އެވެ.

"ރައްޔިތުންނަށް މިކަމުން ވަރަށް ފަސޭހަވާނެ. ފްލައިޓުގައި މަދު ވަގުތުކޮޅެއްގެ ތެރޭގައި ފްރެޝްކޮށް ހުރިހާ ބާވަތެއްގެ ފްރުޓާއި ވެޖެޓަބަލް ފަދަ އެއްޗެހި އެބަ ލިބޭ. އަދި މަދުވާ ބާވަތެއް، ދެން އެންމެ އަވަހަށް އަންނަ ފްލައިޓެއްގައި ގެނެވޭނެ ގޮތަށް އަޅުގަނޑުމެން ކަންކަން ރާވާފައި ވާނީ،" ޝަމީލް ވިދާޅުވި އެވެ.

ސްރީލަންކަންއިން ކޮލޮމްބޯއިން ގަމަށް ހަފްތާގެ ހޯމަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ހެނދުނު ފްލައިޓު ބާއްވަ އެވެ.

ފޭދޫގައި ހުޅުވި މޭވާ އަދި ތަރުކާރީ ފިހާރަ --

ޝަމީލް ވިދާޅުވި ގޮތުގައި، ފުރަތަމަ ފްލައިޓުގައި އޭނާ ވަނީ 101 ބާވަތުގެ މޭވާ އާއި ތަރުކާރީ އަދި ފަތްޕިލާވެލީގެ ބާވަތް އައްޑުއަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި އައްޑުއާއި މާލޭގެ ވެސް ފިހާރަތަކުގައި އާންމުކޮށް ނުފެންނަ ބާވަތްތައް ހިމެނެ އެވެ.

"އެސްޕެރެގަސް، ސްޕްރިންގް އަނިއަން، ޕާސްލީ، ލެމަންގްރާސް، ޒުކީނީއާ ބޭބީ ކޯން މިއީ މާކެޓުން މާ ގިނައިން ފެންނަ ބާވަތްތަކެއް ނޫން. މިތަކެތި ވެސް ގެނެސްފައި ހުންނާނީ. ކޮރިއެންޑާ، މިންޓް ލީވްސް، ކެބެޖާއި އަނބާއި ޒުވާރިއާއި ރެޑިޝް ކަހަލަ އެއްޗެހިވެސް ހުންނާނެ،

"އައްޑޫ ސިޓީގައި މިއީ ބަނބުކެޔޮ މޫސުމެއް ނޫން. އެކަމަކު މިދުވަސްވަރު އެ ނުލިބިގެން އުޅޭކަށް ނުޖެހޭނެ. އެ ވެސް ލަންކާއިން ގެނެސްގެން އެބަ ވިއްކަން،" އޭނާ ވިދާޅުވި އެވެ.

މިފަދަ ފިހާރައެއް އައްޑޫ ސިޓީގައި ހުޅުވުމަކީ، އައްޑޫ ސިޓީގެ ރެސްޓޯރަންޓްތަކާއި ރިސޯޓުތަކަށް ވެސް ފައިދާއެކެވެ. އެތަންތަނުގެ މެނޫތަކަށް އާ ޑިޝްތައް ތައާރަފު ކުރުމަށް ޓަކައި ބޭނުންވާ ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އަދި ފަތްޕިލާވެލި ލިބުމުގެ މަގު ފަހިވުމެކެވެ.

"ރެސްޓޯރަންޓްތަކުގެ މީހުންނާ ވެސް މަޝްވަރާކުރެވިއްޖެ މިހާރު. އެމީހުންނަށް ވެސް ކުރިން ނުލިބޭ އެއްޗެހި ލިބޭތީ އެމީހުން ވަރަށް ޝައުގުވެރިވޭ. ޑިސްކައުންޓް ޕްރައިސްތަކެއްގައި އެމީހުންނަށް އެއްޗެހި ވިއްކަމުން މި ދަނީ. އެމީހުން ތިބީ އަޅުގަނޑުމެން ހޯލްސޭލްކޮށް މިތަކެތި ވިއްކުމަށް އިންތިޒާރުގައި،" ފޭދޫ ފްރެޝް ސިޓީ ފިހާރައިގެ ވެރިޔާ ވިދާޅުވި އެވެ.

ފޭދޫގައި ހުޅުވި މޭވާ އަދި ތަރުކާރީ ފިހާރަ --

އެ ފިހާރައިން މައުލޫމާތު ދޭ ގޮތުގައި، ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ސިޓީގައި މިވަގުތު ނެތް ނަމަވެސް، ފިހާރަ ހުޅުވި ދުވަހުގެ ރެއިން ފެށިގެން ރޭގެ ނިޔަލަށް އެ ފިހާރައިން އެތައް ހާސް ރުފިޔާގެ މޭވާއާއި ތަރުކާރީ، ރައްޔިތުން ވަނީ ގަނެފަ އެވެ.

އައްޑޫ ސިޓީގެ އާންމު ރައްޔިތަކު "ސަން" އާ ވާހަކަ ދައްކާލަމުން ބުނި ގޮތުގައި، އެ ފިހާރައިގައި ހުރީ "ހަމަ ދެންމެ ގަހުން ބިނދެލައިގެން ގެންނަ"ހާ ތާޒާ މޭވާއާއި ތަރުކާރީ ކަމަށެވެ.

"ހީވަނީ ހަމަ ދެންމެ ބިނދެގެން ގެނެސް ހުންނަހެން. ވަރަށް ތާޒާ. މިއީ އެއާޕޯޓަށް ބޭރު ފްލައިޓު މިގޮތަށް ޖައްސަން ފެށުމުން މިތަނަށް ކުރާ ބޮޑު ފައިދާއެއް،" އޭނާ ބުންޏެވެ.

އައްޑޫ ސިޓީ ބޭރު ގައުމުތަކާ ސީދާގޮތުން ގުޅާލުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ކޮލޮމްބޯ، ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ގުޅުވާލުމަކީ ބޮޑު ކަމެއްގެ ފެށުން ކަމަށް ގަން އެއާޕޯޓާއި ސަރުކާރުގެ ވެސް އިސްވެރިން ވިދާޅުވެ އެވެ.

އަންނަ އަހަރުގެ ތެރޭގައި އިތުރު ފްލައިޓުތަކެއް ވެސް އައްޑުއަށް ފަށާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން މިއީ ހަމައެކަނި ތާޒާ ތަރުކާރީއާއި މޭވާއާ ފަތްޕިލާވެލީގެ ވާހަކައަށް ވުރެ މާ ފުޅާ ދާއިރާއެއްގައި، އައްޑުއާއި މުޅި ރާއްޖޭގެ އިގްތިޞާދަށް ވެސް އޭގެ މަންފާކުރާނޭ އިގްތިޞާދީ ދުރުރާސްތާ ފިޔަވަޅެކެވެ.

comment ކޮމެންޓް