އެއްކޮށް ބާއްވަންވީ މަޖިލީހާއި ކައުންސިލްގެ އިންތިޚާބު، އެހެންނޫނީ ޚަރަދު ކުޑަކުރުމުގެ ވާހަކަ ދެކޮޅު ނުޖެހޭ: އުމަރު

އުމަރު ނަސީރު: އެއްކޮށް ބާއްވަންވީ މަޖިލީހާއި ކައުންސިލްގެ އިންތިޚާބު ކަމަށް ވިދާޅުވި --- ސަން ފޮޓޯ

ރާއްޖޭގެ އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ޚަރަދު ކުޑަކުރުމުގެ ބަހަނާގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. ނަމަވެސް އުމަރުގެ ޚިޔާލުގައި މިއީ ގައުމީ މަސްލަހަތު ހުރި ގޮތެއް ނޫނެވެ. އޭނާ ހުށަހަޅުއްވަނީ މުޅިން ތަފާތު ގޮތެކެވެ. އެއީ މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު އެއްކޮށްލުމެވެ. ރިޔާސީ އިންތިޚާބަކީ ގައުމުގެ ވެރިޔާ ކަނޑައަޅާ އެންމެ މުހިންމު އިންތިޚާބަށް ވާއިރު، އެހެން އިންތިޚާބުތަކަކީ ވަކި ދާއިރާތަކަށް ޚާއްސަ އިންތިޚާބުތަކެއްކަން އޭނާ ފާހަގަކުރައްވައެވެ. މި މައްސަލައިގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.

  • ޚަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކުރުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އުމަރު ނަސީރު ވިދާޅުވުން
  • މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު އެއްކޮށްލަން ފެންނަ ކަމަށް ހުށަހެޅުން
  • ރިޔާސީ އިންތިޚާބަކީ މުޅި ގައުމުގެ ކުރިމަގު ކަނޑައަޅާ އެންމެ މުހިންމު އިންތިޚާބު ކަމަށް ބަޔާންކުރުން
  • ސިޔާސީ ޕާޓީތަކުގެ މެދުގައި އިންތިޚާބުތައް އެއްކުރުމާ މެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވުން

މައި ދެ އިންތިޚާބު ކަަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުގެ ބަދަލުގައި، މަޖިލިސް އިންތިޚާބާއެކު ބާއްވަންވީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން އަންނަނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ރުހުން ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދެ އިންތިޚާބު އެއްކޮށް ބާއްވަން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރުމަށް ފަހު، އެކަމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ވަނީ ތައްޔާރުވެފައެވެ.

އެކަމާ ގުޅޭ ގޮތުން އުމަރުގެ ޚިޔާލު އެކްސްގައި ފާޅުކުރައްވަމުން ވިދާޅުވީ، ތިން އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ދެ އިންތިޚާބެއް އޮންނަ ގޮތަށް ބަދަލުކުރުމަކީ އޭނާ ވެސް ތާއިދުކުރައްވާ ކަމެއް ކަމަށެވެ.

އެހެންނަމަވެސް އެއްކޮށްލަންވާނީ އެންމެ މުހިންމު ދެ އިންތިޚާބެއް ނޫން ކަމަށާއި އެއްކޮށްލަންވާނީ އެންމެ ކުޑަ ދެ އިންތިޚާބު ކަމަށް އުމަރު ވިދާޅުވިއެވެ. އެއީ މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބަކީ މުޅި ގައުމުގެ ކުރިމަގު ކަނޑައެޅުމާ ގުޅޭ އެންމެ ބޮޑު އިންތިޚާބު ކަމަށެވެ. އަނެއް ދެ އިންތިޚާބަކީ ވަކިވަކި ދާއިރާތަކާ ގުޅުންހުރި އިންތިޚާބުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޚަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ ބޮޑު ދެ އިންތިޚާބު އެއްކުރުމަށް ފަހު އެންމެ ކުޑަ އިންތިޚާބު ބޮޑު ޚަރަދު ކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫނެވެ." އުމަރު ވިދާޅުވިއެވެ.

އެހެންވެ، އެންމެ ބޮޑު ދެ އިންތިޚާބު އެއްކޮށްލުމަށް 'ނޫނެކޭ' ބުނަން އޭނާ ގޮވައިލެއްވިއެވެ.

މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު އަންނަ ހޮނިހިރު ދުވަހު ބާއްވަނީ، ލޯކަލް ކައުންސިލް އިންތިޚާބާއެކުގައެވެ.

މި ސަރުކާރުން ބުނާ ގޮތުގައި، ދެ އިންތިޚާބު އެކުގައި ބާއްވަން ޖެހެނީ ޚަރަދު ކުޑަ ކުރުމަށެވެ. އެކަމަށް އެމްޑީއޭއާއި އަދާލަތު ޕާޓީގެ އިތުރުން، ޖުމްހޫރީ ޕާޓީންވެސް ތާއިދުކޮށްފައިވެއެވެ. ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅު ކަމަށް އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފުން ވަނީ ބުނެފައެވެ.

comment ކޮމެންޓް