މަޒުމޫން އަދި ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި މަޒުމޫން ލިޔުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މުބާރާތުގެ 13 އަހަރުން ދަށުގެ އެއްވަނަ ހޯދި ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ރައީސް މައުމޫން ޓްރޮފީ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޒުމޫން ލިޔުމުގެ ގައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފި އެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެ ދެ މުބާރާތް ވެސް ބާއްވާ ތިން ވަނަ އަހަރެވެ.

އަތުން ނޫނީ ކޮމްޕިއުޓަރުން ލިޔެގެން އެކެޑަމީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހުށަހަޅާ ގޮތަށް ކަނޑައަޅާފައިވާ މިއަހަރުގެ ދެ މުބާރާތް ވެސް ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ.

އެއީ ސްކޫލުތަކުގެ ބަޔާއި ޔުނިވާސިޓީ އަދި ކޮލެޖުތަކުގެ ބައިގެ އިތުރުން އޮފީސް /ކުލަބް/ ޖަމިއްޔާ/ ޖަމާއަތްތަކުގެ ބައި އަދި އަމިއްލަ ފަރާތްތަކުގެ ބައެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުނީ، މަޒުމޫން ލިޔުމުގެ ގައުމީ މުބާރާތުގައި ލިޔާނީ އެ އެކެޑަމީން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކަށް އެ ބައިވެރިއަކު ބޭނުން މައުޟޫއެއްގެ މައްޗަށް ކަމަށެވެ.

މިއަހަރުގެ ދާއިރާތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ބަހާއި އަދަބިއްޔާތާއި މިނިވަންކަމާއި ގައުމިއްޔަތު އަދި ތާރީހާއި ސަގާފަތެވެ. އޭގެ އިތުރުން ސައިންސާއި ޓެކްނޮލޮޖީ އާއި އިގްތިސާދާއި ވިޔަފާރި އަދި ޑިމޮކުރަސީ އާއި އިންސާނީ ހައްގުތައް ފަދަ މައުލޫމާތެއް ވެސް ހިމެނެ އެވެ.

ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާ ބައިވެރިން ލިޔާނީ އެ ބައިވެރިއަކު ބޭނުންވާ ހާދިސާއެއްގެ މައްޗަށެވެ. ކުރިން އޮތްނަމަ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ވަކި މައުޟޫއެއްދޭނެ އެވެ.

އެކެޑަމީން ބުނި ގޮތުގައި، މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގައި ވެސް ސްކޫލުތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭނީ ތިން އުމުރު ފުރާއަކުންނެވެ. އެއީ 13 އަހަރުން ދަށުގެ އުމުރުފުރާ އާއި 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.

ދެ މުބާރާތުގައި ވެސް އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭނީ ދެ އުމުރު ފުރާއަކުންނެވެ. އެއީ 18 އަހަރުން ދަށުގެ އުމުރުފުރާ އަދި 18 އަހަރުން މަތީގެ އުމުރުފުރާއެވެ.

ދިވެހި ބަހުގެ އެކަޑަމީން ބުނި ގޮތުގައި، އެ ދެ މުބާރާތުންކުރެ ކޮންމެ މުބާރާތެއްގައި ވެސް ސްކޫލްތަކުގެ ބައިގައި ބައިވެރިވެވޭނީ ކޮންމެ އުމުރުފުރާއެއްގައި ހަތް ދަރިވަރުންނަށް ކަމަށާއި މަދުވެގެން ފަސް ދަރިވަރުން ބައިވެރިވާންޖެހޭނެ ކަމަށެވެ.

ކޮލެޖް/ ޔުނިވަރސިޓީތަކާއި، ކުލަބް/ ޖަމުއިއްޔާ/ ޖަމާއަތްތަކާއި ކުންފުނިތަކާއި އޮފީސްތަކުން އެ ދެ މުބާރާތުންކުރެ ކޮންމެ މުބާރާތެއްގައި ވެސް ބައިވެރިވެވޭނީ ފަސް ބައިވެރިންނަށެވެ. އަދި މަދުވެގެން ތިން ބައިވެރިން، ބައިވެރިވާންޖެހޭނެ ކަމަށެވެ.

ކުރުވާހަކަ އާއި މަޒުމޫން ލިޔުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ގަވާއިދުތައް އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނައިރު، މުބާރާތުގެ ބައިވެރިވާން ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ މިމަހުގެ 29 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:30 އެވެ.

comment ކޮމެންޓް