އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

.

"ދެނެވަޑައިގަންނަވަމުތޯ ތިޔަބޭފުޅުން ލޮބުވެތި ޢަޒީރު

ދުނިޔެދުށް މަތިވެރި ޚަލީފާ ޢުމަރުބުނު ޢަބްދުލް ޢަޒީޒު

އެފަދަ ދީލަތި ރަސްކަލެއް ފެނިފައި މަދުން ނޫނީނެތޭ

އެފަދައިން ނަންފުޅު ވިދާ އަދި ދެވަނައެއް އަމުދުންނެތޭ"

ޢަބްދުﷲ ޞާދިޤު

ފެށުން

އަރަހުށި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި އިންސާނީ ނަޢުއަށް މަގުދައްކަވައިފައިވަނީ ހަމައެކަނި އެބައިމީހުންގެ އުޚުރަވީ ޙަޔާތުގެ ބާއްޖަވެރިކަމަށް އެކަންޏެއްނޫނެވެ. އަދި ކީއްތޯއެވެ. އަރަހުށި މާތްﷲގެ ރުހިވޮޑިގަތުމާއި އާޚިރަތް ދުވަހުގެ ފަލާޙު އެދޭ މީހުންގެ ދުނިޔަވީ ޙަޔާތުގެ ހުރިހާ ދިމަދިމާއަކަށްވެސް އެމާތްފޮތުގައި ވަނީ އަލިއަޅުއްވައި ދެއްވައިފައެވެ. އިރްޝާދު ދެއްވައިފައެވެ. މިގޮތުން ކީރިތި ޤުރުއާނުގައިވަނީ ދައުލަތެއް ތަންޒީމު ކުރާނެގޮތާއި ސިޔާސަތު ރާވައި ހިންގާނެ ގޮތްވެސް ބަޔާންކޮށްދެއްވައިފައެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، އެ އިރްޝާދުތަކުގެ އަލީގައި ވަރަށް ފުރިހަމަ ދައުލަތެއް ޤާއިމުކުރައްވައި ދުނިޔެއަށް ނަމޫނާ ދައްކަވައިފައެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި، އަލްޚުލަފާއުއްރާޝިދޫންގެ ޤިޔާދަތުގައި ސާޅީހަކަށް އަހަރުވަންދެން ހިންގަވައިފައިވާ އިސްލާމީ ދައުލަތުގެ ދުސްތޫރުގެ މައިގަނޑު ބައެއް އަސްލުތަކަށް އަލިއަޅުވައިލުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. މިއަދު އެމައިގަނޑު ނަމެއްގައި އެއްޗެއް ލިޔަން އަޅުގަނޑު ގަލަން ނަގައިގެން މިއުޅޭ މައިގަނޑު ނަމަށް ފުރިހަމައަށް އިންސާފުކުރުމަށްޓަކައެވެ. އަޅުގަނޑުގެ މިއަދުގެ ބަޠަލު ޢުމަރު ޘާނީ އުމަރު ބުން އަބްދުލް ޢަޒީޒުގެ މަސައްކަތްޕުޅުގެ ބާވަތް ފުރިހަމަޔަށް ވަޒަންކުރެވުމަށްޓަކައެވެ.

އާދެ، އިސްލާމީ ދުސްތޫރުގެ އެންމެ މައިގަނޑު އެއްއަސާސަކީ ޤައުމަކީ ނުވަތަ ދުނިޔެއަކީ އަރަހުށި މާތްﷲގެ ފުރިހަމަ މިލްކެއްކަމެވެ. ހަމައެކަނި އެކަމަށް ދުލުކުރިން އިޢުތިރާފު ވެގެން ފަރުޖެހޭކަށެއްނޯވެއެވެ. އަދި ކީއްތޯއެވެ؟ ހިތުގެ އެންމެ ފުނުން އެކަން ޤަބޫލުކޮށް ޢަމަލީ ގޮތުން އެކަން ސާބިތުކޮށްދޭންޖެހެއެވެ. އާދެ، ޤައުމަކީ ނުވަތަ ދައުލަތަކީ މާތްﷲގެ މިލްކެކެވެ. ޤައުމުގެ ރައްޔިތުންނަކީ އެކަލާނގެ އަޅުތަކުންނެވެ. އެކަލާނގެ އަޅުތަކުންނާބެހޭ ހުރިހާ މުޢާމަލާތަކެއްގައިވެސް ސަރުކާރު ހިންގާ ފަރާތުން އެކަލާނގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެއެވެ. މާތްﷲ ގެ އަޅުތަކުންގެ ވެރިފަރާތަކީ ސަރުކާރެއްނޫނެވެ. ރައްޔިތުންނަކީ ނުވަތަ މާތްﷲގެ އަޅުތަކުންނަކީ ސަރުކާރުގެ ފެމުސްވެރިންނެއް ނޫނެވެ. ވެރީންގެ އެންމެ ފުރަތަމަ ވާޖިބަކީ ހިތުގެ އަޑީން އެކަން ޤަބޫލުކުރުމެވެ. ތިމާގެ ކަރުގައި އަރަހުށި މާތްﷲގެ އަޅުވެތިކަމުގެ ކަސްތަޅު އެޅުވުމެވެ. އެކަލާނގެ ޙަޞްރަތަށް ބިރުވަތައި ކިޔަމަންވުމެވެ. އެކަލާނގެ ކަނޑައަޅުއްވައިފައިވާ އިމުގެ ތެރޭގައި ފުރިހަމަޔަށް ރަމަތަވެ ހަމަޖެހިލުމެވެ. މާތްﷲގެ އަޅުތަކުންގެ މައްޗަށް އެކަނލާގެ ޤާނޫނު ފުރިހަމަޔަށް ތަންފީޒުކުރުމެވެ.

