އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

ޤާޟީން ގެންދެވީ ޚުދު ޚަލީފާއިންނާ ދެކޮޅަށް މައްސަލަތައް ނިންމަވަމުންނެވެ. ނަމަވެސް ރަސްކަމުގެ ދައުރު ފެށުމާއެކު އެއުސޫލުވެސް މުގުރެން ފަށައިފިއެވެ. ނަމުގައި ޚަލީފާއިން ކަމުގައި ރަސްކަލުންގެ ސިޔާސީ ނުވަތަ ޒާތީ މަސްލަހަތު ހިމެނޭ އެއްވެސްކަމެއްގައި ޢަދުލުވެރި ޙުކުމެއް ކުރެއްވުމަކީ ނިޔާކަނޑައަޅުއްވާ ފަރާތްތަކަށް މިނިވަންކަން އޮތްކަމެއް ނޫނެވެ. ހަމައެކަނި ޚަލީފާއިންގެ އެއް ނޫނެވެ.

ރަސްދަރިދަރިކަލުންނާއި، ގަވަރުނަރުންނާއި، ސިފައިންގެވެރީން ފިޔަވައި ގަނޑުވަރާ ގުޅުން އޮންނަ އެއްވެސް މީހަކާމެދު ޢަދުލަށް ނިޔާކަނޑައެޅުއްވުމަކީ އުނދަގޫ ކަމަކަށް ވެއްޖެއެވެ. އެދުވަސްވަރު ޞާލިޙު ޢިލްމުވެރީން ޢާއްމުކޮށް ޤާޟީކަމުގެ މަޤާމު ޤަބޫލުކުރައްވަން އިންކާރު ކުރައްވާކަމީވެސް ނުބައިން ނުބަޔަށް ކަންތައް ބަދަލުވާން މެދުވެރިވި އެއް ސަބަބެވެ. އެދުވަސްވަރު ތިއްބެވި ވެރީންގެ ފަރާތްޕުޅުން ޤާޟީކަން ޤަބޫލުކުރައްވާ ޢިލްމުވެރިންނާ މެދުވެސް އާއްމުން ބަލައިއުޅުނީ ޝައްކުގެ ނަޒަރުންނެވެ. ނިޔާކަނޑައެޅުމުގެ ބާރުގެ ތެރެއަށް ހިންގުމުގެ ބާރުގެ "އަތްބޭނުން" އިތުރުވަމުންގޮސް ޤާޟީން ޢައްޔަންކުރެއްވުމާއި މަޤާމުން ވަކިކުރެއްވުމަކީ ގަވަރުނަރުންގެ އިޚްތިޔާރުގައި އޮންނަކަމަކަށް ވެއްޖެއެވެ. ޚުލަފާއުއްރާޝިދޫންގެ ދައުރުގައި ޚުދު އަމީރުލް މުއުމިނީން ފިޔަވައި އެހެންއެކަކަށްވެސް އެ އިޚްތިޔާރެއް ނޯވެއެވެ.

އިސްލާމީ ދައުލަތުގެ އަސާސީ ޤަވާއިދުގެ ތެރޭގައި ހިމެނޭ އަނެއްކަމަކީ މުސްލިމުންގެ ކަންތައްތައް މުސްލިމުންގެ މެދުގައި މަޝްވަރާ ކޮށްގެން ނިންމަމުން ގެންދިޔުމެވެ. މަޝްވަރާކުރެވެނީ އެބައެއްގެ ޢިލްމުވެރިކަމާއި، ތަޤްވާވެރިކަމާއި، ދީންވެރިކަމާއި، ބުއްދިވެރިކަމާމެދު އުންމަތުގެ އިޢުތިމާދު އޮންނަ ފަރާތްތަކާއެވެ. އަލްޚުލަފާއުއްރާޝިދޫންގެ ދައުރުގައި އެބޭކަލުންގެ މުޝީރުންގެ މަޤާމުގައި ތިއްބެވީ އުންމަތުގެ އެންމެ ހެޔޮކަންބޮޑު ޖަމާޢަތުގެ ބޭބޭކަލުންނެވެ. ސަރުކާރު ނުބައިމަގަކަށް އެޅުނަ ނުދެއްވާނެކަން ކަށަވަރު ބޭބޭކަލުންނެވެ. އެބޭކަލުންގެ ޢިލްމާއި ޟަމީރާ އެއްގޮތަށް އެއްވެސް ޖެހިލުންވެވަޑައިގަތުމެއްނެތި ޚިޔާލު ދެއްވާނެކަން ޔަޤީންވާ ބޭބޭކަލުންނެވެ. އެބޭކަލުންނާމެދު ބެލެވުނީ އުންމަތުގެ މޮއްސެވުމާއި ގޮށްޖެއްސެވުމުގެ ވެރީންކަމުގައެވެ.

