ތޯމަސް ކުކްގެ "ސްމާޓްލައިން" ބްރޭންޑުގެ ދަށުން އެރިޔަދޫ ހިންގަން ނިންމައިފި

އެރިޔަދޫ ރިސޯޓު --

އިނގިރޭސި ވިލާތުގެ މަޝްހޫރު ޓްރެވަލް ކުންފުނި ތޯމަސް ކުކްއިން ރާއްޖޭގެ ރިސޯޓެއް ކަމުގައިވާ އެރިޔަދޫ ރިސޯޓު ހިންގަން ނިންމާފައިވާކަން އެކުންފުނިން ހާމަކޮށްފިއެވެ.

ތޯމަސް ކުކް ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނިން ހިންގާ ހޮޓެލް ބްރޭންޑުތައް ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި އިތުރަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ތޯމަސް ކުކް ގްރޫޕުން ހިންގާ ހޮޓެލް ބްރޭންޑުތަކަކީ ސަންވިންގް، ސަންޕްރައިމް، ސަންކަނެކްޓް، ސެންޓީޑޯ ހޮޓެލްސް، ކާސާ ކުކް އަދި ސްމާޓްލައިންއެވެ.

ތޯމަސް ކުކްއިން ނެރުނު ބަޔާނެއްގައި ބުނީ، މާލެ އަތޮޅުގައި ހިންގާ އެރިޔަދޫ ރިސޯޓު، އެކުންފުނީގެ "ސްމާޓްލައިން" ބްރޭންޑުގެ ދަށުން ހިންގަން ފަށާނެ ކަމަށެވެ. އެހެން ނަމަވެސް އެ ރިސޯޓު ތޯމަސް ކުކްއިން ހިންގަން ފަށާނީ ކޮން އިރަކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކ. އެރިޔަދޫގައި އެރިޔަދޫ އައިލެންޑް ރިސޯޓު ހިންގަމުން އަންނަނީ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސްއިންނެވެ.

ރާއްޖޭގެ އިތުރުން ކްރޮއޭޝިއާގައި ވެސް ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި ސްމާޓްލައިން ބްރޭންޑުގެ އިތުރު ހޮޓަލެއް ހިންގާނެ ކަމަށް ތޯމަސް ކުކްއިން ބުނެއެވެ.

މީގެ އިތުރުން، ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި ތޯމަސް ކުކްގެ އެހެނިހެން ހޮޓެލް ބްރޭންޑުތަކުގެ އާ 13 ހޮޓެލް ހިންގާނެ ކަމަށް އެ ތޯމަސް ކުކްއިން ބުނެއެވެ.

ތޯމަސް ކުކްގެ ސްމާޓްލައިން ބްރޭންޑުގެ ދަށުން ބަލްގޭރިއާ، ސައިޕްރަސް، ކްރޮއޭޝިއާ، ކޭޕް ވާޑް، ގެމްބިއާ، ގްރީސް، ސްޕެއިން، ޕޯޗުގަލް، ތޫނީސް އަދި ތުރުކީގައި 65 ހޮޓެލް ހިންގަމުން އާދެއެވެ.

comment ކޮމެންޓް