ތައުލީމީ ދާއިރާގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދަރިވަރު އިސްކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ގްރޭޑް އެކެއްގެ ދަރިވަރުންނަށް ކޮންމެ އަހަރަކު ހިންގާ ހެލްތު ސްކްރީނިން ސާވޭ އިފްތިތާހްކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ މުހިއްމު އެއް ވައުދަކީ ކޮންމެ ކުއްޖަކު ވެސް ބާކީ ނުކުރާނެކަމުގެ ވައުދު ކަމަށެވެ.
އެ ވައުދަކީ ހަމައެކަނި ދަރިވަރުގެ ތައުލީމާއި ތަމްރީނު އަދި ތަރުބިއްޔަތުގެ މައްޗަށް އޮތްކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ތައުލީމީ ދާޢިރާގެ ކޮންމެ ސިޔާސަތެއް ތަންފީޒުކުރުމުގައި އަދި ކޮންމެ ސިޔާސަތެއް އެކުލަވާލުމުގައި އެންމެންގެ ވިސްނުމުގެ ކުރިއަށް ދަރިވަރު އިސްކުރަން ޖެހޭ. ތައުލީމީ ދާއިރާގެ ބަޖެޓުގައި ހިމެނޭ ކޮންމެ ފައިސާ ފޮއްޗަކީ ވެސް ދަރިވަރުގެ ކުރިއެރުމާއި ތަރައްގީ އާއި ލާބައަށް ހޭދަކުރެވޭ ފައިސާފޮއްޗަކަށް ހަދަން ޖެހޭ،" މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮންމެ ކުއްޖަކީ ވެސް ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ދަރިވަރަކަށް ހެދުމުގެ އިތުރުން އެ ދަރިވަރަކީ އިސްލާމްދީންގެ އަސާސްތައް ކުރިއަށްނެރޭ ދިވެހިވަންތަ ސިފަތަކަށް ލޯބިކުރާ އަދި މީހަކު ބުނާ ބަހަކުން އަސަރުނުކުރާނެ އަގީދާ ވަރުގަދަ ދަރިވަރުން ބިނާކުރަން ޖެހޭ ކަމަށެވެ.
ހެލްތު ސްކްރީނިން ޕްރޮގްރާމަށް އިޝާރާތްކުރައްވާ މިނިސްޓަރު އައިޝަތު ވިދާޅުވީ، އެ ސާވޭގެ ސަބަބުން ދުޅަހެޔޮ ސިއްހަތެއްގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރުމުގެ ވައްޓަފާޅިއެއް ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިންގެ ކިބައިގާ އަށަގަނެ، ދަރިވަރުންގެ ސިއްހީ ކަންކަމަށް ދެވޭ އަހައްމިއްޔަތު އިތުރުވަމުންދާ ކަމަށެވެ.
ހެލްތު ސްކްރީނިން ސާވޭގެ ނަތީޖާތަކަށް ބަލާއިރު ދަރިވަރުންގެ ސިއްހީ މިންގަނޑު އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއް ހޯދޭނެ ގޮތްތައް ސްކޫލްތަކުން ލިބިދެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ގައުމެއް ކުރިއަރައި ތަރައްގީ ވާނީ އެ ގައުމެއްގެ ޅަ ދަރިވަރުންނަށް ދެވުނު ތައުލީމަކާ ތަރުބިއްޔަތެއްގެ މައްޗަށް ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ގައުމެއްގެ ތަރައްގީއަށް ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމަންޓަކީ ތައުލީމީ ދަރިވަރުން ބިނާކުރުމަށް ކުރާ މަސައްކަތް ކަމަށެވެ.
އެގޮތުން ދުނިޔޭގެ ކޮންމެ ގައުމެއްގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އެންމެބޮޑު ހޭދައެއް ކުރާ ދާއިރާއަކީ ތައުލީމީ ދާއިރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.