ސަރުކާރުގެ އިސްވެރިން ހިމަނައިގެން ކުޅިވަރާބެހޭ ވުޒާރާ، ނޫސްވެރިންނާ ދެކޮޅަށް ނުކުންނަނީ

'ހަބޭ 3'ގެ ހަރަކާތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ކުޅިވަރާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ރިފްޝާން

ސަރުކާރުގެ އިސްވެރިން ހިމަނައިގެން ކުޅިވަރާބެހޭ ވުޒާރާގެ ޓީމު، ނޫސްވެރިންގެ ޓީމަކާ ދެކޮޅަށް އަންނަ ހަފްތާގައި ފުޓްބޯޅަ މެޗެއް ކުޅުމަށް ނިންމައިފި އެވެ.

އަންނަ ހޮނިހިރު ދުވަހުރޭ 20:15ގައި ކުޅޭ އެ މެޗަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި 'ހަބޭސް 3'ގެ ނަމުގައި ކުޅިވަރާބެހޭ ވުޒާރާއިން ރާވާ ހަރަކާތްތަކުގެ ތެރެއިން ކުޅެވޭ މެޗެކެވެ.

ކުޅިވަރާބެހޭ ވުޒާރާ އަދި ނޫސްވެރިންގެ ވެސް ދެ ޓީމެއް އެ މެޗުގައި ކުޅޭނެ އެވެ. ކޮންމެ ޓީމަކުން ވެސް ފިރިހެން އަދި އަންހެން ޓީމެއް ބައިވެރިވާނެ އެވެ.

ހަބޭސް 3ގެ ހަރަތާތްތަކާ ގުޅޭގޮތުން ކުޅިވަރާބެހޭ ވުޒާރާގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ނާޒިލް ވިދާޅުވީ، ނޫސްވެރިންގެ ޓީމާ ދެކޮޅަށް ނުކުންނަ ކުޅިވަރާބެހޭ ވުޒާރާގެ ޓީމުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ އިސްވެރިން ހިމެނޭ ކަމަށާއި އެ މެޗު ބެލުމަށް ވީހާވެސް ގިނަ މީހުން ގަލޮޅު ދަނޑަށް އައުމަށް އެދޭ ކަމަށެވެ.

"އެ މެޗުގައި ޔޫތު މިނިސްޓްރީގެ ޓީމުން ވަރަށް ސަޕްރައިޒިންގް މޫނުތަކެއް ފެނިގެންދާނެ. ދައުލަތުގެ އިސްވެރިން ވެސް އެ މެޗުން ފެނިގެންދާނެ. އަޅުގަނޑުމެންގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކު އެ މެޗު ބަލާލައި، އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ގަލޮޅު ދަނޑަށް ދިއުން،" އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗުގެ ތެރެއިން ގަލޮޅު ދަނޑުގައި ތަފާތު ހަރަކާތްތައް ހިނގަމުންދާނެ ކަމަށާއި އޭގެ ތެރޭގައި ބޮޑުބެރުގެ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެ ކަމަށެވެ.

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަހްމަދު ރީޚާން ވިދާޅުވީ، ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގާ މިފަދަ ހަރަކާތްތަކުގައި ހުރިހާ ޒުވާނުންވެސް ބައިވެރިވާން ޖެހޭނޭ ކަަމަށެވެ.

"ޒުވާނުންނަށްޓަކައި ކުރިއަށް ގެންދާ ހަރަކާތްތަކެއް މީ. ރައީސް ޔާމީންގެ ރިޔާސަތަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ޒުވާނުންނަށް ކުރިއަށް ގެންދާ ޚަރަކާތްތަކެއް މީ. ޒުވާނުންނަށް ލިބޭ ރަނުގެ ފުރުސަތުގައި ހުރިހާ ޒުވާނުންވެސް އާއިލާއާއެކު ބައިވެރިވުމަށް މިނިސްޓްރީގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ދައުވަތު އަރުވަން،" ރީޚާން ވިދާޅުވިއެވެ.

ހަބޭސް 3ގެ ނަމުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ފުޓްބޯޅަ މެޗުގެ އިތުރުން ލައިވް އާރޓް ހަރަކާތަކާއި، ކުޑަކުދިންގެ ހަވީރެއް އަދި މިއުޒިކް ޝޯވ އެއް ވެސް ހިމެނެ އެވެ. މިއަދު ހެނދުނުން ފެށިގެން އިރުއޮއްސި 6:00އާ ހަމައަށް ލައިވް އާރޓް ހަރަކާތް ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ އިރު، ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ސޯޝަލް ސެންޓަރުގައެވެ. އަދި މިއުޒިކް ޝޯވ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައެވެ.

comment ކޮމެންޓް