ޔުމްނާ މައުމޫން ސުލޫކީ ކޮމިޓީއަށް ހާޒިރުވާން އަންގައިފި

ޔުމްނާ މައުމޫން: އެކަމަނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ތަފްސީލެއް އަދި ނުލިބޭ --- ސަން ފައިލް ފޮޓޯ

ޕީޕީއެމްގެ ޔާމީން ފެކްޝަންގެ ސުލޫކީ ކޮމިޓީއަށް ހާޒިރު ވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މައުމޫނަށް އަންގައިފި އެވެ.

ރައީސް ޔާމީން ފެކްޝަންގެ ސުލޫކީ ކޮމިޓީގެ މުގައްރިރު އަލީ ވަހީދު އަބްދުއްރަހުމާން ސޮއިކުރައްވައި ޔުމްނާއަށް ފޮނުވި ސިޓީގެ ކޮޕީއެއް "ސަން"އަށް ވަނީ ލިބިފަ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫނަށް ސަސްޕެންޑްކޮށްފައިވާ ކޮމެޓީން ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ މާދަމާ މެންދުރުފަހު 2.00 އަށް ޕީޕީއެމްގެ ޔާމީން ފެކްޝަންގެ އޮފީސް، ހ. ކޮރަލްރީފްގެ ހަތް ވަނަ ފަންގިފިލާއަށް ވަޑައިގެން، ހުށަހެޅިފައިވާ މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް އަންގާކަމަށެވެ. އަދި ގަޑިއަށް ހާޒިރު ނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފައިވެ އެވެ.

ޔުމްނާއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ޔުމްނާއާ ގުޅޭ ގޮތުން ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ޕާޓީގެ ސުލޫކީ މައްސަލަތަކާ ބެހޭ ގަވާއިދުގެ ދަށުން މައްސަލަ ރައްދުވާ ފަރާތުން ސުލޫކީ ކޮމިޓީއަށް ކަނޑައަޅާ ދެ މެމްބަރުން މާދަމާ މެންދުރުފަހު 2.00 އަށް ޕީޕީއެމްގެ އާ އޮފީސް، ހ. ކޮރަލްރީފްގެ ހަތް ވަނަ ފަންގިފިލާއަށް ފޮނުއްވައި ދިނުމަށް ވެސް އެދޭ ކަމަށެވެ.

ޔުމްނާގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އައިމިނަތު އާތިފާއާ ގުޅޭ ގޮތުންވެސް ސުލޫކީ މައްސަލައެއް ހުށަހަޅާފައި ވާތީ މާދަމާ 2.00 އަށް ކޮރަލްރީފަށް އެބޭފުޅުން ވެސް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.

ޔުމްނާ އާއި ދުންޔާ އަދި އާތިފާ މާދަމާ ސުލޫކީ ކޮމިޓީއަށް ހާޒިރުވުމަށް އަންގާފައިވާއިރު، ޕީޕީއެމް ޔާމީން ފެކްޝަންގެ ސުލޫކީ ކޮމިޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި މައުމޫނު ފެކްޝަނުގެ ނައިބު ރައީސް އާމިނަތު ނާދިރާ އަދި މާލޭ ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީން ޕާޓީން ވަކިކޮށްފަ އެވެ.

comment ކޮމެންޓް