ސަރުކާރު ދިފާއުކޮށް 2018 ރައީސް ޔާމީނަށް ހޯދައިދޭނަން: ޑީއާރްޕީ

ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު ރޭ ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަން ދިފާއު ކުރުމަށާއި 2018ގެ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދޭނެކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކާނިވަލުގައި ރޭ ބޭއްވި ޖަލްސާގައި ސަރުކާރު ކޯލިޝަނާ، އަލަށް ގުޅުނު ޑީއާރްޕީގެ ވަގުތީ ލީޑަރު ނަޝީދު ވިދާޅުވީ، މިއީ ގައުމު ހަލަބޮލިކުރަން ޖެހޭ ވަގުތު ނޫން ކަމަށާއި މިސަރުކާރު ދިފާއު ކުރާނެ ކަމަށެވެ.

"ވެރިކަން ދިފާއުކޮށް 2018 ކާމިޔާބު ކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަަކަށް ދަތުރުކޮށް މަސައްކަތް ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.

މިހާރު ސިޔާސީ ޕާޓީތައް ވަނީ ހިސޯރުކޮށްފައިވާ ކަމަށާއި އެއީ ގަބޫލުކުރެވޭ އުސޫލެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސިޔާސީ ދާއިރާއިން ޒުވާނުންނަށް ކުރިއަށް ދިއުމަށް ފުރުސަތު ދޭންޖެހޭ ކަމަށާއި ރައީސް ޔާމީން އެ ފުރުސަތު ދެއްވާ ކަމަށެވެ. މިސާލަކަށް ދެއްކެވީ އަހުމަދު އަދީބަށް ނައިބު ރައީސްކަން ދެއްވުމެވެ.

ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަ "ކެންސަރަށް" ނުވަނީސް އަވަހަށް ފިޔަވަޅު އެޅިގެން ދިއުން އެއީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދަތުރުކުރައްވާ ދިމާ ރަނގަޅު ނޫން ކަމަށެެވެ. އެފަރާތްތަކުން ރައީސް މައުމޫނަށް ހެޔޮ ނޭދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޑީއާރްޕީ މެމްބަރުންގެ އަދަދު 4000 އަށް ދަށްވެފައިވާއިރު ނަޝީދު ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ތެރެއިން މަސައްކަތްކޮށް 10000 އަށް ވުރެ ގިނަ މެމްބަރުން އެ ޕާޓީއަށް ހަމަކުރާނެ ކަމަށެވެ. އެ ޕާޓީއާއި އޭނާ ހަވާލުވިއިރު 39 މިލިއަން ރުފިޔާގެ ދަރަނި އޮތްއިރު އެ އަދަދު ހަ މިލިއަންނަށް މިހާރު ކުޑަކޮށްފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް