ތެޔޮ ސަޕްލައިކުރާ މިންވަރު ދަށްކުރުމާ ގުޅޭ ގޮތުން އޯޕެކްގައި މަޝްވަރާކޮށްފި

ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކްގެ ގައުމުތަކުގެ މެދުގައި ތެލުގެ ސަޕްލައި މަދު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ޖަމިއްޔާގައި ހިމެނޭ ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކާއި، އޯޕެކްގެ ގަވަރުނަރުންނެވެ.

އޯޕެކުން ބުނި ގޮތުގައި ތެލުގެ އަގު ދަށަށް ދިއުމާ ގުޅިގެން އެ ޖަމިއްޔާގެ ގައުމުތަކަށް ދަނީ ގެއްލުމާ ކުރިމަތިވަމުންނެވެ. އަދި އެކަން ހައްލު ކުރުމަށް ކުރެވެން އޮތް މަސައްކަތަކީ ތެޔޮ އުފައްދާ މިންވަރު މަދުކޮށް، އެކްސްޕޯޓު ކުރުމުގެ މިންވަރުވެސް ދަށް ކުރުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ނަމަވެސް ހުކުރު ދުވަހު ބޭއްވި މި ބައްދަލުވުމަށްފަހު އެ ޖަމިއްޔާއިން ބުނީ ތެލުގެ ސަޕްލައި މަދު ކުރުމަށް ކުރި މަޝްވަރާތައް ދަނީ އިތުރަށް އޮޅުންބޮޅުން ވަމުން ކަމަށެވެ.

އެ ޖަމިއްޔާއިން މިހެން ބުނެފައިވާއިރު ދުނިޔޭގެ މާކެޓުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 50 ޑޮލަރަށްވުރެ ދަށުގަ އެވެ.

comment ކޮމެންޓް