ޕްރިމަރީތަކުން ނާކާމިޔާބުވާ މީހުންނަށް އާންމު އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ބުނެފިއެވެ.
ރައީސް މައުމޫންގެ ފެކްޝަނުން އެގޮތަށް ބުނެފައިވާއިރު، ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރިމަރީތަކުން ނާކާމިޔާބުވާ މީހުންނަށް އާންމު އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށް ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔަމީންގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހެއް ހުށަހަޅާފައެވެ.
ޕާޓީއެއްގެ ޕްރައިމަރީން ނާކާމިޔާބު ވުމުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ނަމުގައި އިންތިޚާބުގައި ވާދަކުރުމުގެ ސަބަބުން ޕާޓީގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ފިތުނަ ފަސާދަ އުފެދޭތީ އެކަން ހައްލުކުރުމަށް ކަމަށް ބުނެ އެ އިސްލާހު މަޖިލީހަށް ހުށަހެޅީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ޕާޓީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކޮށް ނާމާކިޔާބުވެއްޖެނަމަ އެހެން އެއްވެސް ހައިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަކޮށްގެން ނުވާނެ ކަމަށެވެ.
އެފަދަ މީހަކު އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހަޅައިފިނަމަ އެ މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ރައީސް މައުމޫންގެ ފެކްޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން ހުށަހަޅުއްވާފައިވާ އެ އިސްލާހަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ށ) އާ ޚިލާފު އިސްލާހެއް ކަމަށެވެ.
"ލިބިފައިވާ އަގުލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން، ތަކުރާރުކޮށް ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ނިގުޅައިގަންނަން ގާނޫނުތަކަށް އިސްލާހު ހުށަހަޅައި، ރައްޔިތުންގެ މަޖިލީސް ހިންގުމުގެ އިޖުރާއަތްތަކާ ހިލާފަށް، އަވަސް އަވަހަށް އެފަދަ އިސްލާހުތައް ފާސްކުރަމުން ދިޔުމަކީ މި ޕާޓީގެ މެންބަރުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ." ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ މުޝްތަޝާރު އަބްދުﷲ ޔާމީންގެ ފެކްޝަން މެދުވެރިކޮށް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކަށް، ޕޮއިންޓްދޭ އުސޫލަކުން ފުރުސަތުދޭން ނިންމާފައިވާތީ އެކަމާމެދު ވެސް ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެގޮތުން، ވަކި ވަރަކަށް ޕޮއިންޓް ލިބޭ ފަރާތް ތަކަކަށް މެނުވީ ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތަށް ނިންމަފައިވާތީ އެކަމުގެ ޝަކުވާ ޕާޓީގެ ރައީސަށް ލިބެމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން ޕާޓީގެ މެމްބަރުންނަށް ޕާޓީގެ އަސާސީ ގަވާއިދުން ލިބިދޭ ހައްގެއް ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"މަތީގައި ބަޔާންކުރެވެފައިވާ އުސޫލު ތަކަކީ ޕާޓީގެ އިންތިހާބު ކޮމިޓީއިން ނިންމާފައިވާ އުސޫލުތަކެއް ނޫނެވެ. އަދި އެ ކޮމިޓީ އާއި މަޝްވަރާކުރެވިގެން ނިންމާފައިވާ އުސޫލުތަކެއް ވެސް ނޫނެވެ. ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދުގައި ވާގޮތުން އިންތިހާބު ތަކުގެ އެންމެހައި ކަންކަން ކުރާނީ ޕާޓީގެ އިންތިހާބު ކޮމިޓީގެ ބެލުމުގެ ދަށުންނެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް ޔާމީންގެ ފެކްޝަނުން މިމަހުގެ 10 ވަނަ ދުވަހު ބޭއްވި އެ ފެކްޝަނުގެ ކައުންސިލް ބައްދަލުވުމަކަށްފަހު އެ ފެކްޝަންގެ ސެކެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ހޮވޭނެކަމުގެ ޔަގީންކަން އޮތް ބޭފުޅުން އިންތިހާބަށް ނެރުމަށްޓަކައި ޕޮއިންޓް ދޭ އުސޫލަކުން ކެނޑިޑޭޓުން ކަނޑައެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ޕްރައިމަރީއެއް ބާއްވާނީ ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން 75 މާކްސްއަށްވުރެ އިތުރަށް ލިބޭ ކެނޑިޑޭޓުން ގިނަ ނަމަކަމަށް އޭނާ ވިދާޅުވި އެވެ.