ވިޓަމިން ޑީ މަދުވުމަކީ ނިދުމަށް ހުރަސްއެޅި، ނިދި މަދުވާ ސަބަބެއްކަން ދިރާސާއަކުން ދައްކައިފި

ހަށިގަނޑުގައި ވިޓަމިން ޑީ ހުންނަ މިންވަރު މަދުވުމަކީ ނިދުމަށް ނޭދެވޭ އަސަރުކޮށް، ރޭގަނޑުގެ ނިދި މަދުވާ ކަމެއްކަން އެމެރިކާގެ ޖޯންސް ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ދިރާސާވެރިން ކުރި އާ ދިރާސާއަކުން ދައްކައިފިއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮން އޭޖިންއާ ގުޅިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި އުމުރުން ދުވަސްވީ 460 މީހުންގެ ލޭގެ ސާމްޕަލްތަކާއި، އަތުގައި އަޅާ ޑިވައިސްތައް މެދުވެރިކޮށް ނިދުމުގެ އާދަތައް ދިރާސާކޮށްފައިވެއެވެ.

ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި، ވިޓަމިން ޑީ ހުންނަންޖެހޭ އާންމު މިންވަރަށް ހުރި މީހުންނާ އަޅާބަލާއިރު، ވިޓަމިން ޑީ މަދު މީހުން ރޭގަނޑު ނިދާ ވަގުތު ގާތްގަނޑަކަށް 23 މިނެޓް މަދެވެ. އަދި ވިޓަމިން ޑީ މަތީ މިންވަރަކަށް ހުންނަ މީހުން، މަދުން ހުންނަ މީހުންނަށްވުރެ ކޮންމެ ރެއަކު ގާތްގަނޑަކަށް 20 މިނެޓް އިތުރަށް ނިދާކަމަށާއި، ރޭގަނޑު ނިދިން ހޭލެވިފައި ހޭދަވާ ވަގުތު މަދުކަން ވަނީ ފާހަގަކުރެވިފައެވެ.

އުމުރުން ދުވަސްވުމުން ނިދުމަށް އަންނަ ބަދަލުތަކާއި ވިޓަމިން ޑީ މަދުވުމަކީ ވަރަށް އާންމު ދެ މައްސަލައަކަށް ވާއިރު، ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން ޑިމެންޝިއާ، ހަކުރުބަލި އަދި ހިތުގެ ބަލިތައް ފަދަ ދާއިމީ ބަލިތަކަށް މަގުފަހިވާކަން ދިރާސާވެރިން ފާހަގަކުރެއެވެ.

އުމުރުން ދުވަސްވުމުން ނިދުމަށް އަންނަ ބަދަލުތަކާއި ވިޓަމިން ޑީ މަދުވުމަކީ ވަރަށް އާންމު ދެ މައްސަލަ ---

މި ދިރާސާގައި ވިޓަމިން ބީ12 އާއި ނިދުމާ ހުރި ގުޅުންވެސް ބަލާފައިވާއިރު، އަންހެނުންގެ ހަށިގަނޑުގައި ވިޓަމިން ބީ12 މަތިވުމުން ރޭގަނޑު ހޭލެވިފައި އޮންނަ ވަގުތު މަދުވާކަމަށް ދެއްކި ނަމަވެސް، ފިރިހެނުންގެ ކިބައިން ފެނުނީ އޭގެ އިދިކޮޅު ނަތީޖާއެއް ކަމުން އެކަމަށް ސާފު ހެއްކެއް ލިބިފައެއް ނުވެއެވެ.

ދިރާސާގެ އިސް މުސައްނިފު ޑރ. އެޑަމް ސްޕައިރާ ވިދާޅުވި ގޮތުގައި، މި ހޯދުންތަކުން ދައްކަނީ ވިޓަމިން ޑީ އިތުރުކުރުމުން ނިދުމުގެ ސިއްހަތަށް ރަނގަޅު ބަދަލެއް އާދޭތޯ އިތުރަށް ދިރާސާކުރަން ޖެހިފައިވާ ކަމަށެވެ.

އިރުގެ އަލިންނާއި ކާނާގެ އިތުރުން ސަޕްލިމެންޓްތަކުން ލިބޭ ވިޓަމިން ޑީ ހަށިގަނޑުގައި އިތުރުކޮށްގެން ނިދި ރަނގަޅުކުރެވިދާނެކަން ކަށަވަރުކުރުމަށް، ގިނަ ބަޔަކު ހިމަނައިގެން އިތުރު ކްލިނިކަލް ޓްރަޔަލްތަކެއް ހަދަންޖެހޭ ކަމަށް ދިރާސާ ޓީމުން ވަނީ ބުނެފައެވެ.

comment ކޮމެންޓް