ނަމަވެސް، އުމަވީ ރަސްކަން ފެށުމާއެކު މިކަންވެސް އެކޮޅުކޮޅުން ޖެހިއްޖެއެވެ. ޝޫރާގެ މަޤާމު ފިރުކައިގަތީ ޝަޚްސީ އިސްތިބުދާދެވެ. ރަސްރަސްކަލުން ގެންދެވީ ޙައްޤުގޮތް ދެނެވަޑައިގަންނަވާ، އަދި ޙައްޤުބަސް ވިދާޅުވާ ބޭބޭކަލުންނާ ދުރަށް ދުވެވަޑައިގަންނަވަމުންނެވެ. އެފަދަ ބޭކަލުންވެސް ގެންދެވީ ރަސްރަސްކަލުންނަށް ފިއްލަވަން މަސައްކަތްކުރައްވަމުންނެވެ. އެހެންކަމުން އެހައިތަނުން ފެށިގެން ދައުލަތުގެ މުޝީރުން ތިއްބެވިކަމުގައި ވާނަމަ އެބަޔަކީ ގަވަރުނަރުންނާއި، ކޮމާންޑަރުންނާއި، ޝާހީ އާއިލާގެ މެމްބަރުންނާއި އަރިހު ބޭކަލުންނެވެ. އެބޭކަލުންގެ ޤާބިލިއްޔަތާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމަށް އުންމަތް އިޢުތިމާދުކުރާ ފިކުރީ ބޭބޭކަލުންނެއްނޫނެވެ.

މިކަން މިހެންވުމުން ލިބުނު އެންމެ ބޮޑު ގެއްލުމަކީ އިސްލާމީ އުންމަތް ތަރައްޤީ އާއި ތަމައްދުނުގެ ރޮނގުން ކުރިއަރަމުންއައިއިރު ދިމާވާ ޤާނޫނީ މައްސަލަތައް ދީނީ އަދި ޢިލްމި ފެންވަރެއްގައި ދިރާސާކޮށް އެކަންކަމުގެ ޙުކުމްތައް ނެރެދޭނެ އިތުބާރުހުރި އިދާރާއެއް ނެތުމެވެ. އެބައެއްގެ އިޖްތިމާޢީ ނުވަތަ ޖުމްހޫރީ ނިންމުން އިސްލާމީ ޤާނޫނުގެ ބައެއްކަމުގައިވެ ދައުލަތުގެ ހުރިހާ ކޯޓުތަކަކުން އެއާ އެއްގޮތަށް ނިޔާކަނޑައަޅާނެ އިތުބާރުހުރި އިދާރާއެއްނެތުމެވެ.

