ތަނބުރުދޫގެ ސުލްތާނަކަށް ކުޑަ އައްޔަ!

ސުލްތާން އޮފް ތަނބުރުދޫ ކާމިޔާބުކުރި ކުޑަ އައްޔަ(މ)، ދެވަނަ ހޯދި ޗިއްކޮ(ވ) އަދި ތިންވަނަ ހޯދި އަސްވާން(ކ) --- ފޮޓޯ/ އެމްބީބީއޭ

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ކުރިއަށްގެންދިޔަ "ސުލްތާން އޮފް ތަނބުރުދޫ"ގެ ޗެމްޕިއަންކަން ވެސް ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހްމަދު (ކުޑަ އައްޔަ) ހޯދައިފި އެވެ.

ކުޑަ އައްޔަ ވަނީ އެމްބީބީއޭއިން އެންމެ ފަހުން ބޭއްވި މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. އެއީ ވިލިމާލޭގައި ކުރިއަށްދިޔަ އެމްބީބީއޭ ވިލިނގިލި ޕްރޯ 2016 އެވެ.

ރާޅާއެޅުމަށް ހާއްސަކޮށްފައިވާ ކ. ތަނބުރުދޫގައި އެއް ދުވަހުގެ މުއްދަތަށް މިދިޔަ ހުކުރު ދުވަހު ކުރިއަށްގެންދިޔަ އެ މުބާރާތުގެ ރަނަރަޕްކަން ހޯދާފައި ވަނީ ރާއްޖޭގެ ދެ ވަނަ ބޮޑީބޯޑަރު މުހައްމަދު އިހުސާން (ޗިއްކޮ) އެވެ.

އެ މުބާރާތުގެ ތިން ވަނަ ހޯދާފައި ވަނީ ލާމު އަތޮޅަށް އުފަން ބޮޑީބޯޑަރު އަސްވާން މުހައްމަދު (ދޫނި) އެވެ. އޭނާ އަކީ ރާއްޖޭގައި 2015 ވަނަ އަހަރު ބޭއްވި ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތެއް ކަމަށްވާ މޯލްޑިވްސް އޯޕަންގެ 'ރޫކީ' އަކަށް ހޮވުނު ބޮޑީބޯޑަރެވެ.

ބޮޑީބޯޑަރުންނަށް ވާދަވެރި މާހައުލެއް ގާއިމްކޮށްދީ، ބޮޑީބޯޑިންގެ ކުޅިވަރު އިތުރަށް ތަރައްގީކުރުމުގެ މަގްސަދުގައި ބޭއްވި ސުލްތާން އޮފް ތަނބުރުދޫގައި ޖުމްލަ 21 ބޮޑީބޯޑަރުން ވާދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަރަމުން އަންނަ ޒުވާން ބޮޑީބޯޑަރުންގެ ހުނަރުތައް ފެނިގެންގޮސްފައިވެ އެވެ.

އެ މުބާރާތް ކުރިއަށްދިޔަ ތަނބުރުދޫ އަކީ ކުރިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ބަޔަކާ ހަވާލުކުރި ރަށެކެވެ. ރިސޯޓް ތަރައްގީ ކުރުމަށް އޮގަސްޓް 2012ގައި ތަނބުރުދޫ ބަޔަކަށް ކުށްޔަށް ދިން ނަމަވެސް، އެއްބަސްވުމުގައިވާ ތާރީހަށް ރިސޯޓް ތަރައްގީ ނުކުރެވުމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ވަނީ އެ ރަށަކީ ރާޅާއެޅުމަށް ހާއްސަ ރަށެއްގެ ގޮތުގައި ހަމަޖައްސައިފައެވެ.

comment ކޮމެންޓް