ސާވިސް ޗާޖް: މަގުސަދު ހާސިލް ނުވާ ހަރަދެއް!

މާލޭގެ އިރުމަތީ ފަރާތުގައި ހުންނަ ނަން މަޝްހޫރު ކެފޭއެކެވެ. ނަމަވެސް އެތަނަށް ވަނުމަށް ދެކޮޅު ހަދާ ސަބަބެއް އޮވެ އެވެ. އެއީ އެތަނުގެ ވޭޓަރުންގެ ސާވިސް ދަށްވުމެވެ. ފޫހިކަމާ އެކު ހިދުމަތް ދިނުމާއި ހިދުމަތް އިންތިހާއަށް ލަސްވުމެވެ. އެ ކެފޭގެ ހާލަކީ ރާއްޖޭގައި ހިންގާ އެތައް ކެފޭ ރެސްޓޯރެންޓަކަށް ދިމާވާ މައްސަލައެކެވެ. ބޮޑުއަގެއްނަގާއިރު ހިދުމަތް ހަމަ ދަށީ އެވެ.

ވެރިރަށް މާލެއަށް ބަލާއިރު ގިނަ ކެފޭ، ރެސްޓޯރެންޓްތަކުންދޭ ހިދުމަތަށް ސާވިސް ޗާޖްގެގޮތުގައި ފަސް ޕަސެންޓުން ފެށިގެން 10 ޕަސެންޓާއި ހަމައަށް ސާވިސް ޗާޖްނަގަ އެވެ. ނަމަވެސް އެ ސާވިސް ޗާޖް ނަގާ މަގުސަދާއި، ދޭ ހިދުމަތާއި ދިމައެއްނުވެ އެވެ.

ސާވިސް ޗާޖް ހައްގުވެރިންނަށް ނުލިބޭ!

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން މުވައްޒަފުން ލަށްވައިދޭ ހިދުމަތުން ސާވިސް ޗާޖް ނަގާ ނަމަ އެ ފައިސާގެ ތެރެއިން އެއް ޕަސެންޓަށް ވުރެ ކުޑަ އަދަދެއް ކުންފުންޏަށް ނެގުމަށް ފަހު ދެން ހުރި ފައިސާ ޖެހޭނީ މުވައްޒަފުންގެ މެދުގައި ބަހާށެވެ.

އެއީ އުސޫލެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ސެކްޓާ އަދި ސާވިސް ޗާޖްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމް ދާއިރާއިން ފެށިގެން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ވެސް ކަންވަނީ އެގޮތަކަށް ނޫނެވެ.

"ސާވިސް ޗާޖޭ ކިޔާފައި ނަގާފައި އެ ނުވެއްދޭ ގިނަ ތަންތާކުން. ހަމަ ވަރަށް ކުޑަކުޑަ އެއްޗެއް ދޭނީ. އެހެންވެ ވެސް ހިދުމަތް ކަޑަވާނެ. އަހަރެމެން ވެސް އެވާހަކަ ދައްކަން. ސާވިސް ޗާޖް ނަގާފައި ހަމަހަމައަށް ނުދޭ ވާހަކަ. އަހަރެމެންނަށް ވެސް ނުދޭ. އިންނަނީ ފިކްސް ކޮށްފަ ވަކިވަރެއް،" ވެއިޓަރަކަށް މަސައްކަތް ކުރާ ދިވެހި ޒުވާނަކު ބުންޏެވެ.

ސާވިސް ޗާޖް ހައްގުވާ މިންވަރަށްދޭ ނަމަ ހިދުމަތްދޭން ތިބޭ ފަރާތްތަކުން މޯޓިވޭޓްވާނެ އެވެ. ހިދުމަތްދޭ ހިތުންދޭނެ އެވެ. އާމްދަނީ އިތުރުކުރުމަށް ގިނަ މީހުން ހިދުމަތް ހޯދުމަށް އައުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ޝައުގުވެރިކަން ބަހައްޓާނެ އެވެ.

ޓޫރިޒަމް އެމްޕްލޯއީސް އެސޯސީއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވީ ހައްގު މިންވަރު ސާވިސް ޗާޖް ދޭ ކަމަށް ބެލެވެނީ ވަރަށް މަދު ރިސޯޓެއްގައި ކަމަށާއި އަދި ބައެއް ރިސޯޓްތަކުން ސާވިސް ޗާޖް ދެނީ ގަވައިދާ ހިލާފަށް ވަކި އަދަދެއް ކަނޑައަޅައިގެން ކޮންމެ މަހަކު އެވަރު ކަމަށެވެ.

"ފަސް ވީސް ރިސޯޓުގައި ކިރިޔާ ވެސް ސާވިސް ޗާޖް މުވައްޒަފުން އިތުބާރުކުރެވޭ ފެންވަރެއްގައި ދެނީ. އެއީ ވެސް 100 ޕަސެންޓް ދޭ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ބާކީ ހުރި ހުރިހާ ރިސޯޓެއްގެ މުވައްޒަފުން ޝައްކުކުރޭ،" މައުރޫފް ވިދާޅުވި އެވެ.

ހިދުމަތް ރަނގަޅު ކުރުމަށް ތަމްރީނު ބޭނުން!

ވެއިޓަރުކަމަކީ ޕްރޮފެޝަނެކެވެ. ހިދުމަތްދިނުމުގެ ރަނގަޅު އުސޫލަށް ބަލާއިރު ކަންކަން އޮންނާނީ ރަނގަޅަށް ރޭވިފަ އެވެ. އެމީހަކު ހިދުމަތްދޭން ޖެހޭ މޭޒުތަކާއި އޭނާގެ ޓާކްސް އޮންނާނީ ބުނެދީ ކިޔައިދީފަ އެވެ. އެއީ ވެސް އިލްމެކެވެ. ރާއްޖޭގައި ގިނަ ތަންތަނުން އެކަން ބުނެއެއްނުދެ އެވެ.

"ގިނަ މިހުންނަނީ ބިދޭސީ މީހުން. އެމީހުންނަކަށް ޓްރެއިނިން އެއް ނުދޭ. އައިސް މަސައްކަތް ކުރުމުގެ ތެރެއިން ދަސްވަނީ. ދަސްވާއިރު ހެދި ގޯހެއް ހެދެމުން ހެދެމުން މިދަނީ. ހިންގަން ހުންނަ މީހާގެ ގާބިލްކަމެއް ނުހުރޭ ރީތިކޮށް ކިޔައިދޭކަށް،" ބިޒުނަސް މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ހަދާފައިވާ އަލީ ހާލިދު ވިދާޅުވި އެވެ.

ރާއްޖެއަށް ބަލާއިރު ވެސް ބޮޑެތި ކުންފުނިތަކުން ހިންގާތަންތަނުގެ ހިދުމަތް ރަނގަޅެވެ. ސަބަބަކީ އެތަންތަނުގައި ތިބެނީ ޓްރެއިނިން ކޮށްފައިވާ ގާބިލް މީހުންނެވެ. އަލީ ވިދާޅުވާ ގޮތުގައި ހިދުމަތުގެ ފެންވަރު ރަނގަޅުވެ ވެއިޓަރުންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރަން ވެސް ދަސްކޮށްދޭންޖެހެ އެވެ.

"ވޭޓަރުންނަށް ދަސްކޮށްދޭން ޖެހޭ އޭނާއަށް ޓިޕް ލިބޭނެ ގޮތް. އޭނާ ވަރަށް ރަނގަޅަށް ހިދުމަތް ދީފި ނަމަ މީހަކު 10 ރުފިޔާ ވޭޓަރުގެ އަތަށް ދޭން ޖެހިލުން ނުވާނެކަން އެގޮތަށް މަސައްކަތް ކުރަން ދަސްކޮށްދޭން ޖެހޭ،" އަލީ ވިދާޅުވި އެވެ.

ކޮންމެއަކަސް ހިތްއުފާ ކުރުމަށާއި ކެއިންބުއިމުގެ ހިދުމަތަށް ބޮޑު އަގެއްނަގަ އެވެ. އެކަމަކު ދެރައީ ނަގާ އަގާ ލިބޭ ޚިދުމަތް ދިމާނުވާތީ އެވެ. ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިއީ ވިޔަފާރިވެރީން ވިސްނަންޖެހޭ ކަންކަމެވެ. އެންމެ ފުރަތަމަ ފިޔަވަޅަކީ ސާވިސްޗާޖް އޭގެ ހައްގުވެރިންނަށް ދިނުމެވެ.

comment ކޮމެންޓް