ވައްޑޭ ފުލުސް އޮފީހަށް ހާޒިރުކުރީ ޕީޕީއެމްގެ ހާޑު ޑިސްކުތައް ގެއްލުނު މައްސަލައިގެ ތަހުގީގަށް

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) މިރޭ ފުލުސް އޮފީހަށް ހާޒިރުކުރީ ޕީޕީއެމްގެ އޮފީހުގައި ހުރި ކޮމްޕިއުޓަރު ހާޑު ޑިސްކުތައް ގެއް:ލުނު މައްސަލާގައި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ވައްޑޭ ސަން އަށް ވިދާޅުވީ މިރޭ 8:30 ގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގަތުމަށްފަހު ތަހުގީގުން ކުރި ސުވާލުތަކަށް ޖަވާބުދީ، ބަޔާނެއް ދީފައިވާނެ ކަމަށެވެ.

ޕީޕީއެމްގެ އޮފީހުގައި ހުރި ހާޑު ޑިސްކުތައް ގެއްލުނު ކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފެކްޝަނުންނެވެ.

އެ މައްސަލައާ ގުޅިގެން މީގެކުރިން ވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަންގެ ނައިބު ރައީސް އާމިނަތު ނާދިރާ އާއި އެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމާއި އެ ފެކްޝަންގެ ޑެޕިއުޓީ ރަޖިސްޓްރާ ފާތިމަތު ޝަހީދާ ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ހާޑު ޑިސްކުތައް ގެއްލުނު މައްސަލާގައި ފުލުހުން ވަނީ ޕީޕީއެމްގެ އޮފީސް ކުރިން ހިންގި އިމާރާތް ކަމުގައިވާ ހ. ތެމާ އާއި ސެކްރެޓަރީ ޖެނެރަލް އަލީމް ދިރިއުޅުއްވާ އެޕާޓްމަންޓު ބަލައިފާސްކޮށްފައެވެ.

comment ކޮމެންޓް