ދައުލަތުގެ ޢާއްމު ސިޔާސަތާއި ހިންގުމާބެހޭ ދާއިރާގެ މައްސަލަތަކާއި ދާޚިލީ އަދި ޚާރިޖީ ގުޅުންތަކާބެހޭގޮތުން ގަނޑުވަރުން ގޮތްތައް ނިންމަވަމުން ގެންދެވިދާނެއެވެ. އެނިންމެވުންތައް ރަނގަޅަސް ނުވަތަ ނުބަޔަސް އެއީ މާބޮޑު ކަމެއް ނޫންކަމުގައި ބެލެވިދާނެއެވެ. ނަމަވެސް އުންމަތަށް ކުރިމަތިވަމުން އައި ޤާނޫނީ މައްސަލަތައް، މިދެންނެވި ޒާތުގެ މައްސަލަތަކާ މުޅިން ތަފާތެވެ. ޤާނޫނީ ދާއިރާއަކީ ގަނޑުވަރުގެ އަތްފޯރާވަރަށްވުރެ އުސްދާއިރާއެކެވެ. ގަނޑުވަރުން ޖެހިލުންކުޑަކޮށްލައްވައިފައި، ގޮތްތަކެއް ނިންމެވިޔަސް އުންމަތުގެ އިޖްތިމާޢީ ޟަމީރު އޮތީ އެކަން ހަޖަމުކުރަން ތައްޔާރަކަށް ނޫނެވެ. ޚުދު އެބޭފުޅުން ވެސް އެބޭފުޅުންގެ އެޙައިޘިއްޔަތު ދެނެވަޑައިގަންނަވައެވެ. އުންމަތް އެބޭފުޅުންނާމެދު ދުށީ ފާސިގުން ކަމުގައެވެ. ފާޖިރުން ކަމުގައެވެ. މިދެންނެވި ހުސްކަން ފުރައިދެއްވަން އިސްލާމީ ޢިލްމުވެރީންނާއި، ފިޤުހުވެރީން ނުހަނު ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދެވުމާއެކުވެސް އެބޭކަލުންގެ މަސައްކަތްޕުޅުތަކަކީ ފަރުދީ މަސައްކަތްޕުޅުތަކެކެވެ. އެހެންކަމުން އެމަސައްކަތްޕުޅުތަކަކަށް އުންމަތުގެ ސަނަދެއްގެ ދަރަޖައެއް ނުލިބެއެވެ. އުންމަތުގެ ހުރިހާ ކޯޓުތަކެއްގައި ފަރުޢީ މައްސަލަތަކުގައި އެއްގޮތަކަށް ނިޔާކަނޑައެޅެމުންނެއް ނުގެންދެވެއެވެ.

މުލޫކިއްޔަތުގެ ދައުރުގައި ފެތުރިގެންދިޔަ އަނެއް ވަބާއަކީ އިސްލާމްދީން އެކަންކަން ނައްތައިލައިފައިވާ ޤައުމީ ނަސްލީ، ވަޠަނީ، ޤަބީލީ ހުރިހާ ޖާހިލީ ޢަޞަބިއްޔާތެއް އަލުން ނިރުފަޅައިގެން ހެދިގަތުމެވެ. އިސްލާމްދިން ވަނީ އެދީން ޤަބޫލުކުރާ އެންމެހައި އިންސާނުންނަށް އެއް އުއްމަތެއްގެ ޙައިޘިއްޔަތުން ހަމަހަމަ ޙައްޤުތަކެއްދީފައެވެ. އުމަވީ ދައުލަތް އެންމެ ފުރަތަމަވެސް އުފެދިގެންއައީ ޢަރަބިދައުލަތެއްގެ ގޮތުގައެވެ. އެހެންކަމުން އެދައުލަތުގެ މިޒާޖުގައި އެންމެ ފުރަތަމަ ދުވަހުއްސުރެވެސް ޢަރަބި މުސްލިމުންނާއި ޢަޖަމީ އައުމުސްލިމުން ތަފާތު ކުރުން އޮތީ ބިންވަޅުނެގިފައެވެ. އެހެންކަމުން އެދައުލަތުން އިސްލާމްދީނުގެ ޞަރީޙު އަމުރުފުޅާ ފާޅުގައި ޚިލާފުވެ އައު މުސްލިމުންގެ އަތުން ޖިޒީ ނެގިއެވެ. އައު މުސްލިމުން އިމާމުވެ ނަމާދުކުރުންވެސް މަނާކުރިއެވެ.

އުމަވީންގެ މިފިޔަވަޅުގެ ސަބަބުން އިސްލާމްދީން ފެތުރުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނެވެ. ޢަޖަމީންނަށް އިހްސާސްވަމުންދިޔައީ އިސްލާމީ ފުތޫޙާތު ޢަޖަމީން އަޅުވެތިކުރީކަމުގައެވެ. ޢަޖަމީން ޢަރަބީންގެ އަޅުންނަށް ހެދީކަމުގައެވެ. އިސްލާމްދީން ޤަބޫލުކުރިޔަސް ޢަރަބީންގެ އަޅުވެތިކަމުން ސަލާމަތެއްނެތްކަމުގައެވެ. ނަތިޖާއަކަށްވީ ޢަޖަމީ ޢަޞަބިއްޔަތު ދިރި ޢަރަބި މުސްލިމުންނާމެދު ޢަޖަމީންގެ ހިތްތަކުގައި އަދާވާތްތެރިކަން އުފެދުމެވެ.

އުމަވީ ދައުލަތުން ޢަޞަބިއްޔަތުގެ އަލިފާންގަނޑު ފަތުރައިލީ ހަމައެކަނި ޢަރަބީންނާއި ޢަޖަމީންނާ ދެމެދަކު ނޫނެވެ. އަދި ކީއްތޯއެވެ. ޢަރަބީންގެ ތެރޭގައިވެސް ޢަދްނާނީ، ޤަޙްޠާނީ، ޔަމަނީ، މުޟަރީ ޤަބީލާތަކުގެ ހުރިހާ ޖާހިލީކޯޅުންތަކެއް އަލުން އާރޯކޮށްލިއެވެ.

އިސްލާމީ ޚިލާފަތުގެ ބަދަލުގައި އިސްލާމީރަސްކަމެއް އުފެދުމާއެކު ކުރިމަތިވި ހިތާމަވެރި އެއް މުޞީބާތަކީ ހުރިހާ މާނައެއްގައިވެސް ޤާނޫނުގެ ހުރުމަތް ކަނޑައިލެވުމެވެ. ސިޔާސީ މަޞްލަޙަތާ ވަޑިފަތިވެއްޖެ ކޮންމެ ޙާލަތެއްގައި އިސްލާމީ ޝަރީޢަތުގެ ބާރުވެސް ކަނޑުވައިލެވުމެވެ. ޤާނޫނާއި ޝަރީޢަތުގެ މަތިވެރިކަމަކީ އިސްލާމީ ރިޔާސަތެއްގެ އެންމެ މައިގަނޑު އަސާސްކަމުގައިވުމާއެކުވެސްމެއެވެ.

އިސްލާމްދީން އެބިންގަލެއްގެ މަތީގައި ދައުލަތެއް ބިނާކުރި އެންމެ ވަރުގަދަ އަސާސަކީ އެންމެ އުސް އެންމެ އިސްކަމަކީ ޝަރީޢަތްކަމުގައިވުމުގެ އަސާސެވެ. ސަރުކާރާއި، ރައްޔިތުންނާއި، ޢާއްމުންނާއި، ޚާއްޞުންވެސް ޖެހެނީ ޤާނޫނަސް ތަބާވާށެވެ. ޝަރީޢަތަށް ބޯލަނބާށެވެ. ޝަރީޢަތުގެ ކުރިމަތީގައި ބޯލަނބަން ނުޖެހޭ ހަމައެކަކުވެސް ނުހުންނާނެއެވެ. ބޭފުޅަކަށްވިޔަސް ބޭކަލަކަށްވިޔަސް ސޮރަކަށްވިޔަސްވެހެވެ. ހަމައެކަކަށްވެސް އޭގެ އިމުން ބޭރަށް ނުކުމެ ކަންތައްކުރުމުގެ އިޚްތިޔާރެއް ނޯންނާނެއެވެ. އަލްޚިލާފަތުއްރާޝިދާގެ މުޅި ނިޒާމު އޮތީ އެގޮތުގައެވެ. އަމީރުލްމުއުމިނީން އުޘްމާން ރަޟިޔަﷲ ޢަންހު އާއި އަމީރުލްމުއުމިނީން ޢަލީ ރަޟިޔަﷲ ޢަންހު ނުހަނު ދުއްޕާން މޫސުމެއްގައި ޢަމަލު ކުރައްވަމުން ގެންދެވީވެސް އެގޮތަށެވެ.

