ރެއާލް ސޮސެއިޑާޑް އަތުން 2-0ގެ ނަތީޖާ އަކުން އެތުލެޓިކޯ މެޑްރިޑް ބަލިވެ ސްޕެނިޝް ލީގް ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު އެޓީމުން ގެއްލުވާލައިފި އެވެ.
ރޭގެ މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނައަށް އަރަން އެތުލެޓިކޯއަށް ލިބުނު ފުރުސަތު ނަގާލުމުން އެޓީމް އޮތީ ކުޅުނު 11 މެޗުން 21 ޕޮއިންޓް ލިބިގެން ތިން ވަނައިގަ އެވެ. ދެވަނާގައި އޮތް ބާސެލޯނާ އަށް 10 މެޗުން 22 ޕޮއިންޓް ލިބޭ އިރު އެއްވަނާގައި ރެއާލް މެޑްރިޑް އޮތީ 24 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން މޮޅުވި ސޮސެއިޑާޑް ވަނީ 19 ޕޮއިންޓާ އެކު ހަ ވަނައަށް ޖެހިލައިފަ އެވެ.
ރަށުން ބޭރުގައި އެތުލެޓީކޯއިން ރޭ ކުޅުނު މެޗުގައި ސޮސެއިޑާޑްއިން ޖެހި ދެ ގޯލު ވެސް އެޓީމުން ކާމިޔާބުކޮށްފައި ވަނީ ލިބުނު ޕެނަލްޓީއެއްގަ އެވެ. ފުރަތަމަ ގޯލު 55 ވަނަ މިނެޓްގައި ކާލޯސް ވެލޭ ކާމިޔާބުކޮށްދިން އިރު ދެވަނަ ގޯލު 75 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ވިލިއަން ޖޯސްއެވެ.
ރޭގެ މެޗުގައި އެތުލެޓިކޯއަށް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ތަނަވަސް ކުރެވިފައެއް ވެސް ނުވެ އެވެ. އެއާ ޚިލާފަށް ރަނގަޅަށް ކުޅެ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރީ ސޮސެއިޑާޑްއިންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އެތުލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނީ ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅުނީ އޭނާގެ ޓީމު ކަމަށާއި މެޗުން ބަލިވީ ދެވަނަ ހާފްގައި މާ ފަސޭހަކޮށްލެވުމުން ކަމަށެވެ.
ލީގްގައި މިއަދު ހަވީރު 4:00 ޖަހާއިރު އެއްވަނާގައި އޮތް ރެއާލް މެޑްރިޑް ނިކުންނާނީ 17 ވަނާގައި އޮތް ލެޖެންސްއާ ދެކޮޅަށެވެ. އެމެޗު ކާމިޔާބްކޮށް ރެއާލް އަށް އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ނެގޭނީ މިރޭ ބާސެލޯނާ ރަށުން ބޭރުގައި ސެވިއްޔާ އަތުން މޮޅު ނުވެވިއްޖެ ނަމަ އެވެ.