މާޅެންދޫގެ ގިނަ ބަޔަކު އެމްޑީއޭއަށް

ނ. މާޅެންދޫން، އެމްޑީއޭއާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް، ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާ ހަވާލުކުރަނީ -- ސަން ފޮޓޯ

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް މެންބަރުން އިތުރުކުރުމަށް މިހާރު ފަށާފައިވާ މަސައްކަތުގެ ތެރޭން، ނ. މާޅެންދޫގެ ގިނަ ބަޔަކު އެ ޕާޓީއަށް ސޮއިކޮށްފިއެވެ.

އެމްޑީއޭގެ ކައުންސިލް މެންބަރު މުހައްމަދު އައްބާސް، ސަންއަށް މިރޭ ވިދާޅުވީ، އެމްޑީއޭއަށް މެންބަރުން އިތުރުކުރުމަށް ނ. އަތޮޅުގައި މިހާރު ކުރިއަށް ގެންދާ ހަރަކާތުގައި މާޅެންދޫން 100އަށް ވުރެ ގިނަ މެންބަރުން އެ ޕާޓީއަށް ސޮއިކޮށްފައި ވާ ކަމަށެވެ.

މާޅެންދޫން އެމްޑީއޭއާ ގުޅުނު މެންބަރުން ސޮއިކޮށްފައިވާ ފޯމުތައް މިއަދު ވަނީ، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާ ހަވާލުކޮށްފައެވެ.

އާބާދީގައި 800އަށް ވުރެ ގިނަ މީހުން ތިބި މާޅެންދޫގައި މިހާރުވެސް އެމްޑީއޭގެ 250 މެމްބަރުން ތިބެއެވެ. އެގޮތުން އެރަށުން އަލަށް އެމްޑީއޭއާ ގުޅުނު މެންބަރުންނާއެކު މިހާރު މާޅެންދޫގައި އެމްޑީއޭގެ ޖުމުލަ 350 މެމްބަރުން ތިބޭނެއެވެ.

އައްބާސް ވިދާޅުވީ، މާޅެންދޫގެ އިތުރުން ކުރިއަށް އޮތް، ތިން ހަތަރު ދުވަހެއްގެ ތެރޭގައި، ނ. އަތޮޅު ވެލިދޫ، މަނަދޫ، އަދި ކެނދިކުޅުދޫ މިއިން ކޮންމެ ރަށަކުން މަދުވެގެން 100 ވަރަކަށް މެންބަރުން އެމްޑީއޭއާ ގުޅޭނޭ ކަމަށެވެ.

"މިހާރު ހުރީ ގިނަ ފޯމުތަކުގައި ސޮއިކޮށް ފިންގާޕްރިންޓް ޖަހާ ނިމިފައި. އަޅުގަނޑުމެންގެ ޓާގެޓަކީ، މިމަހުގެ ތެރޭގައި ހަމަ އެކަނި ނ. އަތޮޅުން އެމްޑީއޭއަށް 500އަށް ވުރެ ގިނަ މެންބަރުން އިތުރުކުރުން،" އައްބާސް ވިދާޅުވިއެވެ.

"މީގެ އިތުރުން މި މަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1000 އަށްވުރެ ގިން މެންބަރުން އެމްޑީއޭއާ ގުޅޭނެ."

ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަލުން އެކުލަވާލިއިރު އެމްޑީއޭގައި ކުރިން 10،639 މެމްބަރުން ތިބިނަމަވެސް އަލުން ދަފްތަރު އެކުލަވާލިއިރު އެ ޕާޓީން ވަނީ 55 މެމްބަރަކު ވަކިވެފައެވެ. އެހެންކަމުން މިހާރު އެ ޕާޓީގައި ތިބީ 10584 މެމްބަރުންނެވެ.

އައްބާސް ވިދާޅުވީ، ޕާޓީގެ އުންމީދަކީ ކުރިއަށް އޮތް 2017 ވަނަ އަހަރުގެ ތެރޭގައި، އެމްޑީއޭއަކީ ރާއްޖޭގެ ދެވަނައަށް މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީއަށް ހެދުން ކަމަށެވެ.

"މިހާރު ހުރި ފޯމުތައް އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރުމުން އަޅުގަނޑުމެންގެ ޕާޓީ ވާނީ ތިންވަނައަށް އެންމެ ބޮޑު ޕާޓީއަށް. 2017 ވަނަ އަހަރު އިރާދަކުރެއްވިއްޔާ ދެވަނައަށް އެންމެ ބޮޑު ޕާޓީއަށް ވުން އަމާޒަކީ،" އައްބާސް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަލުން އެކުލަވާލިއިރު، މެމްބަރުން އެންމެ ގިނަ ޕާޓީގެ ގޮތުގައި އޮތީ، 37،633 މެމްބަރުންނާއެކު ސަރުކާރު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްއެވެ. 27،805 މެންބަރުންނާއެކު ދެވަނައިގައި އެމްޑީޕީ އޮތް އިރު، ތިންވަނައަށް އެންމެ މެންބަރުން ގިނަ ޖުމްހޫރީ ޕާޓީގައި ތިބީ 10،989 މެންބަރުންނެވެ.

comment ކޮމެންޓް