ނަމަވެސް ރަސްކަމުގެ ދައުރު އައުމާއެކު ރަސްރަސްކަލުން އެބޭފުޅުންގެ ޒާތީ މަޞްލަޙަތާއި، ސިޔާސީ ބޭނުންތަކުގައި، ޚާއްސަކޮށް ވެރިކަން ދެމެހެއްޓެވުމަށްޓަކައި ބޭނުންފުޅުވެއްޖެ ކޮންމެ ހިނދެއްގައި ޝަރީޢަތުގެ އެއްވެސް އިމެއް ގިރާކުރައްވާކަށެއް ފަސްޖެހިވަޑައެއް ނުގަންނަވައެވެ. ތެދުފުޅެކެވެ. އުމަވީ ދައުލަތުގައިވެސް ޤާނޫނަކީ ހަމަ އިސްލާމީ ޝަރީޢަތެވެ. މާތްﷲގެ ފޮތާއި، އެކަލާނގެ ނަބިއްޔާގެ ސުންނަތުގެ ޤާނޫނީ ޙައިޘިއްޔަތަށް އެއްވެސް ވެރިޔަކު ފާޅުގައި ގޮންޖައްސަވައިފައެއް ނުވެއެވެ. ކޯޓުތަކުގައި ޝަރިޔަތްކުރެވުނީ އެޤާނޫނުގެ ހަމައިގެ މަތީންނެވެ. އާއްމު ޙާލަތުގައި ހުރިހާ ކަމެއްވެސް ހިނގަމުންއައީ ޝަރީއަތާ އެއްގޮތަށެވެ. ނަމަވެސް ދަންނަވަން މިއުޅެނީ ރަސްރަސްކަލުންގެ ސިޔާސަތު، ދީނަށް ތަބާނުވާ ވާހަކައެވެ. ހުއްދަ ނުހުއްދަ ހުރިހާ ގޮތްތަކަކަށް ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރެވެމުން ދިޔަ ވާހަކައެވެ. އެކަމުގައި ޙަރާމަކަށް ހަލާލަކަށް ބެލުމެއްނެތް ވާހަކައެވެ. މިގޮތުން ޝަރީޢަތާ ޚިލާފަށް ކުރެވުނު ކަންތައްތަކުގެ ހުތުރުކަމާއި ގިނަކަމާހުރެ އޭގެ ލިސްޓެއް ޝާއިޢުކުރުމަކީ މާފަސޭހަކަމެއް ނޫނެވެ. މާބޮޑަށްކުރާހިތްވާ ކަމެއްވެސް ނޫނެވެ. އެހެންކަމުން އެކަންކަމުގެ ތަފްޞީލުތައް ގަސްދުގައި ދޫކޮށްލަމެވެ. ހަމައެކަނި ދަންނަވައިލަން ބޭނުންވަނީ އުމަވީ ދައުލަތުގެ ބާނީ އާ ހަމައިން އެކަންތައްވެސް ފެށިއްޖެވާހަކައެވެ. (ޚިލާފަތުވަމުލޫކިއްޔަތު)

މުޖައްދިދަކަށް ބޭނުންވެފައި

ކޮންމެއަކަސް އަލްޚިލާފަތުއްރާޝިދާ އުވި އިސްލާމީ ދައުލަތް ގަދަފަދަ ރަސްކަމަކަށް ބަދަލުވުމާއެކު އެތެރެއާއި ބޭރުން އިސްލާމްދީނުގެ އުސޫލުތަކަށް އަމާޒުވަމުން އައީ ވަރަށްވެސް ވަރުގަދަ އަދި އެހައިމެ ނުރައްކާތެރި ޙަމަލަތަކެކެވެ. އިސްވެގޮސްފައިއެވަނީ އެކަންކަމުގެ މައްޗަށް ބަލައިލި އަވަސް ބަލައިލުމެކެވެ. އިސްލާމްދީން ނޫން އެހެން ދީނެއްނަމަ އެޙަމަލަތައް ބަރުދާސްތެއްނުކުރެވުނީހެވެ. އެދީންތަކެއްގެ ދައުރުގައި ދުނިޔެ "ފަތަޙަކުރި" އެތައްދީންތަކެއްވަނީ އިސްވެދެންނެވި ޙަމަލަތަކަށްވުރެ މާ އާދައިގެ ހަމަލަތަކަކަށް ކެތްނުކުރެވި އެދީންތަކުގެ ޝަޚްޞިއްޔަތު ނަގައިލައިފައެވެ.

