ރާއްޖޭގެ ވެރިކަން ކުރާނެ ބާރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މިހާރު ނެތް ކަމަށާއި ގާސިމަށް ދެން ވެރިކަން ނުކުރެވޭނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ފާޑު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ރޭ ދުވާފަރުގައި ބޭއްވި ޖަލްސާގައި ފަލާހުވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ފަލާހު ވިދާޅުވީ، ގާސިމަކީ ޚިޔާލާ ފިކުރު، ވަރަށް އަވަސް އަވަހަށް ބަދަލުވާ ފަރާތެއް ކަމަށެވެ. އެއްދުވަހު ރައީސް ނަޝީދާއެއްކޮށް ހުންނަވައިފި ނަމަ އަނެއް ދުވަހު ހުންނެވީ އެހެން ގޮތަކަށޭ ވިދާޅުވާ ކަމަށެވެ. އަދި ރޭގަނޑު ނިދާފައި އޮއްވައި ފެންނަ ހުވަފެނަކުން " މިހުންނެވީ ސަރުކާރާއެކު އޭވެސް ބުނެފާނެ" ކަމަށެވެ.
" އެއްދުވަހު ޓީވީއަށް އަރާފައި ތިމަންނަ މިހިރީ މައުމޫނު ކައިރީއޭ ވިދާޅުވިއްޔާ އަނެއްދުވަހު ވިދާޅުވާނެ ތިމަންނަ މިހިރީ އެހެން ގޮތަކަށޭ. އަނެއް ދުވަހު ތިމަންނަ މިހުރީ މިވެނި ގޮތަކަށޭ ބުނިއްޔާ އަނެއް ދުވަހު ބުނާނެ ތިމަންނަ މިހިރީ ރައީސް ނަޝީދު ކައިރިއޭ،" ފަލާހު ވިދާޅުވި އެވެ.
ގާސިމް އިބްރާހީމަކީ އަޖައިބެއް ކަހަލަ ބޭފުޅެއް ކަމަށާއި "ކިތަންމެވަރަށް އުޅުއްވިޔަސް ދެން ވެރިކަން ނުކުރެވޭނެ" ކަމަށް ފަލާހު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ މައްޗަށް އިތުރަށްވެސް ގިނަ ހުކުމްތަކެއް ކުރަން ހުރި ކަމަށް ފަލާހު ވިދާޅުވި އެވެ. އެގޮތުން 2012 ފެބުރުއަރީ 7ގައި ރައީސް ކަމުން އިސްތިއުފާ ދެއްވި ދުވަހު މުލިއާގެއިން ނެރުނު ބަގުރާ ފުޅިތަކުގެ މައްސަލަވެސް ބަލަންޖެހޭ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
ބޭރުގައި ފިއްލަވައިގެން ހުރެގެން ރާއްޖޭގެ ވެރިކަމެއް ނުކުރެވޭނެ ކަމަށާއި އެހެންކަމުން ރާއްޖެ ވަޑައިގެން 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު ދެން ވެރިކަން ހޯދަން މަސައްކަތް ކުރުން ރަނގަޅުވާނެ ކަަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.
" 2018 ވަނަ އަހަރުގެ އިންތިހާބަށް ކުރިމަތިލާ ކަމަށް ވާނަމަ، ދެކޮޅު ދެކޮޅަށް ލަންކާއާ އިނގިރޭސި ވިލާތާ ދެމެދު ދުވެދުވެ ތިއްބަސް ކާމިޔާބެއް ނުވާނެ،" ފަލާހު ވިދާޅުވިއެވެ.
ފަލާހުގެ އިތުރުން ރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންވަނީ އިދިކޮޅު އެމްޑީޕީ އަދި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވާ ފަރާތްތަކަށް ފާޑު ވިދާޅުވެފައެވެ.