ނޫސްވެރިކަމުގެ ގައުމީ އިނާމް "ސަން"ގެ ޗީފް އެޑިޓަރު ހިރިގާއަށް ލިބިވަޑައިގެންފި

ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ނޫސްވެރިކަން ކުރިއެރުވުމުގެ ރޮނގުން ހިރިގާ އަހުމަދު ޒާހިރަށް ގައުމީ އިނާމް ރައީސް ޔާމީން ހަވާލު ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ނޫސްވެރިކަމުގެ ގައުމީ އިނާމު "ސަން އޮންލައިން"ގެ އެޑިޓާއިން ޗީފް، އަހުމަދު ޒާހިރު (ހިރިގާ)އަށް ލިބިވަޑައިގެންފި އެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމް 22 ބޭފުޅަކަށް ލިބިވަޑައިގެންފައިވާއިރު ހިރިގާ އަށް ލިބިވަޑައިގެންނެވީ ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ނޫސްވެރިކަން ކުރިއެރުވުމުގެ ރޮނގުންނެވެ.

ނޫސްވެރިކަމުގައި 27 އަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ހިރިގާ ނޫސްވެރިކަމުގެ ދާއިރާއިން ގައުމަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ހަވީރު ނޫހުގައި އެވެ. ސަން މީޑިއާ ގްރޫޕުގެ ދަށުން ހިންގާ "ސަން އޮންލައިން"ގެ އެޑިޓާ އިން ޗީފްގެ މަގާމުގައި ހުންނަވައިގެން ވެސް ހިރިގާ އަންނަނީ ރިޕޯޓުތަކާއި ކޮލަމް ލިއުއްވަމުންނެވެ.

ދިވެހި ނޫސްވެރިކަން ދިރުވައި އާލާ ކުރެއްވުމަށްޓަކައި ހިރިގާ ވަނީ ހިލޭ ސާބަހަށް ވެސް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން 2006 ވަނަ އަހަރުގެ ތެރޭފައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ނަމުގައި ނޫސްވެރިކަމަށް ޚިދުމަތް ކުރައްވާ ޖަމިއްޔާއެއް އުފެއްދެވިކަން ފާހަގަކޮށްލެވެއެވެ.

ހިރިގާ އަހުމަދު ޒާހިރާ ރައީސް ޔާމީން ސަލާމް ކުރައްވަނީ---ފޮޓޯ/ ރައީސް އޮފީސް

ނޫސްވެރިކަމުގެ ޚިދުމަތުގެ ރިހި ގަލަން ލިބިވަޑައިގެންފައިވާ ހިރިގާ ވަނީ ނޫސްވެރިންނާއި ސްކޫލުތަކުގެ ދަރިވަރުންނަށް ނޫސްވެރިކަމުގެ އުސޫލުތަކާއި ގާނޫނު ކިޔަވައިދެއްވާފަ އެވެ. އަދި މީޑިއާ ޑިވެލޮޕްމެންޓް ފައުންޑޭޝަން މޯލްޑިވްސްގެ މުއައްޒަފެއްގެ ގޮތުގައި ހުންނަވައިގެން މިދިޔަ އަހަރު ޖަމިއްޔާއެއް ޒާހިރު އުފައްދަވާފައިވެއެވެ.

މީގެ އިތުރުން 2006 ވަނަ އަހަރު ބައިނަލް އަގުވާމީ ނޫސްވެރިންގެ ޖަމިއްޔާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް ގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިގެން ދިއުމުގައި، އެމްޖޭއޭގެ ރައީސްގެ މަގާމުގައި ހުންނެވި ހިރިގާގެ ދައުރު ބޮޑެވެ. އަދި ރާއްޖެއިން ބޭރުގައި ރާއްޖެގެ މީޑިއާ ތަމްސީލު ކުރައްވައި ގިނަ ފޯރަމްތަކެއްގައި ވެސް ހިރިގާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހިރިގާއަށް ލިބިފައިވާ ބައެއް ޝަރަފުތަކުގެ ތެރޭގައި ސިންގަޕޫރު ރޯޔަލް އިންސްޓިޓިއުޓް އިން ދޭ ރެކޮގްނިޝަން، ފެލޯ ޖާނަލިސްޓްގެ ޝަރަފު ވެސް ހިރިގާއަށް ވަނީ ލިބިވަޑައިގެންފައެވެ.

comment ކޮމެންޓް