ސްރީލަންކަންގެ ވިއުގައިގެ ތެރެއަށް އައްޑޫ ސިޓީ

ސްރީލަންކަން އެއާލައިންގެ ފުރަތަމަ ފްލައިޓަށް ގަމުން ވޯޓަރ ސެލިއުޓެއް އަރުވަނީ -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ސްރީލަންކަން އެއާލައިންސްއިން، ކޮލޮމްބޯ އާއި އައްޑޫ ސިޓީއާ ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފި އެވެ.

މިއީ ސްރީލަންކަން އެއާލައިންސްއިން މިއަހަރު އަލަށް ދަތުރުތައް ފެށި 11 ވަނަ މަންޒިލެވެ. ސްރީލަންކަން އެއާލައިންސްއިން އައްޑޫ ސިޓީގެ ގަމަށް މިއަދު އައި ފުރަތަމަ ފްލައިޓަކީ ޔޫއެލް 119 އެވެ.

އެ ފްލައިޓު ގަމަށް ޖައްސާފައި ވަނީ ރާއްޖެ ގަޑިން 8:10 ގައެވެ. އެ ފްލައިޓުގައި ސްރީލަންކަން އެއާލައިންސްގެ ސީއީއޯ ކެޕްޓަން ސުރެން ރަތުވައްތަ ވެސް ރާއްޖެ ވަޑައިގެންނެވި އިރު، ސީއީއޯއަށް މަރުހަބާ ދެންނެވީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަހްމަދު ސައީދާއި، ސްރީލަންކަން އެއާލައިންސްގެ ރާއްޖެ ސަރަހައްދުގެ އޭރިއާ މެނޭޖަރު ސުޖީވަ ރޮޑްރީގޯގެ އިތުރުން، އެ އެއާލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަން ސާވިސެސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފިރާގެވެ.

އެ ފްލައިޓުގައި ގިނަ އަދަދެއްގެ ދިވެހީންނާއި ބޭރުގެ ފަތުރުވެރިން އައްޑޫއަށް އައިސްފައިވާ އިރު، އެ ފްލައިޓަށް އައްޑޫ ސިޓީއިން ވަނީ ވޯޓާ ސެލިއުޓެއް ވެސް އަރުވާފައެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން، ސްރީލަންކަން އެއާލައިންސްގެ ސީއީއޯ ކެޕްޓަން ސުރެން ރަތުވައްތަ ވިދާޅުވީ ސްރީލަންކަން އެއާލައިންސް މިވަގުތު އޮތީ މާލީ ގޮތުން ދަށް ހާލަތެއްގައި ނަމަވެސް، ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތެއް ފެނުމުން އައްޑޫ ސިޓީއަށް ފްލައިޓުތައް ފެށުމަށް ނިންމީ ކަމަށެވެ.

ސްރީލަންކަން އެއާލައިންސްގެ ސީއީއޯ ކެޕްޓަން ސުރެން ރަތުވައްތަ ގަމަށް ވަޑައިގަތުން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"އަޅުގަނޑުމެން ގަބޫލުކުރަނީ މިތަނުގައި ވަރަށް ބޮޑު ފުރުސަތެއް އޮތްހެން. ރާއްޖެއަކީ އަޅުގަނޑުމެންގެ އެންމެ ރަނގަޅު އެއް މާކެޓު. ވިޔަފާރީގެ ފުރުސަތެއް ލިބުމުން އޭގެ ބޭނުން ހިފީ. އަޅުގަނޑުމެން މިތިބީ މާލީ ގޮތުން ދަށް ހާލަތެއްގައި. އެކަމަކުވެސް މިއީ ވިޔަފާރިއެއް. ވިޔަފާރި ފުޅާ ކުރަން ޖެހޭނެ ދެއްތޯ،" ކެޕްޓަން ސުރެން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސްރީލަންކަންއިން އުންމީދު ކުރަނީ އައްޑޫ ސިޓީއާ ދިމާލަށް އެ އެއާލައިނުގެ ޓްރެފިކް އިތުރު ކުރުމެވެ.

"އަޅުގަނޑު 80 ގެ އަހަރުތަކުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓު ދުއްވިން. މިހާރު އެތަނަށް އައިސްފައިވަނީ ހައިރާން ކުރުވަނިވި ތަރައްގީއެއް. އައްޑޫއަށް ވެސް އެފަދަ ތަރައްގީއެއް އަންނާނެ ކަމަށް އުންމީދުކުރަން. އަދި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަންއިން ދަތުރުކުރާ ވަރަށް އައްޑޫއަށް ވެސް ފްރީކުއެންސީ އިތުރުވާނެ ކަމށް އުންމީކުރަން،" ސްރީލަންކަންގެ ސީއީއޯ ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހްމަދު ސައީދު ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި، ގަމަށް އިތުރު ފްލައިޓުތައް ވެސް ގެންނާނެ ކަމަށެވެ.

"މިއީ އައްޑޫ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް އައުމުގެ ފެށުން. މިއީ ބޮޑު ކަމެއްގެ ފެށުމެއް. އިރާދަކުރެއްވިއްޔާ، ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގައި އެންމެ ގިނައިން ފްލައިޓުތައް ޖައްސާ އެއާޕޯޓަކަށް ހަދައިދޭނަން،" އިބްތިޝާމާ ވިދާޅުވިއެވެ.

ސްރީލަންކަން އެއާލައިންސްއިން ގަމާއި ކޮލޮމްބޯއާ ދެމެދު ފްލައިޓުތައް ފަށާފައިވާ އިރު، މިއަދު ފްލައިޓު ޔޫއެލް 120 ވަނީ ގަމުން ކޮލޮމްބޯއަށް ވެސް ފުރާފައެވެ. އެ ފްލައިޓުގައި އިކޮނޮމީ ކްލާހުގެ 120 ސީޓާއި ބިޒްނަސް ކްލާހުގެ 16 ސީޓުވެސް ފުރިފައިވާ ކަމަށް ސްރީލަންކަންއިން ބުނެއެވެ.

ސްރީލަންކަން އެއާލައިންސް ކޮލޮމްބޯއާއި އައްޑޫ ސިޓ ގުޅުވާލުމަކީ، އައްޑޫ ސިޓީ އާއި ދެކުނުގެ ރައްޔިތުން ބޭރު ގައުމުތަކަށް ފުރުމަށް މާލެއަށް ދާން ޖެހޭ ޖެހުމަށް ނިމުމަށް ގެނުވާނެ ކަމެކެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ މައި ޓްރާންސިޓް ޕޮއިންޓަކީ ކޮލޮމްބޯ އެވެ. މީގެ އިތުރުން، ސްރީލަންކަން އެއަލައިންސަކީ ދުނިޔޭގެ 47 ގައުމެއްގެ 102 މަންޒިލަކަށް ދަތުރުކުރާ އެއާލައިނެކެވެ.

ސްރީލަންކަން އެއާލައިންސްއިން ގަމާ ކޮލޮމްބޯއާ ދެމެދު ދަތުރު ކުރާނީ ހަފްތާގެ ހޯމަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.

comment ކޮމެންޓް