ޓީސީ ސްޕޯޓްސްގެ މައްޗަށް 2-1ގެ ނަތީޖާ އަކުން ކުރި ހޯދައިގެން ޕްރެޒިޑެންޓް ކަޕުގެ ސެމީ ފައިނަލްގެ ޖާގައެއް އީގަލްސުން ކަށަވަރުކޮށްފިއެވެ.
ދެ ގްރޫޕް އަކަށް ބަހާލައިގެން ކުޅެމުންދާ ގައުމީ މުބާރާތުގައި އީގަލްސް ހިމެނޭ ގްރޫޕް އެކެއްގައި އެޓީމް ކުޅުނު ދެ މެޗު ވެސް ވަނީ ކާމިޔާބްކޮށްފަ އެވެ. ގްރޫޕްގެ އެއްވަނަ އީގަލްސް އަށް ލިބެނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި 3-0ގެ ނަތީޖާ އަކުން ނިއު ރޭޑިއަންޓްގެ މައްޗަށް ކުރި ހޯދައިގެން ޖުމްލަ ހަ ޕޮއިންޓާއި އެކުއެވެ.
އެ ގްރޫޕްއިން ދެވަނަ ހޯދައި ސެމީ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަށަވަރު ވަނީ އަންނަ ހޯމަ ދުވަހު ހަވީރު ނިއު އާއި ޓީސީ ކުޅޭ މެޗަށް ފަހުއެވެ. އެމެޗަށް ނިކުންނައިރު ދެ ޓީމަށް ވެސް ޕޮއިންޓެއް ލިބިފައިނުވާއިރު ދެވަނާގައި ޓީސީ އޮތީ ނިއު އަށް ވުރެން ފައިދާ ގޯލުގެ ތަފާތުން ކުރި ލިބޭތީއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން ޓީސީއިން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް އީގަލްސްއިން ވަނީ އެ ޓީމުން އުފެއްދި ފުރަތަމަ ހަމަލާ ގޯލުގެ ތެރެއަށް ވައްދާލައިގެން ލީޑް ނަގާފައެވެ. އެ ލަނޑު 10 ވަނަ މިނެޓްގައި ރިސްޓޭ ގޯލުގެ ތެރެއަށް ވައްދާލީ ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއަށް މުހައްމަދު ސެޑިކް ނަގައިދިން ހުރަހަކުންނެވެ.
ޕްރެޒިޑެންޓް ކަޕްގައި އީގަލްސް އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އީގަލްސްގެ ގޯލަށް ފަހު ވެސް މެޗުގައި ރަނގަޅަށް ކުޅުނީ ޓީސީންނެވެ. ޓީސާއަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިން ގޯލު މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ސެންޓޭއެވެ. ސެންޓޭ އެ ގޯލު ކާމިޔާބް ކުރީ އީގަލްސްގެ ޕެނަލްޓީ އޭރިއާ ކުރިމަތިން ހަސަން ނާއިޒް(ދާދު) އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ޓޮޕް ސްކޯރާގެ މަގާމްގައި ހުރި ސެންޓޭ ވަނީ މި ސީޒަނުގައި ޓީސީއަށް ހިލޭ ޖެހުން ތަކުގައި ގިނަ ގޯލު ތަކެއް ކާމިޔާބް ކޮށްދީފައެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑް ނަގަން އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ ވެސް ސެންޓޭއެވެ. ޓީސީއަށް ލިބުނު ކޯނަރެއް ސެންޓޭ ފޮނުވާލިއިރު އެބޯޅަ އަމާޒުވީ ގޯލުގެ ދުރު ކައިރިން އަރިމަތީ ދަނޑިއަށެވެ. ސެންޓޭ ނެގި ކޯނަރު ލިބެތޯ އީގަލްސްގެ ކީޕަރު ސަޖަން ޕެރޭރާ ޑައިބް އެޅި ނަމަވެސް އޭނާގެ އަތުވަނީ ޖެހޭ ގޮތް ނުވެފައެވެ.
ދެވަނަ ހާފް ފެށިގެން ވެސް ލީޑް ނަގަން ޓީސީ އިން ވަނީ ގިނަ ހަމާލާތަކެއް އުފައްދާފައެވެ. ސެންޓޭ ފޮނުވާލި ބޯޅައެއް އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި އެ ޓީމްގެ ޑިފެންޑަރެއްގެ ގައިގަ ޖެހި ގޯލުގެ ކަނަށް ވަންނަން ދިޔަ ނަމަވެސް ކީޕަރު ސަޖަން ޕެރޭރާ ވަނީ އެ ބޯޅަ ވެސް ހުށިޔާރު ކަމާއި އެކު ދިފާއުކޮށްފައެވެ.
ޕްރެޒިޑެންޓް ކަޕްގައި އީގަލްސް އާއި ޓީސީ ކުޅުނު މެޗުގައި ސެންޓޭ ޖެހި ހިލޭ ޖެހުން އީގަލްސްގެ ގޯލުގެ ތެރެއަށް ވަންނަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ޓީސީގެ އެހަމަލާއަށް ފަހު ވެސް ސެންޓޭ ނަގައިދިން ހުރަހެއް އަލީ ނާފައި ފޮނުވާލި ނަމަވެސް ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފައެވެ.
އީގަލްސް އަށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްދިން ގޯލު މެޗުގެ 72 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ އިބްރާހިމް މުބީން އެވެ. އޭނާ އެ ގޯލު ކާމިޔާބްކުރީ ސެޑިކް ޓީސީގެ ޕެނަލްޓީ އޭރިއާތެރެއަށް ނަގައިދިން ހުރަހެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގެ ފަހު ވަގުތުކޮޅު އީގަލަސްއިން ފުރިހަމަ ކުރީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑު ދެއްކި މުބީންއާ ނުލައެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ދޭގެ މެޗެކެވެ. އެމެޗުގައި ބައްދަލު ކުރާނީ މިދިޔަ އަހަރުގެ މިނިވަން 50 ޗެމްޕިއަންޝިޕް ކާމިޔާބްކުރި ސ. ފޭދޫ ޓީމާއި ޔުނައިޓެޑް ވިކްޓަރީއެވެ.