އިސްލާމީ ދައުލަތެއްގެ މަޤްޞަދަކަށްވާންޖެހޭނީ މާތްﷲގެ ބިމުގައި އެކަލާގެ ރުހިވޮޑިގެންވާ ހެޔޮކަންތައްތައް ޤާއިމުކުރުމެވެ. އެކަންކަން ދިރުވައި އާލާކުރުމެވެ. އެކަލާނގެ ރުހިވޮޑިގެންނުވާނެ ހުރިހާ މުންކަރާތެއް މުލުންލުހެ ނައްތައިލުމެވެ. ނަމަވެސް އުމަވީ (ނުވަތަ މަރްވާނީ) ދައުލަތުން ޝަޚްޞީ ޢަރަބި ރަސްކަމުގެ ޖުއްބާލުމަށްފަހު އެދައުލަތުގެ މަޤްޞަދަތަކަށްވެފައި އޮތީ ޤައުމުތައް ފަތަޙަކުރުމެވެ. ސަރަހައްދު ފުޅާކުރުމެވެ. ޚަލްޤުތަކުންގެ މައްޗަށް ބާރާއި ނުފޫޒު ހިންގުމެވެ. ވާރު ޚަރާޖު އެއްކޮށް މަޖާކުރުމެވެ. މާތްﷲގެ ކަލިމަފުޅު މަތިވެރިކުރުން ވެފައި އޮތީ ދައުލަތުގެ ދެވަނަ މަޤްޞަދެއްކަމުގައެވެ. މަރުވާނީ އަމީރުންނާއި ވަޒީރުންގެ ފަރާތުން ބޮޑަށް ފެތުރެމުންދިޔައީ ދީނީގޮތުން ރުހުމުގެ ލޮލުން ނުބެލެވޭ ކަންތައްތަކެވެ. ރުހުމުގެ ނަޒަރުން ބަލަންޖެހޭ ކަންކަން ޢާއްމުކުރެވެމުން އައީ ހާލުހާލުންނެވެ. ވަކާވަކާއަށެވެ.

