ހުޅުމާލޭގެ މަގުތައް ވަރަށް ބޮޑަށް ހިރަފުސްވެ، އެ މަގުތަކުން ދަތުރުކުރާ މީހުންނާއި އެ ސަރަހައްދުތަކުހައި ދިރިއުޅޭ މީހުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މިގޮތުން، އެންމެ ބޮޑަށް ހިރަފުސްވެފައިވާ ކަމަށް ފާހަގަވީ ހުޅުމާލެ ވަށައިގެން އޮންނަ މަގުތަކެވެ. އެ މަގުން ދަތުރުކުރާނަމަ ހަމައަށް ލޯ ނުހުޅުވޭ ވަރަށް ހިރަފުސް އަރައެވެ. އަދި ޚާއްސަކޮށް ވެހިކަލެއްގެ ފަހަތުން ދާނަމަ އަރާ ހިރަފުސް މާ އިތުރެވެ.
ރެޔާއި ދުވާލު އެތައް ބަޔަކު ހުޅުމާލޭގެ މަގުތަކުން ދަތުރުކުރާއިރު، މި ކަމުން އެތައް ދަތިތަކާ ކުރިމަތިވެއެވެ. ހިރަފުސް ބޯ ސަރަހައްދުތަކުގައި އުޅެން ޖެހޭތީ އަވަސް އަވަހަށް ރޯގާ ޖެހޭކަމަށް އެ އަވަށުގައި އުޅޭ އެތައް ބަޔަކު ވަނީ ބުނެފައެވެ.

'ސަން'އިން ބެލި ބެލުމުން އެނގުނު ގޮތުގައި، މަގުތައް އެހާ ބޮޑަށް ހިރަފުސްވެފައިވަނީ، މަގު ހެދުމަށް ތާރުކެނޑި ބައެއް ހިސާބުތައް އަލުން މަރާމާތު ނުކޮށް ދޫކޮށްލާފައި އޮތުމުންނެވެ. ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގެ މަގުގައި އެކަންތައް ވަރަށް ބޮޑެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވެސް ވަނީ، ގޭތެރެއަށް ވަރަށް ބޮޑަށް ހިރަފުސް ވަންނަ ކަން ފާހަގަކޮށްފައެވެ.
މި މައްސަލަ ހައްލު ވާން އޮތީ މަގު ކަހާއިރު ވެލިތަކާއެކު ރީތިކޮށް މަގުތައް ސާފުކޮށްގެންނެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި އެޗްޑީސީން މި ފަހުން ވެމްކޯއަށް ހުށަހެޅި އެއްބަސްވުން އެކުލަވާލާފައިވަނީ ވެލިތަކާއެކު މަގު ސާފު ކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް މިހާތަނަށް އެ އެއްބަސްވުމުގައި ސޮއި ކޮށްފައެއް ނުވެއެވެ.
ގިނަ ބަޔަކު ދިރިއުޅޭ ހުޅުމާލޭގެ މަގުތަކަށް ދިމާވެފައިވާ މި މައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ފާހަގަކުރިއެވެ.