ޕީޕީއެމް އަނބުރާ ލިބޭނެ، އާ ޕާޓީއެއް އުފެއްދުމުގެ ބޭނުމެއް ނެތް: އުމަރު

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ރައީސް މައުމުނާ އުމަރު ވާހަކަފުޅު ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރު ހިންގާ ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަންނަވާނެ ކަމަށާއި އެހެން ކަމުން އާ ޕާޓީއެއް އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ޕާޓީ ހެދުމާ އޭނާ ދެކޮޅު ކަމަށާއި، ނަމަވެސް ރައީސް މައުމޫނަށް ތާއިދު ކުރައްވާ ފަރާތްތަކުން އެގޮތަށް ނިންމައިފިނަމަ ޕާޓީ އުފެއްދުމުގައި ހަރަކާތްތެރި ވާނެ ކަމަށެވެ.

ޕީޕީއެމްގެ އެންމެ ފުރަތަމަ ނައިބު ރައީސްކަން ވެސް ކުރެއްވި އުމަރު މިރޭ ވިދާޅުވީ ޑީއާރްޕީގައި ފެކްޝަން އުފެދުމުން އެ ޕާޓީދޫކޮށް ޕީޕީއެމް އުފައްދަން އޭނާ ދެކޮޅު ހެދި ކަމަށެވެ.

މިއީ ޕީޕީއެމް އުފެއްދަން ދެކޮޅު ހެއްދެވި ކަމަށް އިއުތިރާފުވެޑައިގެން އުމަރު ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

"އަޅުގަނޑަށް ޔަގީން ޕީޕީއެމް އަޅުގަނޑުމެން އަތަށް ލިބޭނެކަން. އަޅުގަނޑަށް ޔަގީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބެއް ނުވާނެ. ކާމިޔާބު ނުވީމަ ﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބުވާނީ. ކާމިޔާބުވީމަ ހަމަ ޕީޕީއެމްގެ ހުރިހާ ގާނޫނީ ހައިސިއްޔަތެއް އޮންނާނީ އަޅުގަނޑުމެން އަތުގަ. އެހެންވެ އަޅުގަނޑު ބޭނުމެއް ނުވޭ އެހެން ޕާޓީއެއް ހަދާކަށް،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އުފައްދަން ދެކޮޅު ހެދި ސަބަބު މިއަދު ފެންނަން އޮތް ކަމަށެވެ. އެގޮތުން އޭރު ޕީއޭގެ ބޭފުޅުން ވަޑައިގެން ޕީޕީއެމް އުފައްދަވައިގެން މަސައްކަތް ކުރީ ޕީޕީއެމް ޓޭކް އޯވާ ކުރަން ކަމަށް ހީކުރެވުނު ކަމަށާއި، އެ ދުވަހު ކުރެވުނު ކުންހީ މިއަދު ހަގީގަތަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ ހަމަނުޖެހުމަށް ހައްލު ގެނެވޭނީ ޕްރައިމަރީގައި ރައީސް ޔާމީން ވާދަކުރެއްވުމުން ކަމަށެވެ.

"މައްސަލައަށް އޮތް ހައްލަކީ ޕްރައިމަރީގަ ރައީސް ޔާމީން ވާދަ ކުރެއްވުން. އެއީ ޕާޓީތަކުގެ އެތެރޭގަ އޮންނާނެ ޕާޓީތަކުގެ އެތެރޭގެ ލީޑާޝިޕްގަ ދިމާވާ މައްސަލަ ހަމަޖެއްސުމުގެ މެކޭނިޒަމް. އެ މެކޭނިޒަމަކީ އިންތިހާބު. އެހެންވީމަ މީގެ ހައްލަކީ ޕްރައިމަރީގައި ރައީސް ޔާމީން ވަޑައިގަންނަވާ އެ ޕްރައިމަރީގަ ކާމިޔާބު ކުރެއްވުން. ނުވަތަ ނާކާމިޔާބުވުން. އެއީ އޭގެ ހައްލަކީ،" އުމަރު ވިދާޅުވި އެވެ.

comment ކޮމެންޓް