ބ. ހިބަޅިދޫން ހަނގިރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާ އިން އެ ދެ ބޭފުޅުންގެ ވަކީލުން ތަނާޒުލް ވެއްޖެ އެވެ.
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު އާއި އިބްރާހީމް ޝިޔާމްގެ އިތުރުން ފަޔާޒުގެ ގާނޫނީ ވަކީލުން ކަމަށްވާ މަހުފޫޒު ސައީދު އާއި ހަސަން ސޮފްވާން މިއަދު ނެރުއްވި ގުޅިފައިވާ ނޫސް ބަޔާނުގައި ވަނީ އެ މައްސަލަ އިން ތަނާޒުލްވީ ކްރިމިނަލް ކޯޓުން އަމަލު ކުރަމުންދާ ގޮތުން ގާނޫނީ ވަކީލެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު އެ މައްސަލާގައި އެބޭފުޅުންނަށް ނުލިބޭނެތީ ކަމަށެވެ.
"އަޅުގަނޑުމެން މި މައްސަލައިން ތަނާޒުލްވާން މި ނިންމީ، ތުހުމަތު ކުރެވޭ ކުށުން ބަރީޢަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމަކީ ކުށެއްގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކަށްމެ ލިބިދޭންޖެހޭ އަސާސީ ހައްގަކަށް ވެފައި، އެއީ އިންސާފުން ޝަރީއަތް ކުރުމުގެ ހައްގުގެ ތެރޭގައި ވެސް ހިމެނޭ ކަމަކަށް ވާއިރު، އެފުރުސަތު ލިބިނުދީ ޝަރީއަތް ހިންގާނަމަ، ގާނޫނީ ވަކީލެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ނުލިބޭނެތީއެވެ،" އަދީބާއި ފަޔާޒުގެ ވަކީލުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ އިތުރު އަޑުއެހުމެއް ބާއްވާނީ ދައުލަތުން ހުށަހަޅާ ހުރިހާ ލިޔުންތައް އަދީބާއި ފަޔާޒަށް ހިއްސާކޮށް އެ ލިޔުންތައް ދިރާސާކުރުމަށް 15 ދުވަހުގެ ފުރުސަތެއް ދިނުމަށްފަހުގައި ކަމަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ގާޒީ ވިދާޅުވި ކަމަށެވެ.
ނަމަވެސް ރާއްޖެއިން ބޭރަށް ފުރަންޖެހޭ ދެ ހެކިވެރިޔެއްގެ ބަޔާން ނަގަންޖެހޭ ކަމަށް ވިދާޅުވެ ކުރިން ފާހަގަކުރި ލިޔުންތައް ދިނުމެއް ނެތި އިތުރު އަޑުއެހުމެއް ބާއްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އޭގަފުން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ލިޔުންތައް ހަވާލުކުރި އިރު، ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހަށް ކޮންމެ ދުވަހަކު އަޑުއެހުންތައް ތާވަލްކޮށްފައިވާކަން ކޯޓުން އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވަނީ އަދީބާއި ފަޔާޒަކީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ބަޔަކަށްވާތީ، ކޮންމެ ދުވަހަކު އަޑުއެހުން ބާއްވާނަމަ އެ ދެ ބޭފުޅުންނާ ބައްދަލުކޮށް މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބޭނެގޮތަށް މައްސަލަ ތާވަލްކޮށްދިނުމަށް ސިޓީއަކުން ކޯޓުގައި އެދިފައިވާނެ ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި އެގޮތަށް އެދުމުން އެކަން ހަމަޖެއްސެން ނެތް ކަމަށް ގާޒީ އަންގާފައިވާ ކަމަށް ވެސް އަދީބާއި ފަޔާޒުގެ ވަކީލުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އަދީބާއި ފަޔާޒުގެ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމް ކޯޓު ތެރޭގައި ހަމަޖެހޭނެ ކަމަށާއި އެފަދަ ބައްދަލުވުންތައް ކުރިއަށް ގެންދެވޭނީ ކޯޓު އޮފިސަރުންނާއި ޕްރިޒަން އޮފިސަރުންގެ ހާޒިރުގައި ކަމަށް ގާޒީ އެންގެވި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ނަމަވެސް އެފަދަ ގޮތަކަށް ބާއްވާ ބައްދަލުވުންތަކުން އަދީބާއި ފަޔާޒަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް އެބޭފުޅުން ނުދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.