ސަރުކާރަށް ތިން އަހަރު ފުރުމުގެ އުފަލުގައި ބާއްވާ ޝޯ، އަންގާރަ ދުވަހު

ކޮކޯ ޕާމް ބޮޑުހިތީގައި މިދިޔަ އަހަރު ކުރިއަށްގެންދިޔަ ޓްރެވަލްސް އެވޯޑުގެ ހަފްލާގައި އުނޫޝާ ލަވައެއް ހުށަހަޅައިދެނީ: ހަބޭސް 3ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މިއުޒިކް ޝޯވގައި އުނޫޝާގެ ހުށަހެޅުމެއް ފެނިގެންދާނެ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މުސާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި 'ހަބޭސް 3'ގެ ނަމުގައި ކުޅިވަރާބެހޭ ވުޒާރާ އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މިއުޒިކް ޝޯވ އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ހަބޭސް 3ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ކުޅިވަރާބެހޭ ވުޒާރާގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުޅިވަރާބެހޭ ވުޒާރާގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުލް ޝަކޫރު އަބްދުﷲ ވިދާޅުވީ، މިއުޒިކް ޝޯވގައި މަޝްހޫރު ލަވަކިޔުންތެރިންނާއި މިއުޒީޝަނުން ބައިވެރިވާނެ ކަމަށެވެ.

"އަންނަ އަންގާރަ ދުވަހު ބާއްވާ މިއުޒިކް ޝޯގައި ފާހަގަކޮށްލެވޭ ފަންނާނުންތަކެއް ބައިވެރިވާނެ. އޭގެ އިތުރުން އެ ޝޯގައި އެމްއެންޑީއެފްގެ މިއުޒިކް އަލްބަމެއް ނެރުމަށް ވެސް ހަމަޖެހިފައިވޭ. އެ ހަރަކާތް ކުރިއަށްދާނީ ކާނިވަލް ސަރަހައްދުގައި. އެ ޝޯވ ބަލައިލުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

އަންނަ އަންގާރަ ދުވަހުގެރޭ ކުރިއަށްގެންދާ މިއުޒިކް ޝޯވގައި ބައިވެރިވާ ފަންނާނުންގެ ތެރޭގައި މަރިޔަމް އުނޫޝާ (ކިޑީ) އާއި، މޯލްޑިވިއަން އައިޑޮލްގެ ގަދަ ތިނެއްގައި ހިމެނުނު އިޝާމް މުހައްމަދު އިޝާން އަދި އެ ޝޯވް އިން މަޝްހޫރުވެގެންދިޔަ މުހައްމަދު މުއައްޒިން ނައީމް ހިމެނެ އެވެ. އޭގެ އިތުރުން އެ ޝޯވގައި ހަބޭސް ބޮޑުބެރު ގްރޫޕްގެ ހަރަކާތްތަކެއް ވެސް ފެނިގެންދާނެ އެވެ.

މިއުޒިކް ޝޯވގެ އިތުރުން ހަބޭސް 3ގެ ހަރަކާތްތަކުގެ ތެރޭގައި ނޫސްވެރިންނާއި ކުޅިވަރާބެހޭ ވުޒާރާގެ ޓީމު ބައްދަލުކުރާ ފުޓްބޯޅަ މެޗަކާއި، ކުޑަކުދިންގެ ހަވީރު އަދި ލައިވް އާރޓް އިވެންޓް ހިމެނެ އެވެ. ލައިވް އާރޓްގެ ހަރަކާތް މިއަދު ހެނދުނުން ފެށިގެން އިރުއޮއްސި 6:00އާ ހަމައަށް ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ އިރު، ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ޝޯޝަލް ސެންޓަރުގައެވެ. އަދި ނޫސްވެރިންނާއި ކުޅިވަރާބެހޭ ވުޒާރާ ބައްދަލުކުރާ ފުޓްބޯޅަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައެވެ.

comment ކޮމެންޓް