ނާދިރާ ފުލުހަށް ހާޒިރުކުރީ ހާޑު ޑިސްކުތަކުގެ މައްސަލައިގައި

14 ނޮވެމްބަރ 2016: ޕީޕީއެމްގެ މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ފުލުސް އޮފީހަށް ހާޒިރުކުރުން: ނާދިރާ އާއި އަލީމް ފުލުސް އޮފީސް ދޮރުމަތީ މަޑުކޮށް ލައިގެން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވެރިކަން ކުރާ ޕީޕީއެމްގެ އޮފީހުގައި ހުރި ކޮމްޕިއުޓަރު ސިސްޓަމްތަކުގެ ހާޑް ޑިސްކުތައް ގެއްލިފައިވާ މައްސަލައިގައި، ޕީޕީއެމްގެ މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލުކޮށްފިއެވެ.

ޕީޕީއެމްގެ އޮފީހުގައި ހުރި ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކުތައް ގެއްލިފައިވާ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ އެޕާޓީގެ ރައީސް ޔާމީންގެ ފެކްޝަނުގެ ފަރާތުންނެވެ.

ނާދިރާ މިއަދު "ސަން" އަށް ވިދާޅުވީ، އޭނާ ހާޒިރުކުރުމަށްފަހު އޭނާއާ ސުވާލުކުރީ، ގެއްލިފައިވާ ހާޑު ޑިސްކުތަކުގެ މައްސަލައިގައި ކަމަށެވެ.

"ޕޮލިހުން ސުވާލުކުރީ ހާޑު ޑިސްކުތަކާ ބެހޭގޮތުން. އަޅުގަނޑު ދެންނެވިން އަޅުގަނޑަކީ ޕީޕީއެމް އޮފީހުގެ އެޑްމިންއާ ގުޅުންހުރި މީހެއް ނޫނޭ އެހެންވެ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގެއޭ،" ނާދިރާ ވިދާޅުވިއެވެ.

14 ނޮވެމްބަރު 2016: ވެރިކަން ކުރާ ޕީޕީއެމްގެ، މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ފުލުސް އޮފީސް ދޮރުމަތީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ނާދިރާ މިއަދު "ސަން" އަށް ވިދާޅުވީ، އޭނާ ފުލުހަށް ހާޒިރުކުރުމަށްފަހު ސުވާލުކުރީ، ގެއްލިފައިވާ ހާޑު ޑިސްކުތަކުގެ މައްސަލައިގައި ކަމަށް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނާދިރާ ވިދާޅުވި ގޮތުގައި، އޭނާ އެންމެ ފަހުން ޕީޕީއެމްގެ އޮފީހަށް ވަދެފައި ނުކުތުމަށްފަހު، ދެން އެނބުރި އެތަނަށް ދިޔަ އިރު އެތަނުގައި ހުރީ ތަޅު އަޅުވައިފައެވެ.

ޕީޕީއެމްގައި ދެ ފެކްޝަނެއް އުފެދި، ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީނާ ޕާޓީ ހިންގުމުގެ ބާރުތައް ކޯޓުން ހަވާލުކުރުމާ އެކު، އެ ފެކްޝަނުން ވަނީ ހ. ތެމާގައި ހުރި ޕީޕީއެމްގެ އޮފީހަށް ވަދެ، އެތަނުގައި ހުރި ހުރިހާ މުދަލެއް، ރައީސް ޔާމީން ފެކްޝަނުން ޕާޓީ ހިންގަމުންދާ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.

އެހެން ނަމަވެސް، ޕީޕީއެމް އޮފީހުން ދަރުބާރުގެއަށް ގެންދިޔަ ކޮމްޕިއުޓަރުތަކުގައި ހުރި ހާޑު ޑިސްކުތައް ގެއްލިފައިވާ ކަމަށް ރައީސް ޔާމީން ފެކްޝަނުން ބުނެ، އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅިއެވެ.

"ހުރިހާ ޑިސްކެއްގައިވެސް ހުރިއްޔާ ހުރި އެއްޗެއް ހުރީ ފޯމެޓް ކޮށްލާފައި. ޕާޓީގެ ޑާޓާބޭސްއެއް ނެތް. އެހެންވީމަ ޕާޓީގެ ވަރަށް މުހިންމު ލިޔެކިޔުންތަކެއް އަޅުގަނޑުމެންނަށް ގެއްލިގެން މިދިޔައީ. ޕާޓީގެ ހިސާބުތަކާއި ކުރީގެ ކުރެވިފައި ހުރި ޖަލްސާތަކުގެ ޔައުމިއްޔާތައް. އެހެން މީސްމީހުންނާ ހެދިފައި ހުރި އެއްބަސްވުންތައް ނެތް،" އެ ފެކްޝަނުގެ ތަރުޖަމާނު، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވިއެވެ.

ހާޑު ޑިސްކުތައް ގެއްލުނު މައްސަލައިގައި، މިހާރު ހުސްކޮށްފައިވާ ޕީޕީއެމްގެ އޮފީސް، އަދި ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ގޮތުގައި ހިންގާ ހ. ތެމާއަށް ވެސް ފުލުހުން ވަދެ، އެތަން ބަލައި ފާސްކޮށްފައިވާ އިރު، ޕީޕީއެމްގެ މައުމޫން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އާދަމް ދިރިއުޅޭ ގެ ވެސް ވަނީ ބަލައި ފާސްކޮށްފައެވެ.

comment ކޮމެންޓް