ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ގާއިމް ކޮށްފައިވާ އެގްޒިބިޝަން ސެންޓަރު ހުޅުވައި އެޗްޑީސީގެ އާ ވެބްސައިޓް އަދި "މައި ހުޅުމާލެ ޕޯޓަލް" ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ޒުހޫރު އިފްތިތާހް ކޮށްދެއްވައިފި އެވެ.
މަރާމާތަށް ބަންދު ކުރުމަށްފަހު ބަދަލުތަކަކާއެކު މިއަދު އެގްޒިބިޝަން ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ ހުޅުމާލެއަށް ގިނަ ގުނަ ތަރައްގީތަކެއް އަންނަމުން ދާކަމަށާއި ހުޅުމާލެ ތަރައްގީވެގެން ދިއުމުން ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުންނަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން ދާނީ ހުޅުމާލޭގައި ކަމަށެވެ.

މިނިސްޓަރު ޒުހޫރު އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރު ހުޅުވައިދެއްވުމަށްފަހު ހުޅުމާލޭގެ 3ޑީ މޮޑެލް އެއް ބައްލަވާލައްވަނީ --- ސަން ފޮޓޯ/ އިޙްތިޝާމް މުޙައްމަދު
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި މަދުވެގެން ދެތިން ހަތަރު ބޭރުގެ އިންވެސްޓަރުން ހުޅުމާލެއަށް އަންނަނާނެ ކަމަށެވެ. އެހެން ކަމުން ހުޅުމާލެއަކީ ފޮރިން ޑައިރެކްޓް އިންވެެސްޓްމަންޓު ޕްރޮމޯޓް ކުރުމަށް އޮތް އެންމެ ރަނގަޅު ތަނަކަށް ވެފައިވުމުން ހުޅުމާލެ ޝޯކޭސް ކުރާއިރު ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން އެކަން ކުރަން ޖެހޭ ކަމަށް ސައިމަން ވިދާޅުވި އެވެ.
"ހުޅުމާލެ ތަރައްގީ ވަމުން އަންނަ އިރު ހުޅުމާލެއަށް ވިޒިޓް ކުރާ އިންވެސްޓަރުންނާއި ހުޅުމާލެއާ ދޭތެރޭ ޝައުގުވެރިވެގެން ރާއްޖެއާއި ހާއްސަކޮށް ރާއްޖޭގެ އެކި އެކި ހިސާބުތަކަށް ދަތުރުކުރާ ފަރާތްތަކަށް އެބަޖެހޭ ވެލްކަމިން މާހައުލެއް ދައްކައިދޭން،" ސައިމަން ވިދާޅުވި އެވެ.
ސައިމަން ވިދާޅުވީ މިއަދު ތައާރަފް ކުރި "މައި ހުޅުމާލެ" ޕޯޓަލް ގެ ސަބަބުން އަވަސް ހިދުމަތެއް ދިނުމަށް މަގުފަހި ވެގެން ދާނެ ކަމަށާއި، ހިދުމަތް ހޯދުމަށް ހުޅުމާލެ ނުވަތަ އެޗްޑީސީގެ އޮފީހަށް ނުގޮސް ހިދުމަތް ހޯދާ ފަރާތްތަކަށް އޮންލައިންކޮށް ހިދުމަތް ލިބޭނެ ކަމަށެވެ.
"މައި ހުޅުމާލެ" ޕޯޓަލް ގެ ސްކްރީންޝޮޓެއް ---
އޭނާ ވިދާޅުވީ މިއަދު އެ ހިދުމަތް ފަށާއިރު މަދު އަދަދެއްގެ ހިދުމަތްތަކެއް ލިބިގެން ދިޔަ ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެޗްޑީސީއިން ދޭ ގިނަ ހިދުމަތްތަކެއް އިލެކްޓްރޯނިކް ހިދުމަތްތަކަށް ބަދަަލު ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި "މައި ހުޅުމާލެ ޕޯޓަލް" ގެ އެންޑްރޮއިޑް އަދި އައިއޯއެސް އެޕްލިކޭޝަން ތައާރަފް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.