ނަމަވެސް މާތްﷲ މިންވަރުކުރައްވައިފައިވަނީ އިސްލާމްދީނާ ކުރިމަތިވާ ކޮންމެ ޙަމަލައެއް ނާކާމިޔާބުވުމަށެވެ. ހުރިހާ ވާދަވެރީން ބަލިކޮށްލުމަށްފަހު އެދީންގެ އަސްލު އޮފާއި ވިދައިބެބުޅުން ދެމެހެއްޓުމަށެވެ. އެހެންކަމުން އެދީން ވަނީ އުމަވީ ދައުރުގައި ދީނީ އުސޫލުތަކަށް ގެނެވުނު ތަޙްރީފުތަކާއި، ތައުވިލުތަކާއި، އުފެއްދުނު ބިދުޢަތަކާއި، ޢަޖަމީ އަސަރުތަކާއި، ޝިރުކުގެ އާދަކާދަތަކާއި، މާއްދިއްޔަތާއި، ނަފްސާނިއްޔަތަށް އަޅުވެތިވުމާއި، މަޖާކުރުމާއި، އިސްރާފުކުރުމާއި، ޢިލްޙާދާއި ލާދީނިއްޔަތާއި މިހުރިހާ ކަމެއް ބަލިކޮށްފައެވެ.

އެހެން ނުވާންވީ ކީއްވެގެންތޯއެވެ؟ އަރަހުށި މާތްﷲ އިސްލާމްދީން ފޮނުއްވައިފައިވަނީ ޤިޔާމަތާ ހަމަޔަށް ދެމިއޮތުމަށްޓަކައެވެ. އެންމެފަހުގެ އެންމެ ފުރިހަމަ ދީންކަމުގައެވެ. އެންމެހައި އިންސާނުންގެ ދީންކަމުގައެވެ. އެހެންކަމުން ދުނިޔޭގެ ތަފާތު ނަސްލުތަކާއި ތަހްޒީބުތަކުގެ މީހުންނާ މިއުންމަތުން މުޢަމަލާކުރާން ޖެހުމަކީ ޠަބީޢީކަމެކެވެ. އެހެނިހެން އުންމަތްތަކުގެ ތާރީޚުގައި ކުރިމަތިލާންނުޖެހޭ އެތައް މައްސަލަތަކަކާ ކުރިމަތިލާންޖެހުމަކީ ވެސް އާދައިގެކަމެކެވެ. އަރަހުށި މާތްﷲ މިއުންމަތަށް ދެއްވައިފައިވާ ޒަމާނަކީވެސް އެންމެ އަޑިގުޑަން އެންމެ ހަލަބޮލި ޒަމާނެވެ. ބަދަލުތަކާއި އިންޤިލާބުތަކުގެ ޒަމާނެވެ. އެހެންކަމުން ވެށީގެ އަސަރުތަކާއި މޫސުމުގެ ބަދަލުތަކާ ކުރިމަތިލައި އިސްލާމްދީން އެދީނުގެ ޙަޤީޤީ ޖައުހަރުގައި ކުރިއަރަމުންދިޔުމަށްޓަކައި އަރަހުށި މާތްﷲ މި މާތްދީނަށްވަނީ ދެއިންތިޒާމެއް ރާއްވަވައި ދެއްވައިފައެވެ. އެއްކަމަކީ އަރަހުށި މާތްﷲ އިސްލާމްދީނުގެ ނަބިއްޔާއަށް ބާވައިލެއްވި ދީނަކީ ކޮންމެ ގޮންޖެހުމަކާއި، ކޮންމެ ބަދަލަކާއި، ފޮރޮޅުމަކާ ކުރިމަތިލައި ކޮންމެ ޒަމާނެއްގެ މައްސަލަތައްވެސް ޙައްލުކުރުމުގެ ޤާބިލުކަމާއި ވިލުންހުރި ދީނެއްކަމެވެ. އަނެއް ކަމަކީ ކޮންމެ ޒަމާނެއްގައިވެސް މި މާތްދީން ދިރުވައި ދަމަހައްޓައި ދީނުގެ ކަންތައް އާކުރެއްވޭ ފަދަ

(ނުނިމޭ)

comment ކޮމެންޓް