ޕީޕީއެމްގެ އޮފީސް ހިންގި އިމާރާތް ކަމަށްވާ ހ. ތެމާ، މިއަދު ހުޅުވިއިރު، އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ނިސްބަތްކޮށް ހަޑިހުތުރުބަހުން އޮފީސް ތެރޭގެ ފާރުތަކުގައި އެކި އިބާރާތުން ލިޔުންތައް ލިޔެފައި ހުއްޓައިފެނިއްޖެއެވެ.
ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފެކްޝަނުން އެ އޮފީހަށް ވަދެ އެތަނުގައި ހުރި މުދާތައް ގެންގޮސް އެތަނުގައި ތަޅެއް އެޅުވިފަހުން ރައީސް މައުމޫންގެ ފެކްޝަނުން އެ އިމާރާތް ހުޅުވީ މިއަދު ހަވީރުއެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫން ވިދާޅުވީ، އެ އިމާރާތުގެ ތަޅުދަނޑި އިއްޔެ ގޭގެ ވެރިފަރާތާ ހަވާލުކުރަން ރައީސް ޔާމީންގެ ފެކްޝަނުން އުޅުނު ކަމަށެވެ. ނަމަވެސް ފުލުހުންގެ ހާޒިރުގައި ނޫންގޮތަކަށް ތަޅުދަނޑިއާ ހަވާލުވާން ބޭނުންނުވާ ކަމަށް ގޭގެ ވެރިފަރާތުން ރައީސް ޔާމީން ފެކްޝަންގެ ބޭފުޅުންނަށް އަންގާފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.
ޕީޕީއެމް އޮފީސް ހިންގި އިމާރާތުގެ އެތެރޭގެ ފާރެއްގައި ރައީސް މައުމޫނަށް ގޮންޖައްސަވައި ލިޔެފައިވާ ލިޔުމެއް --- ސަން ފޮޓޯ: ފަޔާޒު މޫސާ
ޔުމްނާ ވިދާޅުވީ، މިއަދުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް ގޭގެ ވެރިފަރާތުން ވަނީ އޭނައަށް އެ އިމާރާތް ކުއްޔަށްދީފައި ކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީން ފެކްޝަނުން ކުރިން ހަމަޖައްސާފައި އޮތީ މިއަދު ހަވީރު 5:00ގައި އެތަނުގެ ތަޅުދަނޑި ހަވާލުކުރަން ކަމަށެވެ. ނަމަވެސް ތަޅުދަނޑި ހޯދަން އެ ފެކްޝަންގެ ބޭފުޅަކަށް 5:00ގައި ގުޅުމުން، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލްގެ ފޯނު ނަންބަރު ދިނުމަށްފަހު އޭނާއަށް ގުޅުމަށް ދެންނެވި ކަމަށާއި ޚަލީލަށް ގުޅިއިރު އޭނާގެ ފޯނު ވަނީ ނިއްވާލާފައި ކަމަށް ޔުމްނާ ވިދާޅުވިއެވެ.
ފުލުހުންގެ ހާޒިރުގައި މިއަދު އެ އިމާރާތަށް ވަނުމަށް ބޭނުންވާކަމަށް ބަޔާންކޮށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވީ، އެ ސިޓީގެ ޖަވާބެއްނުލިބިގެން ފުލުހުންނަށް ގުޅުމުން ނަންބަރެއް ދިނުމަށްފަހު އެ ނަންބަރަށް ގުޅުމަށް އެންގި ކަމަށާއި އެ ނަންބަރަށް ގުޅުމުން "އަދި މަތިން ވަކިގޮތެއް ނުނިންމަވާ" ކަމަށް ބުނެފައިވާ ކަމަށެވެ.
ޕީޕީއެމްގެ އޮފީސް ހިންގި އިމާރާތުގެ އެތެރެއަށް ވަނުމަށް ގޭގެ ވެރިފަރާތުން ހުއްދަދެނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
ނާދިރާ ވިދާޅުވީ، ފުލުހުންގެ ހާޒިރުގައި އެތަން ހުޅުވަން ކުރި މަސައްކަތް ކާމިޔާބުވާގޮތް ނުވުމުން ދެން ނިންމީ ނޫސްވެރިންގެ ހާޒިރުގައި އެތަން ހުޅުވަން ކަމަށެވެ.
އެގޮތުން ނޫސްވެރިންގެ ހާޒިރުގައި ގޭގެ ވެރިފަރާތުން ހުއްދަ ހޯދައިގެން ވަނީ އެ އިމާރާތަށް ވަންނަ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން އެތަނަށް ވަދެފައެވެ. އެންމެ ފުރަތަމަ އެތަނަށް ވަނުމުގެ ފުރުސަތު ދިނީ ނޫސްވެރިންނަށެވެ.
