ނޮވެމްބަރު ތިނެއް 1988ގައި ރާއްޖޭގެ ބާޣީންގެ ބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާއަތެއް ގުޅިގެން ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް އުޅުނު އަބުދުﷲ ލުތުފީއަކީ އެފަދަ ނޭއްގާނީ ކަންތައްތަކުގެ ތާރީހެއް އޮތް މީހެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރަން ވެސް މަސައްކަތްކޮށްފައެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ރާއްޖެއަށް ދިން އުދުވާނީ ހަމަލާއަށްފަހު، ދިވެހި ސިފައިންގެ މަރުކަޒު ކުރިމަތީގައި ސިފައިން ހަރަކާތްތެރިވަނީ ---
ސުމަގުލް ކުރުން ފަދަ ކުށްތަކާ އެކު ވިޔަފާރި ކުރަމުން ދިޔަ ލުތުފީ އެތައް ފަހަރެއްގެ މަތިން ޖަލަށް ލައި، އަރުވާލައި ހެދުމަށް ފަހު އިބްރާހިމް ނާސިރު ދެއްވި ދީލަތި މައާފެއްގައި 1975ގައި އޭނާ މިނިވަންވި ފަހުން އޭނާގެ މަސައްކަތަކަށްވީ ދިވެހި ގައުމާ ދެކޮޅަށް ނުރައްކާތެރި ރޭވުންތައް ރޭވުމެވެ. އެ ރޭވުންތަކުގެ އެންމެ ފަހު ނަތީޖާއަކީ 19 ދިވެހިން ޝަހީދުވި ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެވެ.
އެ ހަމަލާދިނުމަށް ރާއްޖެ އައުމުގެ ކުރިން ބާޣީންގެ ރޭވުންތައް ނިންމާލުމަށް އެންމެ ފަހު ޖަލްސާ ބޭއްވިއެވެ. އެ ޖަލްސާގައި ހަމަލާ ކުރިއަށް ގެންދާނެ ގޮތުގެ އިތުރުން ބަޣާވާތް ކާމިޔާބު ވެއްޖެ ނަމަ ކަންތައްތައް ކުރާނެ ގޮތުގެ ހުވަފެނީ ރޭވުންތައް ވެސް ރާވާފައިވާކަން މި އަހަރުގެ ނަސްރުގެ ދުވަހު ސިފައިން ނެރުނު "ނޮވެމްބަރު ތިނެއް" ފޮތުން އެނގެއެވެ.

ބާޣީން ސިފަންގޭ ތެރެއަށް ވަނުމަށް، ސިފައިންގެ ފާރު ގޮއްވާލައިގެން ކަނޑާފައިވާ ބާގަނޑު. މިހާރު ނަސްރުގެ ބިނާ ގާއިމުކޮށްފައި ހުންނަނީ މިތާޏގައި --
ބަޣާވާތް ކާމިޔާބު ވެއްޖެ ނަމަ ރާއްޖޭގެ ވެރިކަމަށް އިސްވުމުގެ ހުވަފެނުގައި ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަށް، ރާއްޖެއަށް ހަމަލާދޭނެ ދަނޑިވަޅު ބުނެދިނީ ސިއްކަ އިސްމާއިލް މަނިކެވެ. އޭރު ހުންނެވި ރައީސް ރާއްޖޭގައި ވަޑައިގެން ނެތީސް ހަމަލާދީފި ނަމަ ކާމިޔާބުކުރަން ފަސޭހަ ވާނެ ކަމަށް ލުތުފީއާއި ހަމަލާގައި ބައިވެރިވި ސްރީލަންކާގެ ޕީޕަލްސް ލިބަރޭޝަން ޓައިގާސް (ޕްލޮޓް) ޖަމާއަތުގެ ވެރިޔާ އުމާ މަހޭޝްވަރަމް އޮތީ އެއްބަސްވެފައެވެ. އެކަން އެހެން އޮއްވައި ރައީސް މައުމޫނު އޮކްޓޯބަރު 29 ވަނަ ދުވަހު ސްރީލަންކާއަށް ފުރާވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ސިއްކަ އިސްމާއިލް މަނިކު އެމީހުންނަށް ދިންކަން ފޮތުން އެނގެއެވެ. އަދި އެންމެ ފަހު ބައްދަލުވުން އޮތީ ވެސް އެ ދުވަހުއެވެ.