އިސްލާމީ ދައުލަތެއްގެ ރޫޙަކީ ތަޤްވާވެރިކަމެވެ. މާތްﷲއަށް ބިރުވެތިވުމެވެ. ތަވާޟުޢު ވެރިކަމެވެ. އެކަންކަމުގެ އެންމެ ފުރިހަމަ ނަމޫނާ ފެންނާންޖެހޭނީ ޚުދު ވަލިއްޔުލް އަމްރުގެ ފަރާތްޕުޅުންނެވެ. ދައުލަތުގެ ފުރަދާނައިންނާއި، ސިފައިންގެ ވެރީންނާއި ފަނޑިޔާރުންގެ ކުލަޔަކަށްވާންޖެހޭނީ އިސްވެދެންނެވި ކުލައެވެ. ކަމުވޮށި އެންމެންވެސް ވާންޖެހޭނީ އެސިފަތަކުން ސިފަލިބިގެންވާ ބަޔަކު ކަމުގައެވެ. މުޖްތަމައުގައި އެކުލަތަކުން ކުލަޖައްސާ ބަޔަކުކަމުގައެވެ. ނަަމަވެސް ޚަލީފާކަމުގެ ޙަޤީޤީ މަފްހޫމްގެއްލި ގަދަފަދަ ރަސްކަމެއްގެ ތައްގަނޑަށް އިސްލާމީ ދައުލަތް ފެތުމާއެކު އެދައުލަތުގައި ޢާއްމުވެފައި އޮތީ ޤައިޞަރިއްޔަތެވެ. ކިސްރަވާނިއްޔަތެވެ. ޢަދުލުވެރިކަމުގެ މަޤާމު އަތުލީ އަނިޔާވެރިކަމެވެ. ތަޤްވާވެރި ކަމުގެ ބަދަލުގައި ފެންނަމުން ދިޔައީ ފާސިޤުކަމެވެ. ރާއާއި ރާގެވެ. މަޖާކުރުމެވެ. ވެރީންގެ ސިޔާސީ ސީރަތުން ޙަރާމް ޙަލާލު ވަކިކުރުމުގެ މިސާލު ފެނުން އައީ މަދުވަމުންނެވެ. ސިޔާސަތާއި އަޚްލާޤާދެމެދުގެ ތިމާގެކަންވަނީ ކެނޑިފައެވެ. މާތްﷲދެކެ ބިރުވެތިވެވަޑައިގަތުމުގެ ބަދަލުގައި ވެރީން މަސައްކަތްކުރައްވަމުން ގެންދެވީ މާތްﷲގެ އަޅުތަކުން ޚުދު އެބޭފުޅުން ދެކެ ބިރުގެންނެވުމަށެވެ. މީސްތަކުންގެ އީމާންކަމާއި ހެޔޮކަމުގެ ޟަމީރު ހޭލެއްވެވުމުގެ ބަދަލުގައި ބާރުއަޅުއްވަމުން ގެންދެވީ އެބޭފުޅުންގެ ބަޚްސީސުގެ ދަހިވެތިކަން ހިތްތަކަށް ވައްދަވައިގެން މީހުންގެ ހިތާއި ޟަމީރު ބައްލަވައިގެންނެވުމަށެވެ.

އިސްލާމީ ދުސްތޫރުގެ ބިންގަލަކީ ރައްޔިތުންގެ ހިތުންރުހުމުން ވެރީން އައްޔަންކުރުމެވެ. އެކަކަށްވެސް ތިމާގެ މުލައްދަނޑީގެ ބާރުގައި ވެރިކަމަށް އިސްވެނުގަނެވުމެވެ. ރައްޔިތުން އެއުރެންގެ މެދުގައި މަޝްވަރާ ކޮށްގެން އެމީހުންނަށް ފެނުނު އެންމެ ހެޔޮލަފާ މީހަކާ ވެރިކަން ޙަވާލުކުރުމެވެ. ރައްޔިތުންގެ ބައިޢަތަކީ ބާރުގެ ނަތީޖާ ކަމުގައި ނުވުމެވެ. އަދި ކީއްތޯއެވެ. ބާރު ލިބުމުގެ ސަބަބަކީ ބައިޢަތުކަމުގައިވުމެވެ. ބައިޢަތު ހޯދުމުގައި އެއްވެސް ކަހަލަ ގަދަބަދަވިކަމެއް ނުވަތަ މަކަރެއް ޙީލަތެއް ނެތުމެވެ. އަލްޚުލާފާއުއްރާޝިދޫންގެ ތެރެއިން ކޮންމެ ބޭކަލަކުވެސް ވެރިކަމަށް ވަޑައިގަތީ މިހަމައިގެ މަތީންނެވެ.

އިސްލާމީ ދުސްތޫރުގެ މުހިންމު އަސާސުތަކުގެ ތެރޭގައި ހިމެނޭ އަނެއްކަމަކީ އިސްލާމީ ދައުލަތުގެ ކަންތައްތައް މުސްލިމުންގެ މެދުގައި މަޝްވަރާ ކުރެވިގެން ނިންމެމުން ދިޔުމެވެ. މަޝްވަރާ ކުރެވޭން ޖެހެނީ އެބައެއްގެ ޢިލްމުވެރިކަމާއި، ތަޤްވާވެރިކަމާއި، ބުއްދިތަނަވަސް ކަމާމެދު އާއްމު މުސްލިމުންގެ އިތުބާރު ލިބިފައިވާ މީސްމީހުނާއެވެ. ޙައްޤުބަސް ފިޔަވައި އެހެން ބަހެއް ނުބުނާނެ ކަމުގެ އިތުބާރު މުސްލިމުންނަށް އޮންނަ ފަރާތްތަކާއެވެ. ކޮންމެ ކަމެއްގައިވެސް ތިމާގެ ޟަމީރާއި، ތިމާގެ ޢިލްމާ އެއްގޮތަށް ތެދުވެރިކަމާއި އީމާންތެރިކަމާއެކު މަޝްވަރާ ދޭނެކަމުގެ ޔަޤީންކަން އޮންނަ މީސްމީހުނާއެވެ. ސަރުކާރު ނުސިޔާނު މަގަކަށް އަޅުވަން ލަފާނުދޭނެ ކަމުގެ އިތުބާރު އޮންނަ މީހުނާއެވެ. މިޒަމާނުގެ އިސްޠިލާޙުން ދަންނަވާނަމަ މިއީ އިސްލާމީ ދައުލަތެއްގެ ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންގެ ޝަރްޠުުތަކޭ ދެންނެވިދާނެއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމީ ދައުލަތުގެ ދުސްތޫރުގައިވާ އަސާސީ ޙައްޤެކެވެ. މިޒަމާނުގެ ޖުމްހޫރީ ދުނިޔެވަނީ އެކަން ޤަބޫލުކޮށްފައެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ޚިޔާލުތަކާއި އެމީހެއްގެ ޝުޢޫރު ފާޅުކުރާނެ ފުރުޞަތު ލިބުމުގެ މައްޗަށް ދަނީ ބާރުއަޅައި ވަކާލާތު ކުރެވެމުންނެވެ. އެ ޚިޔާލުތަކާއި ޝުޢޫރުތައް ޤަބޫލުކުރުން ނުވަތަ ޤަބޫލު ނުކޮށް ރައްދު ކުރުމަކީ އެހެން މީހުންގެވެސް ޙައްޤެކެވެ. ނަމަވެސް ޚިޔާލާއި ޝުއޫރު ފާޅުކުރުމުގައި އެއްވެސް އިމެއް ނުވަތަ ހިފެހެއްޓުމެއް ނެތުމަކީ މުޖުތަމަޢަކަށް ވަރަށް ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ ކަމެއްކަމީވެސް ޤަބޫލުކުރެވިފައިވާ ޙަޤީޤަތެކެވެ. އެހެންކަމުން ޚިޔާލުފާޅު ކުރުމުގައި ތަބަޢަވާންޖެހޭ ބައެއް މިންގަނޑުތަކާއި ގިރާކުރެވިގެންނުވާނެ ބައެއް އިންތައްވެސް އިސްލާމީދުސްތޫރުގައި ވަނީ ކަނޑައެޅިފައެވެ.

އިސްލާމްދީނުގެ ނަޒަރުގައި، އިންސާނާގެ ދޫ ބަންދު ނުކުރެވުމަކީ އޭނާއަށް ލިބިގެންވާ ފިޠުރީ ޙައްޤެކެވެ. އޭނާގެ ޚިޔާލު ފާޅުކުރަން އަމުރު އޮތުމަކީ އޭނާގެ ޙައްޤެކެވެ. އޭނާއަށް ފެންނަ ގޮތް އެހެން މީހުންގެ ކުރިމައްޗަށް ހުށަހެޅޭން ޖެހޭނެއެވެ. ނަމަވެސް އިސްލާމްދީން މިރޮނގުން އެކަށައަަޅައިފައިވާ އިންތަކަކީ ފަރުދުންނާއި މުޖުތަމަޢުގެ ފައިދާއާއި ލާބައަށްޓަކައި އެ އިންތަކެއްގެ ބޭނުންތެރިކަމާއި ބުއްދިވެރިކަމާމެދު އިންކާރު ނުކުރެވޭފަދަ އިންތަކެކެވެ.

އިސްލާމްދީނުގެ ނަޒަރުގައި އިންސާނާ އޭނާގެ ޚިޔާލު ފާޅުކުރުމުގައި އަޚްލާޤީ އިންތަކަކަށް ތަބަޢަވާންޖެހޭނެއެވެ. އެހެން މީހުންގެ ނަފުސުގެ ޢިއްޒަތާއި ކަރާމަތަށް އިޙްތިރާމްކުރަން ޖެހޭނެއެވެ. އެހެން މީހުންގެ އަގުވައްޓައިލައި ބަދުނާމުކުރަން މަސައްކަތް ކޮށްގެން ނުވާނެއެވެ. އެހެންމީހުންގެ ޢިއްޒަތާއި އަބުރާ ކުޅޭކަށެއް ނުވާނެއެވެ. ދޮގުބަޔާންތައް ދީ، ހަދަހަދައިގެން ވާހަކަތައް ފަތުރައިގެން ނުވާނެއެވެ. މީހުންނަށް މަލާމާތްކޮށް ފުރައްސާރަކޮށްގެންނުވާނެއެވެ. އާޑަކިޔައި ހަޑިހުތުރު އެއްޗެހި ގޮވައިގެން ނުވާނެއެވެ. ދޫނުބައިކޮށް ބަދުބަހުން މޮށުންފަދަ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ކޮންމެ ކަމަކުން އެއްކިބާވާން ޖެހޭނެއެވެ. އިސްލާމްދީން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންދެނީ މިދެންނެވި ގިއުގަނޑުގެ ތެރޭގައެވެ.

(ނުނިމޭ)

comment ކޮމެންޓް