އައްޑޫ ވިޔަފާރިވެރިޔާ މަރާލި މައްސަލައިގެ އަޑުއެހުން ސިއްރު ކޮށްފި

އަލީ އަބްދުﷲގެ ހަށިގަނޑު ނަގަނީ: އޭނާ މަރާލީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށް ފުލުހުން ބުނޭ --- ސަން ފޮޓޯ/ ކިޔުންތެރިއެއް

އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރިވެރިއެއް ކަމުގައިވާ އަލީ އަބްދުﷲ މަރާލި ކަމުގެ ތުހުމަތުގައި އޭނާ އަށް ބޮޑުބޭބެ ކިޔާ މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ސިއްރުކޮށްފި އެވެ.

މިއަދު 11:00 އަށް ތާވަލުކުރި އެ މައްސަލައިގެ އަޑުއެހުން ސިއްރު ކުރި ސަބަބެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ސ. ހިތަދޫ ހެޕީފިއުޗާ، އަހުމަދު އިބްރާހީމް ދީދީ،39،ގެ މައްޗަށް ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ރ)ގެ ދަށުން އޭނާގެ މައްޗަށް އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވީ އަލީ އަބްދުﷲ މަރާލުމުގައި އަމަލީ ގޮތުން އަހުމަދު އިބްރާހީމް ދީދީ ބައިވެރިވެފައިވާކަން ތަހުގީގުން އެނގެން އޮންނަ ކަމަށެވެ.

އެ މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް ހެކި ނެތުމުން އެމީހުންގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފި އެވެ.

އޮފިޝަލް ވިދާޅުވީ އެ މީހުންނަކީ އަމަލީ ގޮތުން އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ބައެއް ނޫން ކަމަށެވެ.

"އަލީ އަބްދުﷲ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތަހުގީގުން އެނގެން އޮންނަނީ ހަމައެކަނި ސ. ހިތަދޫ ހެޕީފިއުޗާ، އަހުމަދު އިބްރާހީމް ދީދީ،" އޮފިޝަލް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވެފައި ވަނީ ސ. ހިތަދޫ އެޅެދީދީ މަގުގައި ހުންނަ ހެޕީފިއުޗާ ގޭގައި އަލީ އަބްދުﷲ ހިންގާ ހިތަދޫ ޓޫވޭ ނަމަކަށް ކިޔާ ފިހާރައަކީ އޭނާގެ އަމިއްލަ ވިޔަފާރިއެއް ކަމަށެވެ.

އޭނާ މަރާލާފައި ވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށާއި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ގޭގައި ވަޅުލާފައި ހުއްޓައި 40،000 އަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ވެސް ޝަތީހު ވިދާޅުވި އެވެ.

ޝަތީހު ވިދާޅުވީ، މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހު އަލީ އަބްދުﷲ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ހޯދަމުން ދަނިކޮށް، އުމުރުން ދުވަސްވީ އަންހެނަކަށް ވަލުތެރެއަށް އަލީ އަބްދުﷲގެ ސައިކަލް އެއްލާފައި އޮއްވައި ފެނުނު ކަމަށެވެ. އެ ސައިކަލް އޮތް ސަރަހައްދާއި ތިން ފޫޓު ދުރުގައި އަލީ އަބްދުﷲގެ ހަށިގަނޑު އޮއްވައި ފެނުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއިރު ހަށިގަނޑުގެ އެއްބައި މޭކަށިގަނޑުން މަތި އޮތީ އޮޅުތެރޭގައި. އަނެއްބައި އަލައޮޅުތައް ކައިރީ ހުރި ވިނަތައް މަތީގައި އޮތީ،" ޝަތީހު ވިދާޅުވި އެވެ.

އަލީ އަބްދުﷲގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ދެ އަތުގެ އުޅަނބޮށީގެ ތެޔޮހަން ގޮސްފައިވުމާއި، ދޫ ބޭރަށް ނުކުމެފައި ހުރުމުގެ އިތުރުން ކަރުގައި އެއްޗެއް އޮޅާލާފައި ހުރި ކަމުގެ ނިޝާންތަކެއް ފެންނަން ހުރި އިރު، ދެ ލޯ ވަރަށް ބޮޑަށް ހުޅުވި، ދެލޮލުގެ ކަޅި މައްޗަށް ހުރިކަން ފާހަގަ ކުރެވުނު ކަމަށް ވެސް ޝަތީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަލީ އަބްދުﷲގެ ހަށިގަނޑު ބިންމަތީގައި ދަމާފައި ގެންދިޔަ ކަމުގެ ނިޝާންތަކެއް ވެސް ހުރިކަން ފާހަގަ ކުރެވުނު ކަމަށާއި އަލީ އަބްދުﷲގެ ހަށިގަނޑު އޮތް ސަރަހައްދު ފާސްކުރި އިރު، އެތަނުން އޭނާގެ ފޯނު ފެނިފައިވާ ކަމަށް ވެސް ޝަތީހު ވިދާޅުވި އެވެ.

އެ ސަރަހައްދުން ފެނުނު އަލީ އަބްދުﷲގެ ފިހާރައިގައި ރީލޯޑު ކުރަން ބޭނުންކުރާ ފޯނުގައި ހުރި ހުރިހާ ފައިސާތައް އެހެން ފޯނަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަފާތު އެކި ދުވަސްމަތިން އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް