ކަރަންޓު ބޭނުން ކުރުމުގައި އާއްމުންގެ ހޭލުންތެރިކަން ހުރި މިންވަރު ބެލުމަށް ދިރާސާއެއް ކުރަނީ

އެނާޖީ އެފިޝެންސީއާ މެދު ހޭލުންތެރިކަން ހުރި މިންވަރު ދެނެ ގަތުމަށްޓަކައި ދިރާސާއެއް ހެދުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެނާޖީ އެފިޝެންސީ ނުވަތަ ހަކަތަ ބޭނުން ކުރުމުގައި އިސްރާފު ވެގެންދާ މިންވަރާ މެދު ރައްޔިތުންގެ ހޭލުންތެރިކަން ހުރި މިންވަރު ދެނެ ގަތުމަށްޓަކައި ދިރާސާއެއް ހެދުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދެވެ. އަދި ރިޔަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަމީޒެވެ.

އެ އެއްބަސްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަތީން ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އާއްމުން ކަރަންޓުގެ ހިދުމަތް ބޭނުން ކުރުމުގައާއި، ކަރަންޓުގެ ސާމާނު ގަންނަ އިރު ވިސްނާ ކަންތައްތަކާާ ބެހޭ މައުލޫމާތު ނެގޭނެ ކަމަށެވެ.

"ގޭތެރޭގައި ކަރަންޓުގެ ހިދުމަތް ބޭނުންކުރާއިރު މީހުންގެ ވިސްނުން ހުންނަ ގޮތް. މިސާލަކަށް އެއާކޮންޑިޝަން ގަންނަ އިރު ވިސްނަނީ އޭގެ އަގާމެދު އެކަނިތޯއާއި، އޭގައި ހަކަތަ ބޭނުންކުރާ މިންވަރާ މެދު ވިސްނާތޯ، ނުވަތަ އެހެނިހެން ތަކެތި ދޮންނަ މެޝިން ނުވަތަ އަވަން ކަހަލަ އެއްޗެހި ގަންނައިރު ކިހާވަރަކަށްތޯ އާއްމު މީހާ ވިސްނަނީ،" މަތީން ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މަތީން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ އިޙްތިޝާމް މުހައްމަދު

އޭނާ ވިދާޅުވީ، އެއީ ރާއްޖޭގައި އެފަދަ ދިރާސާއެއް ކުރާ ފުރަތަމަ ފަހަރު ކަމަށާއި، އެ ދިރާސާއިން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެނާޖީ އެފިޝަންސީއަށް ހޭލުންތެރި ކުރުމުގެ ކެމްޕެއިނެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.

މަތީނު ވިދާޅުވީ އެނާޖީ އެފިޝަންސީގެ ތެރެއިން ވޭތުވެ ދިޔަ ތިން އަހަރުތެރޭގައިވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ރާއްޖޭގައި މަގުމަތީ ބައްތިތައް ދިއްލުމުގައި ލެޑް ލައިޓަށް ބަދަލު ކުރުމަށް ހިލޭ 270،000 ލައިޓް ބަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓްރެންތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ދިރާސާ ކުރުމަށް ރިޔަން އާ ހަވާލުކޮށްފައިވަނީ، 490،000 ރުފިޔާއަަށް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.

comment ކޮމެންޓް