ތަމަޅައިންނާއި ދިވެހި ބާޣީން މާލެއައީ ތިން ބޯޓްގައި ކަމާއި އެ ތިން ބޯޓް ހޯދި ގޮތް އެއީ ކުރިން ނޭނގި އޮތް މައުލޫމާތެކެވެ. އޮކްޓޯބަރު 29 ވަނަ ދުވަހު ބާޣީން ރާއްޖެއަށް ދަތުރުފެށީ ސްރީލަންކާގެ މުއްލިކުލަމުންނެވެ. އެމީހުން ބޭނުންކުރި ތިން ބޯޓަކީ ޓީ 52 ނަމަކަށް ކިޔާ ބޯޓަކާއި އިތުރު ކުޑަ ދެބޯޓެކެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް، އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ރާޖީވް ގާންދީއާ ބައްދަލުކުރައްވަނީ --
އެ ބޯޓްތަކުގައި ބާޣީން މާލެއައިސް ކުރި ހަނގުރާމަ ރާވާފައި އޮތް ގޮތް އެއީ ކުރިން ވެސް އެނގޭ ކަމެކެވެ. ނަމަވެސް އެ މީހުންގެ ހަމަލާ ކާމިޔާބުވެއްޖެ ނަމަ ވެރިކަން ސަމާލުކުރާނެ ގޮތް ވެސް ބާޣީން ރާވާފައިވާކަން ފަހުގެ ފޮތުން އެނގެއެވެ.
ފޮތުގައިވާ ގޮތުން، 29 އޮކްޓޯބަރުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ވެރިކަމަށް އިސްކުރާނެ ގޮތް ރޭވިއެވެ. އެގޮތުން ރާވާފައި ވަނީ ހަމަލާގައި ބައިވެރިނުވެ ހުރެފައި، ބާޣީންނަށް ސިފައިންގެ ހިފުމުން ލުތުފީ ގޮސް އެތަނުގެ ވެރިކަމާ ހަވާލުވުމަށެވެ. އަދި ސިފައިންގެ އެމީހުންގެ ބާރުގެ ދަށަށް ގެންދެވޭ އިރު އެތަނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ހުންނާނެތީ ހ. ސޯސަންގޭގައި ސިފައިންގެ ހިންގުމަށާއި ހުރިހާ ސިފައިން ޣާޒީ ބިލްޑިންގަށް ޖަމާކޮށް، ލުތުފީއަށް ފެންނަ ބަޔަކު މަގާމުތަކަށް ހަމަޖެއްސުމަށް ވެސް ރާވާފައިވާ ކަމަށް ފޮތުގައިވެއެވެ.
"... ހުރިހާ ސިފައިން ޣާޒީ ބިލްޑިންގަށް ޖަމާކޮށް، ލުތުފީއަށް ފެންނަ ބަޔަކަށް މަގާމުތަކަށް ހަމަޖައްސައި މިނިސްޓަރުން ގޭގައި ބަންދުކޮށް، ސަރުކާރުގެ އޮފީސްތަކުގެ ވެރިން ވަޒީފާ އިން ވަކިކުރާގޮތަށް ވެސް ވަނީ ނިންމާފައެވެ." ފޮތުގައިވެ އެވެ.
ކަންތައްތައް އެހިސާބަށް ގެންދެވުމުން ރައްޔިތުންގެ މަޖިލީސް އެއްކޮށް އާސަރުކާރުގެ ކެބިނެޓް މަޖިލީހަށް ހުށަހެޅުމަށާއި ރައީސް އޮފީހުން ދެތިން ދުވަހަކަށް ކާފިއު އިއުލާންކުރާގޮތަށް އެމީހުން ވަނީ ރާވާފައެވެ.

ބާޣީން ފިލަން އުޅުނު ބޯޓް ކަމަށްވާ ޕްރޮގްރެސް ލައިޓަށް އިންޑިއާ ސިފައިން ހަމަލާދެނީ --
މާލެއައުމުގެ ކުރިން ބާޣީން ބޭއްވި އެންމެ ފަހު ޖަލްސާގައި ބައިވެރިވެފައި ވަނީ ލުތުފީއާއި އުމާމަހޭޝްވަރަމާއި އޭނާގެ ދަށުން ހުންނަ މަނިކާދަސަން އާއި ރާއްޖެއައި ހަނގުރާމަވެރިންގެ ކޮމާންޑަރަކަށް ހުރި ވަސަންތީއެވެ.
----
- ނޯޓް: މިއީ 04 ނޮވެމްބަރު 2012ގައި "ސަން"ގައި ޝާއިއުކޮށްފައިވާ އާޓިކަލެކެވެ. މިއަދަކީ، ފަޚުރުވެރި ނަޞްރުގެ ދުވަސް ކަމަށް ވެފައި، ނަޞްރުގެ ދުވަހާ ގުޅޭގޮތުން މިފަދަ މައުލޫމާތުތައް އަޅުގަނޑުމެންގެ ކިޔުންތެރީންނާ ހަމައަށް ގެނައުމަށް މިއީ މުނާސަބު ވަގުތެއް ކަމަށް ގަބޫލުކުރެވޭތީ، ސަންގެ ކިޔުންތެރީންނަށް މި އާޓިކަލް މި ގެނެސްދެނީ އޭގެ ލިޔުމުގެ އަސްލަށް އެއްވެސް ބަދަލެއް ނުގެނެހެވެ.