ނޫސްވެރިން އެ އިމާރާތުގެ އެކި ތަންތަން ބެލިއިރު، ފާރުތަކުގައި ރައީސް މައުމޫނަށް ނިސްބަތްކޮށް ހަޑިހުތުރުބަހުން ތަފާތު ލިޔުންތަކެއް ވަނީ ލިޔެފައެވެ. އެއީ ހަޑިހުތުރު ބަސްތަކެއް ކަމަށްވާތީ ލިޔެފައިވާ ލިޔުންތަކަކީ ކޮބައިކަން ނޫސްތަކާއި ޓީވީތަކުން ނުގެނެސްދެވޭނެއެވެ.
ރައީސް މައުމޫނަށް ގޮންޖައްސަވައި އެތަނުގެ ފާރެއްގައި ލިޔެފައި ވަނީ "މައުމޫނު އަތުން ދެން އޮންނާނީ ޕާޓީ އަތުލާފައި" ކަމަށެވެ.
ޕީޕީއެމްގެ އޮފީސް ހިންގި އިމާރާތުގެ ވެރިފަރާތުގެ ހުއްދައާ އެކު އެތަނުގެ ތަޅު ހަލާކުކޮށްލަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ލިޔުންތައް ލިޔެފައިވާ މައްސަލާގައި ނާދިރާ ވިދާޅުވީ، ބޭނުންހާ އެއްޗެއް ފާރުގައި ލިޔެވިދާނެ ކަމަށާއި ނަމަވެސް އެއީ ޕީޕީއެމް އިން ދިވެހި ރައްޔިތުންނަށް ދައްކަން ބޭނުންވާ އުސޫލުތަކެއް ނޫން ކަމަށެވެ.
"ބޭނުންހާ އެއްޗެއް ފާރުގައި ލިޔެވިދާނެ. މާތްރަސްކަލާނގެ ދުލެއް ދެއްވާފަ އޮވެއްޖެއްޔާ ބޭނުންހާ އެއްޗެއް ކިއިދާނެ. އެކަމަކު މިއީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކެއް ނޫން. އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ދައްކަން ބޭނުންވާ އުސޫލުތަކެއް ވެސް ނޫން މިއީ. އެ އަޚްލާގެއް ވެސް ނޫން މިއީ. އަޅުގަނޑު ދަންނަވާނީ މިއީ ގޮތް ހުސްވީމަ ކުރި ކަމެކޭ،" ނާދިރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ވެސް ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.
ޕީޕީއެމް އޮފީސް ހިންގި އިމާރާތުގެ ތެރެ ނޫސްވެރިންނަށް މިއަދު ދައްކާލަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
މިކަމާގުޅޭގޮތުން ރައީސް ޔާމީން ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ، ޕީޕީއެމްގެ ނައިބުރައީސް އަބްދުއްރަހީމް އަބްދުﷲ، މިއަދު ވިދާޅުވީ، އެ ފެކްޝަނުން ޕީޕީއެމްގެ އޮފީސް ހުރި އިމާރާތަށް ވަނީ، ފުލުހުންގެ ހާޒިރުގައި ކަމަށާއި، އެތަނުގެ ފާރުތަކުގައިވެސް އަދި އެހެން ތަނެއްގައިވެސް ރައީސް މައުމޫނަށް ނިސްބަތްކޮށް އެއްވެސް ލިޔުމެއް ލިޔެފައިނުވާނޭ ކަމަށެވެ.
"ކަނޑައެޅިގެން އެއީ ދޮގުވާހަކައެއް. އަޅުގަނޑުމެން އެތަނަށް ވަދެ އެތަނުގައި ހުރި ލިޔެކިޔުމާއި އިދާރީ ތަކެއްޗާއި ބޭނުންވާ އެހެނިހެން ތަކެތި ނެރުނީވެސް ފުލުހުންގެ ހާޒިރުގައި. އަޅުގަނޑުމެން އެތަނަށް ވަދެފައި ނުކުމެގެން އައިއިރު ރައީސް މައުމޫނަށް ވެސް އަދި އެހެން ބޭފުޅަކަށްވެސް ނިސްބަތްވާ އެއްވެސް ބޭއަދަބީ ލިޔުމެއް ލިޔެފައި ނުހުންނާނެ އެއްވެސް ތަނެއްފައި،" އަދުރޭ ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.