ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
ވައްޑޭ ސަން އަށް ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން މިރޭ 8:30 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ޗިޓެއް ފޮނުވާފައިވާ ކަމަށެވެ.
ވައްޑޭ ވިދާޅުވީ އޭނާ ހާޒިރުކުރަނީ ފުލުހުން ތަހުގީގުކުރާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންގާފައިވާގޮތުގެމަތިން އަޅުގަނޑު މިރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުވާނަން،" ވައްޑޭ ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ޕީޕީއެމް ދެބައިވެ ދެ ފެކްޝަނެއް އުފެދިފައިވާއިރު، ވައްޑޭ އަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅެކެވެ.
ކާޑުގެ ބާވަތްތަކުން މީގެކުރިން ދެމުން އައި ސަބްސިޑީ ކަނޑާލިފަހުން ވައްޑޭ އަންނަނީ މި ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުންނެވެ.