ހަބޭސް ތިނަކަށް ބޮޑު ތަރުހީބެއް، އަދިވެސް ގިނަ ހަރަކާތްތަކެއް

ހަބޭސް 3'ގެ ހަރަކާތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ކުޅިވަރާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ރިފްޝާން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކާއެކު މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއިން ވެސް ފޯރިގަދަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ އެމިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހްސިން ހަމީދު(ޖޭފޯ) ވިދާޅުވީ ހަބޭސް ތިނެއް ފާހަގަކުރުމުގެ ހަރަކާތްތަށް އިއްޔެ ހަވީރު ފެށާފައިވާ ކަމަށާއި ހަފްތާ ބަންދާއެކު ފޯރިގަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެބަގެންދަން މައިގަނޑު ހަތަރު ކަމެއް. އޭގެ ތެރެއިން ލައިވް އާޓް އިވެންޓް ވަނީ އިއްޔެ ހެނދުނުން ފެށިގެން ޖުމްހޫރީ މައިދާނުގައި ފެށިފަ. ދެން އޮތީ ކުޑަކުދިންގެ ހަވީރަކާއި ފުޓްބޯޅަ މެޗެއްގެ އިތުރުން މިއުޒިކް ޝޯއެއް،" ޖޭފޯ ވިދާޅުވިއެވެ.

މާދަމާ ހަވީރު 4 އިން ފެށިގެން 5:45 އަށް ސޯޝަލް ސެންޓަރުގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި ނޭޝާނަލް ސެންޓަރ ފޯ ދި އާޓްސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ރެޑް ކުރެސެންޓް ވެސް ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް އާމާޒްކޮށްގެން ތަފާތު އެކި ކުޅިވަރުތަށް ވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ސަރުކާރުގެ އެކި ވުޒާރާތަކުން އެކި ކަހަލަ ފޯރިގަދަ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު އަންގާރަ ދުވަހުގެ ރޭ ޔޫތު މިނިސްޓްރީން ވަނީ އާންމުންނަށް ހުޅުވާލައިގެން ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ ފަރާތުން ހުށަހަޅައިދޭ ލައިވް މިއުޒިކް ޝޯއެއް ބޭއްވުމަށް ވެސް ނިންމާފަ އެވެ.

"ރާއްޖޭގައި މިވަގުތު ލިބެންހުރި ވަރަށް ގިނަ ފަރާތްތަކެއް އެ ޝޯގައި ފެނިގެންދާނެ، އޭގެ ތެރޭގައި އެމްއެންޑީއެފްގެ ގައިމީ އަލްބަމެއް ވެސް ތައާރަފް ކުރުން އޮންނާނެ،" މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޝޯގައި މޯލްޑިވިއަން އައިޑަލްއިން މަގުބޫލް ކަން ހޯދި ލަވަކިއުންތެރިންގެ ތެރޭގައި ހިމެނޭ އީޝަން އާއި މުއައްޒިންގެ އިތުރުން މޯޑިވިއަން އައިޑޮލްގެ ފަނޑިޔާރު އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ ވެސް ފެނިގެންދާނެ ކަމަށެވެ.

ޖޭފޯ ވިދާޅުވީ އެންމެ ފޯރިގަދަ ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދަން ނިންމާފައިވާ ހަރަކާތަކީ ހޮނިހިރު ދުވަހުގެ ރޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ފުޓްބޯޅަ މެޗު ކަމަށާއި އެމެޗުގެ އިތުރުން ހަބޭސް ތިނެއް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހުރިހާ ޕްރޮގްރާމްތަކެއްގައި ވެސް ވީހާގިނަ ޒުވާނުން ބައިވެރިވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

comment ކޮމެންޓް