ހިޔާ ޓަވަރު ދޭއްގެ ލިފްޓުތައް މައްސަލަޖެހި އާންމުން އެކަމުގެ ޝަކުވާ ކުރަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ބައެއް އާންމުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއްގައިވަނީ ހިޔާ ޓަވަރު ދޭއްގެ ލިފްޓްތަކަށް މައްސަލަ ޖެހޭތާ އެތައް ދުވަހެއްވެފައިވާ ކަމަށެވެ. ގްރައުންޑުގައި ހުރެގެން އެއްވެސް ލިފްޓެއް ނުހުޅުވޭ ކަމަށާއި ލިފްޓް ހުޅުވެނީ މަތިން މީހަކު ތިރިއަށް ފޭބުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ފޭސްބުކްގައި އަޒްމީން ނަމަކަށް ކިޔާ މީހަކު ކުރި ޕޯސްޓުގައި ވަނީ ހިޔާގެ ލިފްޓުތައް މައްސަލަޖެހިފައިވާ ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ތިން ލިފްޓުން ވެސް ފްލޯ ނަންބަރު އަރައަރައި ހުންނަ މަންޒަރެވެ. އަދި މީހަކު ލިފްޓުގެ އިންތިޒާރުގައި ހުރުމަށްފަހު ލިފްޓް ނައުމުން ދާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
އޭނާ ވަނީ އެ ޓަވަރުގެ ލިފްޓުތައް މައްސަލަޖެހިފައިވާކަން އެތައް ބަޔަކު ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ)އަށް ރިޕޯޓުކޮށްފައިވާ ކަމަށައި ނަމަވެސް އެކަމަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށް ބުނެފައެވެ. އަދި ލިފްޓް އޮޕަރޭޓަރުންނަށް މެސެޖުކުރުމުން، އެ މީހުންގެ އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެފައިވާކަމަށް އަޒްމީންގެ ޕޯސްޓުގައިވެއެވެ.
މި މައްސަލައިގައި އެޗްޑީސީގެ ބަހެއް ހޯދުމަށް 'ސަން' އިން މަސައްކަތްކުރި ނަމަވެސް އެ ކޯޕަރޭޝަނުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ހިޔާ ޓަވަރުތަކުގައި އައު ލިފްޓު ހަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޖުމުލަ ހަތަރު ޓަވަރެއްގައި ލިފްޓު ހަރުކޮށް ނިމި މިދިޔަ ނޮވެމްބަރު މަހުގައި ވަނީ ބޭނުންކުރަން ފަށާފައެވެ. އެޗްޑީސީއާއި ހަވާލާދީ އޭރު ޕީއެސްއެމްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މުޅި މަޝްރޫއުގެ 75 ޕަސެންޓު މަސައްކަތް އޭރު ވަނީ ނިމިފައެވެ.