މިހިންގެ މަންޒިލުތަކަށް ސްރީލަންކަންއިން ދަތުރުކުރަން ފަށައިފި

އޮމާންގެ މަސްކަޓަށް ސްރީލަންކަން އެއާލައިންސްގެ ފުރަތަމަ ފްލައިޓު ޖެއްސުމުން އެ ފްލައިޓަށް ވޯޓާ ސެލިއުޓްގެ މަރުހަބާއެއް ކިޔަނީ -- ފޮޓޯ/ ސްރީލަންކަން

ހުއްޓާލާފައިވާ، ސްރީލަންކާގެ ބަޖެޓް އެއާލައިން މިހިން ލަންކާއިން ދަތުރުކުރަމުން ދިޔަ މަންޒިލުތަކަށް ސްރީލަންކަން އެއާލައިންސްއިން ދަތުރުތައް ފަށައިފިއެވެ.

މިހިން ލަންކާ ހުއްޓާލައި، ސްރީލަންކަން އެއާލައިންސްއާ އެއްކޮށްލައި، މިހިން ލަންކާގެ ދަރަންޏާއި މަންޒިލުތަކާއި މުވައްޒަފުންނަށް ވަނީ ސްރީލަންކަންގެ ދަށަށް ބަދަލުކޮށްފައެވެ.

ސްރީލަންކަންއިން ނިމިދިޔަ އޮކްޓޫބަރު 31 ވަނަ ދުވަހުން ފެށިގެން ދަނީ އާ 11 މަންޒިލަކަށް ދަތުރުތައް ކުރަން ފަށަމުންނެވެ.

އޮކްޓޫބަރު 31 ވަނަ ދުވަހު ސްރީލަންކަންއިން ވަނީ އިންޑޮނޭޝިއާގެ ޖަކާޓާ، އިންޑިއާގެ ކޮލްކަޓާ އަދި އޮމާންގެ މަސްކަޓަށް ފުރަތަމަ ދަތުރު ކޮށްފައެވެ.

މީގެ އިތުރުން އިއްޔެ ސްރީލަންކަންއިން އިންޑިއާގެ ވަރަނާސީއަށް ފުރަތަމަ ދަތުރު ކޮށްފައިވާ އިރު، މިއަދު ސްރީލަންކަންއިން ވަނީ ސީޝެލްސްގެ މާހޭއަށް ފުރަތަމަ ދަތުރު ކޮށްފައެވެ.

މިއީ ސްރީލަންކަންއިން ދަތުރުކުރާ އާ މަންޒިލުތަކުގެ ތެރެއިން ފަސް މަންޒިލެވެ.

ބާކީ ހަ މަންޒިލުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ބިހާރު ސްޓޭޓުގެ ބޮދް ގާޔާ އަދި ޓެމިލް ނާޑޫގެ މަޑޫރާއި، ބަންގްލަދޭޝްގެ ދާކާ، ޕާކިސްތާނުގެ ލާހޫރު އަދި ބަހްރައިންގެ މަނާމާގެ އިތުރުން، މިއަހަރުގެ ޑިސެމްބަރު މަހު ބައިނަލްއަގުވާމީ ޝެޑިއުލް ފްލައިޓުތައް އަލަށް ފަށާ އައްޑޫ ސިޓީގެ ގަމެވެ.

އަދި އެތައް އަހަރުތަކެއް ވަންދެން ރާއްޖެއަށް އޮޕަރޭޓްކުރާ އެންމެ ބޮޑު އެއާލައިންގެ މަގާމުގައި އޮތް ސްރީލަންކާގެ ދަތުރުތައް އައްޑޫ ސިޓީގެ ގަމަށް ކުރަން ނިންމުމާއެކު އެ އެއާލައިން ވެގެންދާނީ ރާއްޖޭގެ ދެކުނަށް ދަތުރުކުރާ ހަމައެކަނި އެއާލައިނަށެވެ.

ސްރީލަންކަންއިން ގަމަށް ހަފްތާއަކު ހަތަރު ފްލައިޓު ބާއްވާނެއެވެ. އައްޑޫ ސިޓީގައި މިހާރު ވަނީ، ސްރީލަންކަން އެއާލައިންސްގެ ޓިކެޓު ވިއްކާ އޮފީހެއްވެސް ގާއިމުކޮށްފައެވެ.

comment ކޮމެންޓް