ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތުގެ ދަށުން ހިންގަމުން އަންނަ ޕީޕީއެމްގެ ކައުންސިލަށް އެ ޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ތޮލާލާއި އަހުމަދު ބުންޔާމީން އައްޔަންކޮށްފި އެވެ.
އެ ދެ ބޭފުޅުން ރައީސް ޔާމީން ފެކްޝަނުގެ ކައުންސިލަށް އައްޔަންކޮށްފައި ވަނީ ރޭ ބޭއްވި ކައުންސިލު ބައްދަލުވުމުގަ އެވެ.
ރައީސް ޔާމީން ފެކްޝަނުގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ހަލީލު "ސަން"އަށް މިއަދު ވިދާޅުވީ ރޭގެ ކައުންސިލުގައި ޕާޓީގެ އަހަރީ ދުވަހުގެ ޖަލްސާއާއި ޕާޓީގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފާހަގަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
ހަލީލު ވިދާޅުވީ ރޭގެ ކައުންސިލުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ޕީޕީއެމްއާ ގުޅެން ބޭނުންވާތީ އެކަމާ ގުޅޭ ގޮތުން އެޕާޓީއާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބައެއް ކޮމެޓީތަކަށް ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުން ވެސް ރޭގެ ކައުންސިލުގައި ކުރިއަށް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމުލަ 26 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކައުންސިލު ބައްދަލުވުމުގައި ރޭ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފަ އެވެ.
ރޭ ރައީސް ޔާމީނު ފެކްޝަނުގެ ކައުންސިލް ބައްދަލުވުމެއް ބާއްވާފައިވާ އިރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނުގެ ކައުންސިލް ބައްދަލުވުމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.