ނޮވެމްބަރު ތިނެއް 1988ގައި ރާއްޖޭގެ ބާޣީންގެ ބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާއަތެއް ގުޅިގެން ދިން އުދުވާނީ ހަމަލާގައި އެންމެ އިސްކޮށް އުޅުނު އަބުދުﷲ ލުތުފީއަކީ އެފަދަ ނޭއްގާނީ ކަންތައްތަކުގެ ތާރީހެއް އޮތް މީހެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރަން ވެސް މަސައްކަތްކޮށްފަ އެވެ.
ސުމަގުލް ކުރުން ފަދަ ކުށްތަކާ އެކު ވިޔަފާރި ކުރަމުން ދިޔަ ލުތުފީ އެތައް ފަހަރެއްގެ މަތިން ޖަލަށް ލައި، އަރުވާލައި ހެދުމަށް ފަހު އިބްރާހިމް ނާސިރު ދެއްވި ދީލަތި މައާފެއްގައި 1975ގައި އޭނާ މިނިވަންވި ފަހުން އޭނާގެ މަސައްކަތަކަށްވީ ދިވެހި ގައުމާ ދެކޮޅަށް ނުރައްކާތެރި ރޭވުންތައް ރޭވުމެވެ. އެ ރޭވުންތަކުގެ އެންމެ ފަހު ނަތީޖާއަކީ 19 ދިވެހިން ޝަހީދުވި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ އެވެ.
އެ ހަމަލާދިނުމަށް ރާއްޖެ އައުމުގެ ކުރިން ބާޣީންގެ ރޭވުންތައް ނިންމާލުމަށް އެންމެ ފަހު ޖަލްސާ ބޭއްވި އެވެ. އެ ޖަލްސާގައި ހަމަލާ ކުރިއަށް ގެންދާނެ ގޮތުގެ އިތުރުން ބަޣާވާތް ކާމިޔާބު ވެއްޖެ ނަމަ ކަންތައްތައް ކުރާނެ ގޮތުގެ ހުވަފެނީ ރޭވުންތައް ވެސް ރާވާފައިވާކަން މި އަހަރުގެ ނަސްރުގެ ދުވަހު ސިފައިން ނެރުނު "ނޮވެމްބަރު ތިނެއް" ފޮތުން އެނގެ އެވެ.
ބަޣާވާތް ކާމިޔާބު ވެއްޖެ ނަމަ ރާއްޖޭގެ ވެރިކަމަށް އިސްވުމުގެ ހުވަފެނުގައި ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަށް، ރާއްޖެ އަށް ހަމަލާދޭނެ ދަނޑިވަޅު ބުނެދިނީ ސިއްކަ އިސްމާއިލް މަނިކެވެ. އޭރު ހުންނެވި ރައީސް ރާއްޖޭގައި ވަޑައިގެން ނެތީސް ހަމަލާދީފި ނަމަ ކާމިޔާބުކުރަން ފަސޭހަ ވާނެ ކަމަށް ލުތުފީ އާއި ހަމަލާގައި ބައިވެރިވި ސްރީލަންކާގެ ޕީޕަލްސް ލިބަރޭޝަން ޓައިގާސް (ޕްލޮޓް) ޖަމާއަތުގެ ވެރިޔާ އުމާ މަހޭޝްވަރަމް އޮތީ އެއްބަސްވެފަ އެވެ. އެކަން އެހެން އޮއްވައި ރައީސް މައުމޫނު އޮކްޓޯބަރު 29 ވަނަ ދުވަހު ސްރީލަންކާ އަށް ފުރާވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ސިއްކަ އިސްމާއިލް މަނިކު އެމީހުންނަށް ދިންކަން ފޮތުން އެނގެ އެވެ. އަދި އެންމެ ފަހު ބައްދަލުވުން އޮތީ ވެސް އެ ދުވަހު އެވެ.
