ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭގޮތަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ---- ފޮޓޯ/ މަޖިލިސް

ޕާޓީއެއްގެ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓަކު، ޕްރައިމަރީ އިންތިހާބުން ބަލިވުމުން އެ ކެންޑިޑޭޓަކު އެހެން ޕާޓީއެއްގެ ޓިކެޓްގައި އަދި އަމިއްލަ ގޮތުން ވެސް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ފާސްކޮށްފިއެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއަށް ނިސްބަތްވާ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން، ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް މިއަދުގެ މަޖިލީހުގައި ނެގި ވޯޓުގައި އެ އިސްލާހު ފާސްކުރުމަށް ވޯޓު ދެއްވީ 41 މެމްބަރުންނެވެ. ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 29 މެމްބަރުންނެވެ.

އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ސައުދު ވިދާޅުވީ، ޕާޓީއެއްގެ ޕްރައިމަރީން ނާކާމިޔާބުވުމުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ނަމުގައި އިންތިޚާބުގައި ވާދަކުރުމުގެ ސަބަބުން ޕާޓީގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ފިތުނަ ފަސާދަ އުފެދޭތީ އެކަން ހައްލުކުރުމަށް ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލް ފާސްކޮށްފައިވާއިރު، އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު ވަނީ ބޭރުކޮށްފައެވެ. އެއިސްލާހު ބޭރު ކުރީ 43 ވޯޓާ އެކު އެވެ.

އެ އިސްލާހުގައި ބުނެފައިވަނީ ވޯޓު ކަރުދާހުގައި ޖަހަން ޖެހޭ ފާހަގަ ފިޔަވައި އިތުރު ކުރެހުމެއް ހުރެއްޖެ ނަމަ ވޯޓު ބާތިލުވާނެ ކަމަށެވެ.

comment ކޮމެންޓް