ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަނުކުރުމުގެ ބާރު ރައީސަށް ދޭ އިސްލާހު ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: -- ފޮޓޯ/ މަޖިލިސް

ފިގުހު އެކަޑަމީ އުވާލައި، ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް އުފައްދާފައިވާ އިރު، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް އެ މަޖިލީހަށް މެމްބަރުން އައްޔަނުކުރުމުގެ އިޚްތިޔާރު ލިބޭގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު އެ މަޖިލީހުން ބަލައިގެންފިއެވެ.

ފިގުހު އެކަޑަމީ އުވާލައި، ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އުފެއްދުމަށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް އެ އިސްލާހު ތަސްދީގުކުރީ މިއަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅުގައެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުން އެ މަޖިލީހުގައި ތިބޭ ފަސް މެމްބަރުންނަކީ އިސްލާމިކް މިނިސްޓަރު އައްޔަނުކުރާ މެމްބަރަކާއި، ފަނޑިޔާރުންގެ ތެރޭން އުއްތަމަފަނޑިޔާރު އައްޔަނުކުރައްވާ މެމްބަރަކާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސް އައްޔަނުކުރާ މެމްބަރަކާއި، ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރުން އައްޔަނުކުރާ ދެ މެމްބަރެކެވެ.

އެހެން ނަމަވެސް، އެ ގާނޫނަށް ހުށަހެޅި އިސްލާހާ އެކު، އެ މަޖިލީހަށް ހަތަރު މެމްބަރަކު ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރުން އައްޔަނު ކުރެވޭނެއެވެ.

އިސްލާހު ފާސްވުމުން އެ މަޖިލީހުގެ މެމްބަރުންނަށް ވާނީ އިސްލާމިކް މިނިސްޓަރު އައްޔަނުކުރާ މެމްބަރަކާއި، ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ އެއް ބޭފުޅަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ތިން މެމްބަރެކެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށަހެޅުއްވި މި ގާނޫނު މަޖިލީހުން ބަލައިގަތުމަށް މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނވި 69 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ އިސްލާހާ ދެކޮޅަށް 26 މެމްބަރަކު ވޯޓު ދެއްވިއެވެ.

މިކަމާ ގުޅޭގޮތުން މަޖިލީހުގައި މިއަދު ބަހުސްކުރެއްވި އިދިކޮޅު ގިނަ މެމްބަރުތަކުން ވަނީ ސަރުކާރަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"އެއްވެސް އުސޫލެއް ނެތި ސަރުކާރުން ކަންކަން ކުރަނީ. ރައީސް ޔާމީނަށް ހުރިހާ ބާރުތަކެއް އެކަމުގައިވެސް ނަންގަވަން. މިހާރު އޮތް އުސޫލަކީ އެކި މުއައްސަސާތަކުން ބޭފުޅުން ތިބޭ ގޮތަށް. މިހާރު ރައީސް ޔާމީން ސީދާ އެ ބާރު ނަންގަނަވަން އެ އުޅުއްވަނީ،" މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.

މި އިސްލާހާ ގުޅޭގޮތުން ބަހުސްކުރައްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ، ގައުމުގައި ދީން ކިޔަވައިގެން ތިބި އެންމެންނަށް ދީނީ ގޮތުން ބަސް ބުނުމުގެ ބާރު ލިބޭނެ ކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ކޮމިޓީއަކަށް އެ ބަސް ބުނުމުގެ ބާރު ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ.

"ޖަރުމަނުގައި އެޑޮލްފް ހިޓްލަރަށް ބާރުތައް ދިންހެން ރައީސް ޔާމީނަށް ބާރުތައް ދޭން މި ދަނީ. މިއީ ނުރައްކާތެރި ކަމެއް،" ނިޒާރު ވިދާޅުވިއެވެ.

comment ކޮމެންޓް