ތަމަޅައިންނާއި ދިވެހި ބާޣީން މާލެއައީ ތިން ބޯޓްގައި ކަމާއި އެ ތިން ބޯޓް ހޯދި ގޮތް އެއީ ކުރިން ނޭނގި އޮތް މައުލޫމާތެކެވެ. އޮކްޓޯބަރު 29 ވަނަ ދުވަހު ބާޣީން ރާއްޖެ އަށް ދަތުރުފެށީ ސްރީލަންކާގެ މުއްލިކުލަމުންނެވެ. އެމީހުން ބޭނުންކުރި ތިން ބޯޓަކީ ޓީ 52 ނަމަކަށް ކިޔާ ބޯޓަކާއި އިތުރު ކުޑަ ދެބޯޓެކެވެ.
އެ ބޯޓްތަކުގައި ބާޣީން މާލެއައިސް ކުރި ހަނގުރާމަ ރާވާފައި އޮތް ގޮތް އެއީ ކުރިން ވެސް އެނގޭ ކަމެކެވެ. ނަމަވެސް އެ މީހުންގެ ހަމަލާ ކާމިޔާބުވެއްޖެ ނަމަ ވެރިކަން ސަމާލުކުރާނެ ގޮތް ވެސް ބާޣީން ރާވާފައިވާކަން ފަހުގެ ފޮތުން އެނގެ އެވެ.
ފޮތުގައިވާ ގޮތުން، 29 އޮކްޓޯބަރުގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ވެރިކަމަށް އިސްކުރާނެ ގޮތް ރޭވި އެވެ. އެގޮތުން ރާވާފައި ވަނީ ހަމަލާގައި ބައިވެރިނުވެ ހުރެފައި، ބާޣީންނަށް ސިފައިންގެ ހިފުމުން ލުތުފީ ގޮސް އެތަނުގެ ވެރިކަމާ ހަވާލުވުމަށެވެ. އަދި ސިފައިންގެ އެމީހުންގެ ބާރުގެ ދަށަށް ގެންދެވޭ އިރު އެތަނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ހުންނާނެތީ ހ. ސޯސަންގޭގައި ސިފައިންގެ ހިންގުމަށާއި ހުރިހާ ސިފައިން ޣާޒީ ބިލްޑިންގް އަށް ޖަމާކޮށް، ލުތުފީ އަށް ފެންނަ ބަޔަކު މަގާމުތަކަށް ހަމަޖެއްސުމަށް ވެސް ރާވާފައިވާ ކަމަށް ފޮތުގައިވެ އެވެ.
"... ހުރިހާ ސިފައިން ޣާޒީ ބިލްޑިންގަށް ޖަމާކޮށް، ލުތުފީ އަށް ފެންނަ ބަޔަކަށް މަގާމުތަކަށް ހަމަޖައްސައި މިނިސްޓަރުން ގޭގައި ބަންދުކޮށް، ސަރުކާރުގެ އޮފީސްތަކުގެ ވެރިން ވަޒީފާ އިން ވަކިކުރާގޮތަށް ވެސް ވަނީ ނިންމާފަ އެވެ." ފޮތުގައިވެ އެވެ.
ކަންތައްތައް އެހިސާބަށް ގެންދެވުމުން ރައްޔިތުންގެ މަޖިލީސް އެއްކޮށް އާސަރުކާރުގެ ކެބިނެޓް މަޖިލީހަށް ހުށައެޅުމަށާއި ރައީސް އޮފީހުން ދެތިން ދުވަހަކަށް ކާފިއު އިއުލާންކުރާގޮތަށް އެމީހުން ވަނީ ރާވާފަ އެވެ.
މާލެއައުމުގެ ކުރިން ބާޣީން ބޭއްވި އެންމެ ފަހު ޖަލްސާގައި ބައިވެރިވެފައި ވަނީ ލުތުފީ އާއި އުމާމަހޭ ޝްވަރަމާއި އޭނާގެ ދަށުން ހުންނަ މަނިކާދަސަން އާއި ރާއްޖެ އައި ހަނގުރާމަވެރިންގެ ކޮމާންޑަރަކަށް ހުރި ވަސަންތީ އެވެ.